އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭ މުޤައްރަރުތަކަށް އަމާޒުކޮށްގެން ގެނެވޭ ބައެއް ބަދަލުތަކާއި މެދު ވިސްނައި ބެލެނިވެރިން ފާރަވެރިވެގެން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ލާދީނީ އެމްޑީއެން ފަދަ ޖަމާއަތްތަކުން ނެރެފައިވާ ރިޕޯޓްތަކަށް ރިޢާޔަތްކުރެވިގެން ތަފާތު އެކިއެކި ކަންކަން ހިނގައިފާނެ ކަމުގެ ބިރުވެރިކަން މިވަގުތު އުފެދިފައި އޮތުމުން ކަމަށް ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ސަލަފު ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ އެހެންވީމައި އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭ މުޤައްރަރު ތަކާއިމެދުގައިވެސް ފާރަވެރިވެ ސަމާލުވެ ތިބުމަކީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގަންނަވާ ވަރަށް ބޮޑުކަމެއް ކަމަށެވެ.
"ހަމައެއާއިއެކު އެމްޑީއެންގެ ފިކުރުގެ ތެރެއިން ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ސުވާލު އުފައްދައި މާތް ނަބިއްޔާ (ޞޢވ)ގެ އަބުރުފުޅަށް އަރައިގަނެ ކީރިތި ޤުރްއާނުގެ ޞައްޙަކަމާއިމެދު ސުވާލު އުފައްދައި އެތައް ބައިވަރު ޖަރީމާތަކެއް އެންމެންގެ ލޯމައްޗަށް ހިންގި ހިންގުމާއި ވިދިގެން ތިއަ ބޭފުޅުންގެ ޝުޢޫރު ފައުޅުކުރައްވައި ދީނީ ޤާނޫނީ ހަމަތަކުގެ ތެރެއިން ތިއަ ބޭފުޅުން އެކަންކަމަށް ދެކޮޅު ހައްދަވައިފީމު. އެކަން ފާހަގަކޮށް ޝުކުރު ދަންނަވަން. އަދި އެގޮތަށް ދިމާވާ ކޮންމެ ކަމެއްގައި އެކަތިގަނޑަކަށްވެ އަޅުގަނޑުމެންނަކީ އިސްލާމީ ޝަޚުޞިއްޔަތު ރާއްޖޭގައި ހިފަހައްޓާނެ ބައެއް ކަމަށާއި އަޅުގަނޑުމެންގެ ކާބަފައިން އިސްލާމްދީނަށްވީ ވަފާތެރިކަމުގައި އޅުގަނޑުމެންވެސް ދެމިތިބެން ޖެހޭނެ ކަމަށް ޤަބޫލުކޮށް އެގޮތުގައި ދެމިތިބުމަށް މިވަގުތުގައިވެސް އަޅުގަނޑު ހިތްވަރުދެން."
"ހަމަ އެއާއިއެކު އަޅުގަނޑުމެންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމަށާއި އެކުދިންނަށް މާތްވެގެންވާ އިސްލާމް ދީނުގެ ރިވެތި އަޚްލާޤާ މެދުމިނުގެ އުޞޫލުތަކަށް ހޭލުންތެރިކުރުވައި ހަރުކަށި ފިކުރާ ދެކޮޅަށް އެކުދިން ތަރުބިއްޔަތުކޮށްދިނުމަކީ ވަރަށް ބޮޑަށް އިލްތިމާސްކުރަން."
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ހަމަ އެއާއިއެކު ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ޜާއްޖެ ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތަކަށް ވުމުން އެކަމަށް ފާރަވެރިވެ، ޒިންމާދާރުވެ ވަފާތެރިވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވާ ކަމަށެވެ.