ސުވަރުގެއިން ގަނޑުވަރެއް ލިބޭނެ 3 ކަމަކަށް ރަސޫލް (ޞޢވ) ވަނީ ގަރަންޓީ ދެއްވަވައިފައެވެ. އެއީ:
1 އެމީހާ ހުރީ ޙައްޤުގައި ނަމަވެސް ޒުވާބުކުރުން ހުއްޓައިލާ މީހާ
2 ސަމާސައަށް ވެސް ދޮގު ނުހަދާ މީހާ
3 އަޚްލާޤް އެންމެ ރަނގަޅު މީހާ
ޙަދީޘްފުޅުގައިވާގޮތުން މީގެ ތެރެއިން ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ލިބޭނީ އަޚްލާޤް އެންމެ ރަނގަޅު މީހާއަށެވެ. ސަމާސައަށްވެސް ދޮގެއް ނުބުނާ މީހާއަށް ގަނޑުވަރެއް ލިބޭނީ ސުވަރުގޭގެ މެދުތެރެއިންނެވެ. އެމީހާ ހުރީ ޙައްޤުގައި ނަމަވެސް ޒުވާބުކުރުން ހުއްޓައިލާ މީހާއަށް ވެސް ސުވަރުގެއިން ގަނޑުވަރެއް ލިބޭނެއެވެ.

މިޙަދީޘްފުޅުން އެނގިގެންދަނީ މި 3 ސިފައިގެ ހުރި މަތިވެރިކަމެވެ. ތިމާ ހުރީ ޙައްޤުގައި ނަމަވެސް ޖަދަލުކޮށް ޒުވާބުކުރުމެއް ނެތްކަމާއި ސަމާސައަށްވެސް ދޮގު ހަދައިގެން ނުވާނެ ކަމެވެ. ހަމަ އެއާއިއެކު އެންމެ މަތިވެރިކަން ލިބެން އޮތީ އެމީހެއްގެ އަޚްލާޤް ރިވެތިކޮށް ފުރިހަމަކޮށްގެން ކަމެވެ.
މި 3 ކަމަކީވެސް އެމީހަކު އެކަމަށް މަސައްކަތްކޮށްފިނަމަ ހަމަ އެއްވެސް ތަކްލީފަކާއި ނުލައިވެސް ކުރެވެން ހުރި ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން