2017 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގައި މަރުވެފައި އޮއްވާ ފެނުނު، ރައުދާ އާތިފްގެ މަރުގެ މައްސަލަ ބަލައި ނިންމާ، މަރުތަކާއިބެހޭ ކޮމިޝަނުން އެކަމުގެ ތަފްސީލީ ރިޕޯޓު ރައީސް އޮފީހަށް ފޮނުވައިފިއެވެ.
އެކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރައުދާ އާތިފް މަރުވި މައްސަލަ ބަލައި ނިންމުމަށްފަހު އެކުލަވާލި ރިޕޯޓު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީގައި މެޑިސިން ކިޔަވަމުންދިޔަ ރައުދާ އާތިފް މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ހޮސްޓެލްގެ ކޮޓަރި ތެރޭގައެވެ. ބަންގްލަދޭޝްގެ ފުލުހުންނާއި ރައުދާ މަރުވެފައި އޮއްވާ ފެނުނު ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ މަރުވީ އެކޮޓަރީގެ ފަންކާގައި ފޮތިގަނޑެއް އެލުވައިގެން އަމިއްލައަށް ދަންޖެހިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
ރައުދާ މަރުވީ އަމިއްލައަށްކަން ޤަބޫލު ނުކުރާކަމަށް އެއިރު އާއިލާއިން ބުނެފައިވެއެވެ. އަދި ރައުދާގެ ބައްޕަ ޑރ. މުޙައްމަދު އާތިފް ވަނީ އެމައްސަލަ އިތުރަށް ބަލައިދިނުމަށް ގޮވާލާ، އެޤައުމުގައި އެވަގުތު އަޑުވެސް އުފުލާފައެވެ. އެހެންކަމުން ރައުދާގެ ހަށިގަނޑު ވަޅުލުމަށްފަހު، ދެވަނަ އޮޓޮޕްސީއެއް ހެދުމަށް، އެއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ރައުދާގެ ގަބުރު ކޮނެގެން ވަނީ ނަގާފައެވެ. އަދި އޮޓޮޕްސީ ހެދުމަށް ސާމްޕަލް ނެގުމަށްފަހު އަލުން އޭނާގެ ހަށިގަނޑުވަނީ ވަޅުލާފައެވެ. ނަމަވެސް އެރިޕޯޓުގައި ވެސް ބަންގްލަދޭޝްގެ ސީއައިޑީން ހާމަކޮށްފައިވަނީ، ރައުދާ އާތިފް މަރުވީ އަމިއްލައަށްކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.
ނަމަވެސް އެރިޕޯޓު ވެސް ބަލައިގަތުމަށް ރައުދާގެ ބައްޕަ ޑރ. އާތިފް ވަނީ ދެކޮޅު ހައްދަވާފައެވެ.
އިންޓަނޭޝަނަލް މޮޑެލް އެއް ކަމުގައިވާ، ރައުދާ އާތިފްގެ މަރުގެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި އަލުން ހުށަހެޅީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރިޔާސީ ކޮމިޝަނެއް ހެއްދެވި ފަހުންނެވެ.
Raudha Athif maruvi massala commission in balai ninmumahfahu ekulavaali report Raeesul Jumhooriyya ge office ah miadhu fonuvaifi.
— Commission on Disappearances and Deaths (@DdcomMdv) November 7, 2019