އަށާރަ އަހަރު ނުފުރޭ ކުދިން ކައިވެނީގެ ބޭރުން ދަރިން ހޯދުމުގެ މައްސލަތައް އަބަދުވެސް ދަނީ ފެންމަތިވަމުންނެވެ. މިދިއަ އަހަރުވެސް އަދި އެއިގެ ކުރީގެ އަހަރުތަކުގައިވެސް އެފަދަ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
އަށާރަ އަހަރު ނުފުރެނީސް ކައިވެނި ނުކުރެވެނީ އެކަމަށް ޤާނޫނީ ހުރަސްތަކެއް ހުރުމުންނެވެ. އެހެންކަމުން އުފެދޭ ސުވާލަކީ މިކަމުގައި ޤާނޫނު ހެދި މީހުން ނަގަނީ ކޮން ޒިންމާއެއް ހެއްޔެވެ؟
ޑިމޮކްރސީގެ ގޮތުން އެންމެ ކުރިއަރާފައިވާ ކަމަށް ބުނާ އެމެރިކާގައި ކައިވެނިކުރުން ހުއްދަ ޢާންމު އުމުރަކީ 18 އަހަރެވެ. ނަމަވެސް ވަރޖިނިއާ ސްޓޭޓްގައި މައިން ބަފައިން ރުހޭނަމަ އުމުރުން 12 އަހަރުގައި ކައިވެނިކޮށްދެއެވެ. ނިޔުހެމިސްފަރ 13 އަހަރުގައި ކައިވެނިކޮށްދެއެވެ. އަލްބާމާގައި 14 އަހަރުގައި ކައިވެނިކޮށްދެއެވެ. 18 އަހަރުވުމުން ކައިވެނިކުރާނަމަ މައިން ބަފައިންގެ ހުއްދަ ބޭނުމެއް ނުވެއެވެ. ވީމާ 18 އަހަރު ކަނޑައަޅާފައިވަނީ މައިންބަފައިންގެ ހުއްދަ އާއި ނުލައި ކައިވެނިކުރެވޭ އުމުރު ކަމަށެވެ.

އިސްލާމް ދީނުގައި އޮތީ ބާލިޣްވުމުން ކައިވެނިކުރެވޭނެ ކަމަށެވެ. އިސްލާމް ދީނުގެ ޙުކުމްފުޅުތަކަކީ ﷲ ތައާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކެވެ. މީސްތަކުންނަށް އޮތީ ބަލައިގަތުމެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ކަމަކީ ބާލިޣްވާއިރަށް ކައިވެނި ކުރުމަށް އިސްލާމް ދީނުގައި އަމުރުވެވިގެން ނުވާކަމެވެ.
ކޮންމެ ޤައުމެއްގައިވެސް އުޅެން ޖެހޭނީ އެ ޤައުމެއްގެ ޤާނޫނު އަސާސީއަށް ތަބާވެގެންނެވެ. ކޯޓުން ބޭރުގައި އަމިއްލައަށް ކައިވެނިކުރުމަކީ ރާއްޖޭގައި ހުއްދަ ކަމެއް ނޫނެވެ. ވީމާ އެ ޤަވާއިދަށް، ޤާނޫނަށް އެންމެންވެސް ޢަމަލުކުރަން ޖެހޭނެއެވެ. އަދި ޢަމަލު ނުކުރާނަމަ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައްވެސް އަޅަން ޖެހޭނެއެވެ.
މިކަމާއި ގުޅިގެން ޑރ. ޒާކިރު ނައިކް ވިދާޅުވެފައިވަނީ ރަސޫލް (ޞޢވ) ޢައިޝަތުގެފާނާއި ކައިވެނިފުޅު ކުރެއްވެވީ އެއިރު އެކަމުގެ ޙުކުމް އިސްލާމްދީނުގައި ވަކިގޮތަކަށް ނެތުމުން ކަމަށާއި އެކައިވެނިފުޅަކީ ޢަރަބިންގެތެރޭގައި އެއިރު އޮތް އާދަކާދައާއި ޘަޤާފަތުގެ ތެރެއިން ކުރެވިފައިވާ ކައިވެނިފުޅެއް ކަމަށެވެ. އަދި ކައިވެނިފުޅު ކުރެއްވެވި ނަމަވެސް ރަސޫލް (ޞޢވ) ޢައިޝަތުގެފާނުގެ އަރިއަހުގައި ރޭ ކުރައްވަވާފައިވަނީ ބާލިޣްވެވަޑައިގެންނެވިފަހުން ކަމަށާއި ޢައިޝަތުގެފާނު ބާލިޣްވެވަޑައިގަތީ ޢުމުރުފުޅުން 9 އަހަރުގައި ކަމަށެވެ.
ރަސޫލް (ޞޢވ) ކުރެއްވެވި ކައިވެނިފުޅުތަކަށް ބަލާއިރު، އަލަތު ކައިވެނިފުޅު ކުރެއްވެވީ ޚަދީޖަތުގެފާނުގެ ޢުމުރުފުޅުން 40 އަހަރުގައެވެ. އެއިރު ރަސޫލް (ޞޢވ)ގެ ޢުމުރުފުލަކީ 25 އަހަރެވެ. އަދި ރަސޫލް (ޞޢވ) އިތުރަށް ކުރެއްވެވި ކައިވެނިފުޅުތައް ކުރައްވަވާފައިވަނީ ދޮށީ ޢުމުރުފުޅުގެ ބޭކަނބަލުންނާއިއެވެ. ހުވަފަތްވެވަޑައިގެންފައި ތިއްބެވި ބޭކަނބަލުންނާއިވެސްމެއެވެ.
ވީމާ ރަސޫލް (ޞޢވ) ކުރެއްވެވި ކައިވެނިފުޅުތަކުގެ ޙަޤީޤަތް އޮޅުވައިލުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމަ އެއާއިއެކު އުފެދޭ ސުވާލުތައްވެސް އެބަހުއްޓެވެ. ކުޑަކުދިން ޙައިޟުވޭތޯއެވެ؟ ކުޑަކުދިންނަށް ދަރިން ލިބޭނެތޯއެވެ؟
ރަސޫލް (ޞޢވ) ޢައިޝަތުގެފާނާއި ކުރެއްވެވި ކައިވެނިފުޅަށް ނިޞްބަތްކޮށް އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ބަދުބަސް ބުނެ ފުރައްސާރަކުރަމުން ގެންދާއިރު މިކަމުގައި އިސްލާމިކް މިނިސްޓްރީގެ ބަހެއް ހާމަކުރަން ޖެހޭ ކަމަށް ގިނަ ބައަކުދަނީ ބުނަމުންނެވެ. އިސްލާމް ދީނުގައި ކަން އޮތްގޮތް ހާމަކުރަން ޖެހޭ ކަމަށް ގިނަ ބައަކު ދެކެއެވެ.