ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން، އެކޯޓުގެ އެއް ފަނޑިޔާރު ކަމަށްވާ އަބްދުﷲ އަރީފް އާއި މިއަދު ހަވާލު ކޮށްފިއެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު ހިންގުމަށް ވަގުތީގޮތުން ފަނޑިޔާރު އަރީފު އާއި ހަވާލުކޮށްފައި މިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ މިއަދު ސަސްޕެންޑު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ސުޕްރީމް ކޯޓު ހިންގުން އަރީފާއި ހަވާލު ކޮށްފައިވާއިރު، މިއަދު އެމަނިކުފާނު ވަނީ ކުރިން ހުންނެވި ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އެމަގާމަށް ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވެސް ވަނީ އައްޔަނު ކުރައްވާފައެވެ.
އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކޮށް، މަގާމުން ވަކި ކުރުމަށް ޖޭއެސްސީއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. އެ ދެ ބޭފުޅުންގެ ސުޕްރީމްކޯޓުގެ އިހްތިސާސުން ބޭރުން އަމަލުކުރިކަމަށް ބުނާ މައްސަލަތަކެއް ޖޭއެސްސީއިން ވަނީ ބަލައިފައެވެ. ފަނޑިޔާރު އަރީފްއާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދަށްވެސް އެކަމުގެ ތުހުމަތު ކުރެވެއެވެ.
ޖޭއެސްސީއިން އިއްޔެ ހާމަކުރި ގޮތުގައި އެ ކޮމިޝަނުން ދަނީ ފަނޑިޔާރު އަރީފްގެ މައްޗަށް ތުހުމަތުވާ 14 މައްސަލައެއް ބަލަމުންނެވެ.
އަރީފް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ 18 ސެޕްޓެންބަރު 2008 ގައެވެ. އަދި 10 ޖުލައި 2017 އިން ފެށިގެން މިއަދާ ހަމައަށް އޭނާ ގެންދެވީ ޖޭއެސްސީގެ ރައީސްކަމުގެ މަގާމު ފުރުއްވަމުންނެވެ.