ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ ބުނާގޮތުން، ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް ކަމަށާއި އެއިގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައި ވެގެންއުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައި ނޯންނާނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ "އެއީ އަޅުގަނޑު ކަމަށްވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ކަމުގައިވިޔަސް، ޤާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ" ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ ކަމަށާއި މާތް ﷲގެ ވާގިފުޅާއިއެކު، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ މި ހަޤީޤަތް ޤަބޫލުލުފުޅު ކުރައްވައިގެން ހުންނަވައި ޤާނޫނުއަސާސީ ނެގެހެއްޓެވުމަކީ، އެމަނިކުފާނުގެ އެންމެ އިސް ވާޖިބުކަމަށް ދެކެވަޑައިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށާއި ޝަރުޢީ ނިޒާމަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެންމެހާ ކަންކަން ތަރުތީބު ކުރެވި އިންތިޒާމު ކުރެވިފައި ހުންނަންވާނީ، ރައްޔިތުން އެދޭ ފެންވަރަށް، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން، ޤާނޫނުތައް ހަދަންވާނީ، ރައްޔިތުންގެ އަސާސީ ހައްޤުތައް ހިމާޔަތްކުރެވި، ރައްޔިތުންގެ އެންމެ މަތީ މަޞްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށާއި ފަނޑިޔާރުގޭގެ މަޤްޞަދަކަށް ވާންވާނީ، ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ހޯދައިދިނުން ކަމަށެވެ.
"މި ދެންނެވި ހުރިހާ ކަމެއްގެ، އުޞޫލީ ހުރިހާ ހަމަތަކާއި މިންގަނޑުތައް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި، ކަޅާއި ހުދުން އެހުރީ ލިޔެ އެކަށައެޅިފައި. އެއަށްފަހު ޤާނޫނުއަސާސީގައި އަޅުގަނޑުމެން ލިޔުނީ؛ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށް." ކަމަސްވެސް އެމަނިކުފާނު ވިދާޅުވިއެވެ.