މަސައްކަތްތެރި އަންހެނުންގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސިއްޖިއްޖެ ނަމަ އުފެއްދުންތެރިކަން އިތުރުވެ، އެކަމުގެ ހެޔޮ އަސަރު އިޤްތިޞާދަށް ކުރަން ފަށާނެ ކަމަށާއި ވަކިން ޚާއްޞަ ގޮތެއްގައި، ފަރުދީ ފުދުންތެރިކަން އިތުރުވެ، ޢާއިލާގެ އުފާވެރިކަންވެސް އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފަންނު އެކްސްޕޯ 2019" ހުޅުވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ވަކިން ޚާއްޞަ ގޮތެއްގައި ހުނަރުވެރި ދިވެހި ޒުވާނުންގެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދައިދިނުމަކީ، މި މައުރަޒުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމަށާއި ހަމައެފަދައިން، ގޭގައި ތިބެގެން މަސައްކަތްކުރާ ވަރަށް ގިނަ، ވަރަށް ހުނަރުވެރި ދިވެހި އަންހެނުންތަކެއްވެސް، އިޤްތިޞާދީ ނަފާވެރިކަމުން ހަވާސާވެފައި ތިބުމުން އެމީހުންގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީވެސް މި މައުރަޒުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
ކޮންމެ މައުރަޒެއްގައިވެސް މުހިންމު ދެ ބައެއް އެބަ ހިމެނޭ. ފުރަތަމަ ބަޔަކީ، އުފެއްދުންތައް ދައްކާލުމުގެ ބައި. އުފެއްދުންތައް އެއް ތަނަކުން ގިނަ ބަޔަކަށް ފެންނާނެ ގޮތް ހެދުން. ދެވަނަ ބަޔަކީ، ވާދަކުރުމުގެ ބައި. މައުރަޒަކަށް މި ވަނީ މި ދެބައި އެކުވީމަ.
އެހެންވީމާ، ގިނަ ބައަކަށް އުފެއްދުންތައް ދެއްކުމަށްޓަކައި މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރާއިރު، ބައިވެރިކުރާ ތަކެތީގެ ފެންވަރު ރަނގަޅުކުރުމަކީވެސް ވަރަށް މުހިންމު ކަމެއް. ކޮންމެ އުފެއްދުމެއްގެވެސް އަގު އުފުލިގެން މިދަނީ، އެ އުފެއްދުމެއްގެ ފޭރާން ހެޔޮވެ، މަސައްކަތްތައް ފަށުވިވާ މިންވަރަކުން. އެހެންވީމާ، މައުރަޒެއްގައި ބައިވެރިވުމުގައި އޮންނަ ދެ މަޤްޞަދަކީ، ރަނގަޅު އަގުގައި އުފެއްދުމެއް ވިއްކައިލުމާއި، ރަން ވަނައެއް ހާސިލުކުރުން.
އަޅުގަނޑުމެން ދިވެހީންނަކީ، ޒަމާނުއްސުރެ ތަފާތު ފަންނުތަކުގައި އާދަޔާ ޚިލާފު ހުނަރުވެރި ވިސްނުންތަކެއް ގެންގުޅޭ ބައެއް. ރާއްޖޭގެ އެކި ކަންކޮޅުގައި ހުރި ދުވަސްވީ މިސްކިތްތަކާއި ޒިޔާރަތްތަކަކީ، ޢިމާރާތް ކުރުމުގެ ފަންނުގައި ދިވެހިންގެ ހުނަރުވެރިކަމާމެދު ސުވާލު ނުއުފެދޭހާ މޮޅު އުފެއްދުންތަކެއް. ލިޔެލާޖެހުމާއި ލާފެންކުރުމަކީވެސް، ކަވި އަދި ފަށުވި މަސައްކަތްތަކަށް، ދިވެހީން ހުޝިޔާރުކަން ސާބިތުކޮށްދޭ ވަރަށް ހިތްގައިމު މަސައްކަތެއް.
ދިވެހި ޒުވާނުންނަކީވެސް އަޅުގަނޑުމެން ހީނުކުރާހާ ހުނަރުވެރި މޮޅު ބައެއް. ބޭނުންވަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ނެރެ ހާމަކޮށްދޭނެ ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުން. ޒުވާނުންނަށް މަގު ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުން މުޅިން އާ ދިވެހި އުފެއްދުންތައް މައުރަޒުތަކުން ފެންނަން ފަށާނެ. މި ޒަމާނަށް ބަލާއިރު، ސަޤާފީ ކޮންމެ ކަމަކީވެސް، އަދި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ކޮންމެ ކަމަކީވެސް، އެތައް ގޮތަކުން އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތައް. ކޮންމެ ޤައުމެއްގައިވެސް ބޭރުން އަންނަ މެހުމާނުންނަށް އެންމެ ބޮޑު އަގުގައި ވިއްކޭ އެއްޗަކީ، އެބައެއްގެ ތަރިކައާއި އެބައެއްގެ ސަޤާފަތާ ގުޅޭ ތަކެތި.
އަޅުގަނޑު އުންމީދުކުރަނީ، މި މައުރަޒަކީވެސް، އަޅުގަނޑުމެން މި ބޭނުންވާ އިޤްތިޞާދީ ކުރިއެރުމަށް މަގު ފަހިވެގެންދާނެ، ފެންވަރު ރަނގަޅު އުފެއްދުންތައް ފެންނާނެ މައުރަޒަކަށް ވެގެންދިއުން.
އަޅުގަނޑުމެން ދިވެހީންގެ ފަންނުތައް، ދިވެހި ހުނަރުތައް، އަދި ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި ތަރައްޤީކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. މައުރަޒުގެ އެންމެހައި ބައިވެރިންނަށް ޝުކުރު ދަންނަވަމުން، ވަނަތައް ހޯދާ ހުރިހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން