ފާއިތުވި 6 އަހަރު ތެރޭ އެކާވީސް މީހަކު މަރާލެވުނު‍ - މިއަހަރު އެކަކުވެސް މަރާލާފައެއް ނުވޭ: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ފާއިތުވި 6 އަހަރު ތެރޭ އެކާވީސް މީހަކު މަރާލެވުނު‍ - މިއަހަރު އެކަކުވެސް މަރާލާފައެއް ނުވޭ: ރައީސް

މިދިއަ 6 އަހަރުގެ ތެރޭގައި ގޭންގް ކުށްތަކުގައި، މާލޭގެ މަގުތަކުގައި 21 މީހަކު މަރާލެވިފައިވާ ކަމަށާއި ނަމަވެސް އެންމެ އުފަލާއިއެކު ފާހަގަކުރައްވާނީ ގޭންގް ކުށްތަކުގައި، އެންމެ މީހެއްގެ ފުރާނަވެސް މި އަހަރު ގެއްލިފައި ނުވާކަން ކަމަށް ައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން، މި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ވޭތުވެދިއަ 6 އަހަރުގެ ޕޮލިސް ރެކޯޑްތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް، އެންމެ މަދުން ހިނގީ މި އަހަރު ކަމަށާއި ގުރޫޕް މާރާމާރީގެ ޢަދަދުވެސް މިދިއަ އަހަރަށްވުރެ 50 އިންސައްތަ މަދުވެއްޖެ ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

މިއީ މާތް ﷲގެ ވާގިފުޅާއި މަދަދާއެކު، ދާޚިލީ ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި، ދިވެހި ފުލުހުން ކުރަމުން އަންނަ ވަރަށް ބުރަ މަސައްކަތްތަކެއްގެވެސް ނަތީޖާކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަށްޓަކައި ދިވެހި ފުލުހުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް މިއަދު ދަންނަވަން. ނަމަވެސް، މާލޭގެ މަގުތަކުގެ އަމާންކަން ދަމަހައްޓައި، ޞުލްޙަވެރިކަން ޤާއިމުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ.

ޢަސްކަރީ ޒިންމާގެ އިތުރުން، ޤައުމުގެ އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމުގައި، ދިވެހި ސިފައިން އަދާކުރާ ދައުރުވެސް އަޅުގަނޑުމެން ނުހަނު އުފަލާއެކު ފާހަގަކުރަން. ވަކިން ޚާއްޞަކޮށް، މާލޭގައި ދާދިފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، މީހުންގެ ފުރާނައާއި ގެދޮރާއި މުދާ ސަލާމަތްކުރުމުގައި، ދިވެހި ސިފައިން އަދާކުރި ފުރިހަމަ ދައުރަށްޓަކައި ވަރަށް ޚާއްޞަ ޝުކުރެއް އެފަރާތަށް ދަންނަވަން.

 

 

މިއަދު އޮންލައިން