ރާއްޖޭގައި ކެސިނޯ އަޅައި ހިންގުމާއި ބެހޭ ގޮތުން އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރާއި ސަރުކާރުން މަޝްވަރާކުރީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މިނިސްޓަރުކަމުގައެވެ. އެކަމަށް ވާހަކަ ދެކެވުނު ބައްދަލުވުމުގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ އެކަމަށް ދެކޮޅު ހައްދަވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެކަމަށް ދެކޮޅު ހެއްދެވިކަން މީޑިއާގައި ޢާންމުވެސް ކުރައްވައިފައެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަމުގައި ކޮންމެ ބޭފުޅަކު ހުންނެވިނަމަވެސް އެކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މި މައްސަލައިގައި ދާދި ފަހުންވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް އިސްލާމް ދީން ހުއްދަ ނުކުރާ ބައެއް ވިޔަފާރި ކުރެވެމުން އަންނަ ކަމަށާއި ނަމަވެސް އެއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވަވާފައިވާ އިތުރު ކަންކަން ކުރަން ހުއްދަ ދޭންވީ ސަބަބެއް ނޫން ކަމަށާއި މަސައްކަތް ކުރަންވީ މިހާރު ކުރަމުން ގެންދާ އެފަދަ ކަންކަން ވެސް ހުއްޓައިލުމަށް ކަމަށެވެ.
އިސްލާމް ދީނުގެ އެއްވެސް ޢިލްމުވެރިއަކު މި ނޫން ގޮތަކަށް މިކަމުގައި ވިދާޅުވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާނެ ފައްޅި އެޅުމުގެ ހުއްދަ ހޯދަންވެސް ފައްޅި އަޅަން ބޭނުންވާ ބޭރުގެ ފަރާތަކުން ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި މަޝްވަރާކުރިއެވެ. ޑރ. ޢަބްދުލްމަޖީދު ދެއްވި ޖަވާބަކީ ޤާނޫނުތައް ފާސްކުރަނީ މަޖިލީހުން ކަމަށާއި މަޖިލީހާއި މަޝްވަރާކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި އެހެން ދީންތައް ޢާންމުކުރުމާއި ފައްޅި އެޅުމުގެ މަސައްކަތަކީ ފަހަކަށް އައިސް ކުރެވެމުން އަންނަ މަސައްކަތެކެވެ. ދުޢާއަކީ މިފަދަ އެންމެހައި ކަންކަމުން ދިވެހިރާއްޖެ ރާއްޖެ ސަލާމަތްކޮށްދެއްވެވުމެވެ. އާމީން.