އަބޫދާބީން މިއަހަރު ޜާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ހަމަޖެއްސި 25 މިލިއަން ޑޮލަރު، މިހާރު 50 މިލިއަން ޑޮލަރަށް އިތުރުކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
"މިއަދު އިރުއޮއްސެމުން ދަނިކޮށް، އަޅުގަނޑަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގުޅުއްވާފައި ވިދާޅުވި، އަބޫދާބީން މި އަހަރު ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ".
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިދިއަ އަހަރެއްހައި ދުވަހަކީ، ޚާރިޖީ ދާއިރާއިން ރާއްޖެއަށް ވަރަށް ކާމިޔާބު އަހަރެއްކަން ޔަޤީން ކުރައްވާ ކަމަށެވެ. "ޚާރިޖީ އަދި އަވަށްޓެރި ރަޙްމަތްތެރިކަން، އޭގެ ޙަޤީޤީ މަގަށް އިޢާދަކުރެވި، ބައެއް ޤައުމުތަކާއެކު ގުޅުން ޤާއިމުކުރެވިއްޖެ. އަދި ހެޔޮއެދޭ ބައެއް ޤައުމުތަކުން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފި. "
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
ތަރައްޤީއާއެކު އަޅުގަނޑުމެން ކުރިއަށް މިދަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްވެސް ވަރަށް ބޮޑަށް އިސްކަންދީގެން. އަވިން ހަކަތަ އުފެއްދުމަށް، 13 ރަށެއްގައި ސޯލަރ ޕަވަރ ސިސްޓަމް ޤާއިމުކުރެވިއްޖެ. ތިމާވެށީގެ ނާޒުކުކަމަށް ބަލައި، 14 ސަރަހައްދެއް އަޅުގަނޑުމެން ހިމާޔަތްކޮށްފިން. ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްގައި އައްޑުއާއި ފުވައްމުލައް ހިމެނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އެންމެ ބޮޑު އިސްކަމެއްދީގެން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢު ހިމެނޭނެ. އާ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް މިހާރު އަލުން ފަށައިގެން ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ.
ޓަރމިނަލްގެ މަސައްކަތް މިހާރު ކުރިއަށް އެދަނީ، ރާއްޖެ ސިފަވާގޮތަށް ޑިޒައިނަށްވެސް ބަދަލު ގެނެސްގެން. ބޯޑިންގ ބްރިޖްތަކާއެކު ޓަރމިނަލް ނިމޭއިރު، އަހަރަކު ތިން މިލިއަން މީހުންނަށް ޚިދްމަތް ދެވޭވަރަށް، ޓަރމިނަލްގެ ޖާގަ އިތުރުވެގެންދާނެ.
އޭގެ އިތުރުން، ކަނޑު ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި، އިސްކަމެއްދީގެން ކުރިއަށް ގެންދެވޭނެ. އަދި ގުޅީފަޅުގައި ތަރައްޤީކުރާ ބަނދަރު މަޝްރޫޢުވެސް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ. އޭރުން، ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އަވަސްވެ، ޚަރަދު ކުޑަވުމުގެ ސަބަބުން، ބާޒާރުގައި ތަކެތީގެ އަގު ކުޑަވެގެންދާނެ.