ދޮންދޫނި ލިޓްލް ލަރނާސް ޕްރީސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދިޔަ އުމުރުން ހަ އަހަރުގެ ކުއްޖަކު، ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށްފިއެވެ.
އެސްކޫލުން މުޅި ޤުރްއާން އެއްކޮށް ހިތުދަސްކޮށްފައިވަނީ، އެސްކޫލްގެ ޔޫކޭޖީގައި ތައުލީމު ހާސިލުކުރި ރ. އިނގުރައިދޫ/ ޔޫސުފް ބިން މާޒިން އެވެ.
ހިރިޔާ ސްކޫލްގައި ރޭ ބޭއްވި، ދޮންދޫނި ސްކޫލްގެ ދަސްވެނިވުމުގެ ޚަފްލާގައި، ޔޫސުފް އަށް ޗަރަފުވެރި އިނާމު ހަާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ އަޙުމަދު ޒަހިރެވެ.
އެނގިފައިވާ ގޮތުގައި ޔޫސުފް ޤުރްއާން ހިތުދަސްކުރަން ފަށާފައިވަނީ ބޭބީ ނާސަރީން ފެށިގެންނެވެ. އެގޮތުން ބޭބީ ނާސަރީގައި އެއް ފޮތް ހިތު ދަސްކުރިއިރު، ނާސަރީގައި ދެ ފޮތް ހިތު ދަސްކުރިއެވެ. އަދި އެލްކޭޖީ ގައި ތައުލީމު ހާސިލު ކުރިއިރު ފަސް ފޮތް ހިތުދަސްކުރުމަށްފަހު މިއަހަރު ޔޫކޭޖީގައި ޔޫސުފް ވަނީ 22 ފޮތް ދަސްކޮށް، މުޅި ޤުރްއާން ހިތުދަސްކޮށްފައެވެ.
ޔޫސުފްގެ މަންމަ އުންމުހާނީ އިބްރާހިމަކީ ވެސް ޓީވީއެމްގެ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތުން ދެވަނަ ހޯދައިފައިވާ ބައިވެރިއެކެވެ.
ދޮންދޫނި ސްކޫލުން މިއަހަރު ދެން އެންމެ ގިނަ ފޮތް ދަސްކޮށްފައިވަނީ ވެސް ޔޫސުފާ ދެބެން ދެދަރި ކުއްޖެއްކަމަށްވާ ޒައިދު އެވެ. އޭނާ ވަނީ 11 ފޮތް ހިތުދަސްކޮށްފައެވެ.