އަހަރެމެން ﷲ ތަޢާލާއަށް އީމާންވެގެން މިތިބީ އަހަރެމެންނަށް ބޭނުންވާ އެންމެހައި ކަންކަން ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެތީއެވެ. އެހެން އެއްވެސް ފަރާތަކަށް އަހަރެމެންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަން ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ. އަހަރެމެން އެކަމަށް އެދިގެން މަސައްކަތްކުރުމުން ހުރިހާ ކަމެއްވެސް ފުއްދަވައި ދެއްވަވާނބެ ކަމުގެ ޔަޤީންކަން ﷲ ތަޢާލާ މިވަނީ ދެއްވަވައިފައެވެ.
1 ތިމަން ﷲގެ މަތިން ހަނދުމަކުރާށެވެ! އެއިރުން ތިމަން ﷲ ތިއަބައިމީހުންގެ މަތިން ހަނދުމަކުރައްވާހުށީމެވެ.
"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަަބައިމީހުން ކާފިރު ނުވާށެވެ!" (ބަޤަރާ: 152)
2 ތިމަން ﷲ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވާށެވެ! އެއިރުން ނިޢްމަތް އިތުރުކުރައްވަވާހުށީމެވެ.
"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރުނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބް ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް 7)
3 އެދޭށެވެ! ފުއްދަވައިދެއްވަވާނަމެވެ!
"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." (އަލްޣާފިރު: 60)
4 ތައުބާވުންމަތީގަ ހުރި މީހަކަށް ޢަޛާބެއް ނުދެއްވަވާނެތެވެ.
"އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ. އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ." (އަލްއަންފާލް: 33)
މި 4 އާޔަތަށް އެކަނި ބެލި ނަމަވެސް އިންސާނާއަށް ބޭނުންވާނެ ހުރިހާ ކަންކަން އެމީހަކު އެދުމުން އަދި އެދިގެން އެކަމަށް މަސައްކަތްކުރުމުން ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނބެކަން މިއޮތީ އެނގޭށެވެ. ފުރަތަމަ އާޔަތުގައި "ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ." އޮތް އޮތުމާއިމެދު ފުންކޮށް ވިސްނައިލާށެވެ! އެމީހެއްގެމަތިން ﷲ ތައާލާ ހަނދުމަފުޅު ކުރައްވަވާ އަޅަކަށް މަދުވާނީ ކޮން ކަމެއް ހެއްޔެވެ؟ ދެވަނަ އާޔަތުގައި "ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ." އޮތުމުން ނިޢްމަތްތައް އިތުރުކުރަން ޢަމަލުކުރަންވީ ގޮތް އެއޮތީ ފެންނާށެވެ. 3 ވަނަ އާޔަތުގައި " ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ." އޮތުމުން ކަމެއް ޙާޞިލު ނުކުރެވިގެން މާޔޫސްވުމެއް ނެތްކަން އެއޮތީ އެނގޭށެވެ. 4 ވަނަ އާޔަތުގައި "އަދި އެއުރެން އިސްތިޣްފާރު ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެތެވެ." އޮތުމުން ﷲ ތަޢާލާގެ ޢަޛާބުން ސަލާމަތްވެވޭނެ ގޮތްވެސް މިއޮތީ އެނގޭށެވެ.
ވީމާ މި 4 އާޔަތުގައި ހިފަހައްޓައި ސާބިތުވެއްޖެ މީހަކަށް ދުނިޔެއާއި އާޚިރަތުގައި ވެސް ޙާޞިލު ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތްކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. ހިފަހައްޓައި ސާބިތުވުމަކީ އެމީޯހެއްގެ ކިބައިގައި އޮތް ކަމެކެވެ.