ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސުޕްރީމް ކޯޓުގެ ޑިރެކްޓާރ އާތިކާ އިބްރާހިމް ސަސްޕެންޑު ކުރީ ޤަވާއިދާ ޚިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔަރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޑިރެކްޓާރ އާތިކާ ސަސްޕެންޑު ކުރީ ޤަވާއިދާ ޚިލާފަށް ކަމަށާއި ކޯޓުގެ މުވައްޒަފުންނާމެދު ޤާނޫނާއި ޤަވާއިދުގެ ބޭރުން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ޑީޖޭއޭ އިން އާތިކާ ސަސްޕެންޑު ކުރީ އެއެޑްމިނިސްޓްރޭޝަނުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެއެވެ.
މިކަމާއި ގުޅިގެން އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ ދަށުން ކޯޓެއްގެ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅޭނީ އެމުވައްޒަފަކު މަސައްކަތްކުރާ ކޯޓު ނުވަތަ އިދާރާއެއްގެ ބެލުމުގެ ދަށުން ކަމަށާއި އެފަދަ މައްސަލައެއް ޑީޖޭއޭއަށް ބެލޭނީ ވެސް އެކޯޓެއްގެ މުވައްޒަފުންނާއިބެހޭ އިސްވެރިޔާ އެކަން ބެލުމަށް ފަހުގައި ކަމަށެވެ. އަދި މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑު ކުރެވޭނީ ވެސް އެކޯޓަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށް ޤަވާއިދުގައި ބުނާއިރު، އާތިކާއާއިމެދު ފިޔަވަޅު އެޅީ އެއުސޫލުތަކުގެ ބޭރުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވެއެވެ.