މިއަދުގެ ބައެއް ޒުވާނުންނަށް އިސްލާމް ދީނުގެ ކަންކަން ބެލެނީ ވަރަށް ދަތި އުނދަގޫ ގޮތަކަށެވެ. ނަރަކައިގެ ޢަޒާބާއި ކައްވަޅުގެ ޢަޒާބުގެ ވާހަކަތަކުގެ އަޑު އިވުމުން ހީކުރެވެނީ ތިމާމެންނަށް މިތިބީ އެތަންތަނަށް ދާން ޖެހިފައި ކަމަށެވެ. މިއީ ހަމަ ކަނޑާއެޅިގެން ޝައިޠާނާ ދެމުން ގެންދާ ނުބައި ވަސްވާސްތަކެވެ.
އެހެނީ އިސްލާމް ދީނުގައި އަޅުކަމުގެ ގޮތުން ކުރަން ހުރި ކަންކަން ވަރަށް ގިނައެވެ. އެކަންކަން ކުރުމުން ލިބެން އޮތް ސަވާބާއި ދަރުމަތައްވެސް އެހައިމެ ގިނަވެފައި މަތިވެރިއެވެ. މީގެ އިތުރުން ﷲ ތަޢާލާއީ އެންމެ ގިނައިން ފާފަތައް ފުއްސަވައިދެއްވަވާ އިލާހްއެވެ. އަދި ކޮބައިހެއްޔެވެ؟ ކިތަންމެ ގިނައިން ފާފަ ކުރެވިފައިވީނަމަވެސް މެއެވެ.
ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން، އެމީހުންގެ ފާފަ ފުހުމުގެ ނަމުގައި އެމީހުންގެ ލޯބިވާ ދަރިން ޤްރުބާންކޮށް ކަތިލިއެވެ. އެމީހުންގެ ބިކުރުވެރި އަންހެން ދަރިންގެ ޢިއްފަތްތެރިކަން ޤުރްބާން ކުރިއެވެ. މިއަދުވެސް މިފަދަ އެތައް ކަމެއް އެދަނީ ކުރަމުންނެވެ. ތަފާތީ ހަމައެކަނި ކުރާ ގޮތެވެ.
އިސްލާމް ދީނުގެ އެންމެ ފުރިހަމަ ކަމަކީ ތައުބާ ވުމަށް އެފަދަ އެއްވެސް ކަމެއް ކުރަން ނުޖެހޭ ކަމެވެ. ތައުބާ ވެއްޖައިންކަން ހިތަށް ގެނައުމުން އެކަން އެ ނިމުނީއެވެ. ބޭނުންވަނީ ހަމަ އެކަނި އިޚްލާސްތެރިކަމެވެ. ތައުބާވުމެވެ.
އިސްލާމް ދީނަކީ އެންމެ އޯގާތެރި ދީންކަމަށް މިބުނަނީ ފަޚުރުވެރިކަމާއިއެކު އެކަން ހާމަކުރެވެން އޮތުމުންނެވެ. ތައުބާ ނުވުން ފިޔަވައި މާޔޫސްވާން ޖެހޭނެ އެއްވެސް ކަމެއް އިސްލާމް ދީނަކު ނެތެވެ! މިއަށްވުރެ އޯގާތެރި ގޮތަކީ ހެއްޔެވެ؟
"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސްތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން