ވިސްނުންތެރިކަމާއިއެކު، ތައްޔާރުނުވެ ތިބިނަމަ 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ ރައީސް ޔާމީނުގެ ސަރުކާރުން ސަރުކާރުން ބޮޑު އިންޓްރެސްޓްގައި ވިއްކާފައިވާ 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް، އެ އަހަރުގެ ތެރޭގައި އެއްފަހަރާ ދައްކަންޖެހޭތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިކަމަށްވެސް ހައްލެއް ހޯދުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ގެންދަނީ ކުރަމުން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ބަޖެޓް، އާދެ، މި ސަރުކާރުގެ ފުރަތަމަ ބަޖެޓް މިހާރު ވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އެއީ ބޮޑު ބަޖެޓެއް. ބަޖެޓްގެ 11 އިންސައްތަ ޚާއްޞަކޮށްފައިވާނީ، އިޖުތިމާޢީ ރައްކާތެރިކަމަށް. ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް 12 އިންސައްތަ އަދި ޞިއްހީ ދާއިރާއަށް 11 އިންސައްތަ ވާނީ ޚާއްޞަކޮށްފައި.
އަދި 2021 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓަކީވެސް ބޮޑު ބަޖެޓަކަށް ވާނެ. ބަޖެޓްގެ އެންމެ މުހިންމު އަމާޒަކީ، އިންތިޚާބީ އަހަރު ކަމުގައިވާ 2023 ވަނަ އަހަރަށް މަޑުނުކޮށް، ކުރިއަށް އޮތް ދެ އަހަރު، އާދެ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ބޮޑެތި މަޝްރޫޢުތައް ފެށުން.
މި ސަރުކާރުން، ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި، ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގާކަށް ބޭނުމެއް ނޫން. 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވައިލާފައިވާނީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ވިސްނައި، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ މިންވަރަށް ބަލައި، ދަރަނި އަދާކުރެވޭނެ ކަމުގެ ޔަޤީންކަމާއެކު، ފުރިހަމައަށް ތަންފީޒު ކުރެވޭނެ ބަޖެޓެއްގެ ގޮތުގައި.