ތޭރަ އަހަރުގެ ކުއްޖަކާއި ކޯޓުން ބޭރުން ކައިވެނިކުރި މައްސަލައިގަ ފިޔަވަޅު އަޅަންވަނީ އެދިފަ: ޖެންޑާ

ކިޔުމަށް ހޭދަވާނީ 1މ 44ސ
ތޭރަ އަހަރުގެ ކުއްޖަކާއި ކޯޓުން ބޭރުން ކައިވެނިކުރި މައްސަލައިގަ ފިޔަވަޅު އަޅަންވަނީ އެދިފަ: ޖެންޑާ

އުމުރުން 13 އަހަރުގެ ކުއްޖަކާއި ކޯޓުން ބޭރުން ކައިވެނިކުރި މައްސަލައެއްގައި ފިޔަވަޅު އަޅަން އެދިފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ލަނޑާ ނެގުމުގެ މަސައްކަތް ކުރާ ދޯންޏެއްގެ އިސް މީހަކަށް އުޅުނު ރ. މަޑުއްވަރީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ކަނޑަށް އެއްލާލި މައްސަލައެއް އިއްޔެ ފެންމަތިވެފައިވަނިކޮށް، އެފިރިހެން މީހާއަކީ އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މީހެއްކަން ވެސް ވަނީ ފެންމަތިވެފައެވެ. އަދި އެކުއްޖާ މިފަހުން ބަލިވެ އިނުމުން، އެމައްސަލަ ޖެންޑާއިން ބެލިކަމަށް އެމިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ނަންހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" މައުލޫމާތު ދިން މީހަކު ބުނީ، އުމުރުން 26 އަހަރުގެ އެފިރިހެންމީހާ ކޯޓުން ބޭރުގައި އެކުއްޖާއާއި ކައިވެނިކުރީ އަންހެން ކުއްޖާގެ އާއިލާގެ ރުހުމުގައެވެ. އެމައްސަލަ އާއިލާގެ ދުރު މެމްބަރެއް ފުލުހުންނަށާއި، އެމްއެންޑީއެފް އަށް އަދި ޖެންޑާއަށް ވެސް ޖެއްސި ކަމަށާއި ނަމަވެސް އެއިރު އެއްވެސް ފަރާތަކުން އެކަމާއި އަޅާނުލި ކަމަށާއި މިހާރު މިމައްސަލަ ފެންމަތިވެގެން މިއުޅެނީ އަންހެން ކުއްޖާ ބަލިވެ އިނުމުން ޑޮކްޓަރަށް ދައްކަން ދިޔުމުން، އެހޮސްޕިޓަލުގެ ފަރާތުން އެމައްސަލަ ޖެއްސުމުން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިމައްސަލައާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުޑަ ކުއްޖަކު ބަލިވެއިން ކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން އެމިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާތްތައް ަގުތުން ފުރިހަމަ ކުރިކަމަށެވެ.

"ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގު އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓްރީން އަރުވަމެވެ،" ޓްވީޓްގައި ބުންޏެވެ.

ބަލިވެ އިން އަންހެން ކުއްޖާ މިހާރު ހުރީ ކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްފައި ކަމަށްވެސް އެނގިފައިވެ އެވެ. އަދި އެ ކުއްޖާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފަ އެވެ.

މިއަދު އޮންލައިން