އެސްއެމްއީ ބޭންކުން މިހާރުވެސް ދުއިސައްތަ ތިރީސްތިން މިލިއަން ރުފިޔާގެ ލޯން ދޭން ނިންމައި ބައެއް ލޯނު ދޫކޮށްފި: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
އެސްއެމްއީ ބޭންކުން މިހާރުވެސް ދުއިސައްތަ ތިރީސްތިން މިލިއަން ރުފިޔާގެ ލޯން ދޭން ނިންމައި ބައެއް ލޯނު ދޫކޮށްފި: ރައީސް ޞާލިޙް

މިސަރުކާރުން އުފައްދައި ޚިދުމަތް ދޭން ފެށި އެސް.އެމް.އީ ބޭންކުން އެ ދުވަހުން ފެށިގެން މިހާތަނަށް، 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށަހަޅާފައި އެބަ އޮތް ކަމަށާއި އެއިގެތެރެއިން މިހައިތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކުރެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފަންނު އެކްސްޕޯ 2019" ހުޅުވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިކަމުން އެނގެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ޙަޤީޤަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން ކަމަށާއި އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް އިޤްތިޞާދީ ދާއިރާގެ ތަރައްޤީގެ ތެރެއިން ޖާގަ ހޯދައިދޭން އެބަޖެހޭ ކަމަށެވެ. "އެކަމަށްޓަކައި ސަރުކާރުންވެސް މި އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް، ސަރުކާރު ކަމާގުޅޭ އިދާރާތަކުން ވަރަށް ބާރަށް ކުރަމުން އެބަގެންދޭ."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން، މި ފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި އެސް.އެމް.އީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިދޭ އެހީތެރިކަމުގެ ފައިދާ އަޅުގަނޑުމެންނަށް އިޤްތިޞާދުން ވަރަށް އަވަހަށް ފެނިގެންދާނެ. އަދި މިފަދަ މައުރަޒުތައް ބާއްވައިގެން، އެފަދަ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ހޯދައިދެވިއްޖެއްޔާ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ޔަޤީން. މިފަދަ މައުރަޒުތަކުން، ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރީންގެ މަސައްކަތްތައް، އާންމުކޮށް އެއް ތަނަކުން ފެނި، އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. ނަމަވެސް، އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިޤްތިޞާދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް އަދި މާގިނަ.

މިދެންނެވި ބާވަތުގެ ވިޔަފާރިތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެބަ ހިނގާ. އަދި ފަރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ، އެންމެ ފުޅާ ދޮރާއްޓަކީވެސް، މި ދެންނެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. އެ ބާވަތުގެ ވިޔަފާރިތައް ކިތަންމެ ގިނަޔަސް، އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ވަރަށް ގިނަ ހުރަސްތަކެއް އެބަ ކުރިމަތިވޭ. އެފަދަ ވިޔަފާރިތަކުގެ ނާޒުކުކަމުންނާއި، ހަރުދަނާ އެކައުންޓިން ނިޒާމުތަކެއް ނެތުމުން، ބޭންކުތަކުން ލޯނުދޭން ފަސްޖެހުމަކީ، އެންމެ ބޮޑު ގޮންޖެހުން. އަމިއްލަ އުފެއްދުންތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި، ރަނގަޅަށް މާކެޓްކުރާނެ ފުރުޞަތު ނެތުމަކީވެސް ޙައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް.

މިފަދަ ކިތަންމެ ހުރަސްތަކެއް ހުރުމުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވޭނެ ރަނގަޅު އޮނިގަނޑެއް ނެތުމުގެ ސަބަބުން، އިޤްތިޞާދަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވޭ. އަދި ރަނގަޅު ނަފާ ލިބޭނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި، އެފަދަ ވިޔަފާރިތައް ނުހިންގެނީ މިފަދަ އެތައް ސަބަބުތަކެއް ހުރީމަ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އެސް.އެމް.އީ ބޭންކެއް ޤާއިމުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށީވެސް، އެފަދަ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައި. އެސް.އެމް.އީ ބޭންކުން ޚިދުމަތް ދޭން ފެށީ، މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު.

މިއަދު އޮންލައިން