މަހިބަދޫގައި ވެޓަރެންސް ފުޓްބޯޅަ މުބާރާތެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 22ސ
މަހިބަދޫގައި ވެޓަރެންސް ފުޓްބޯޅަ މުބާރާތެއް ފަށައިފި

އދ. މަހިބަދޫގައި ވެޓަރެންސް ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.

މިއަދު ފެށި މި މުބާރާތާއިބެހޭގޮތުން މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން މަހިބަދޫ ކައުންސިލުގެ ރަައީސް އަޙްމަދު ޚަލީލު ވިދާޅުވީ މިއީ މަހިބަދޫއަކީ ރާއްޖޭގެ ފުޓަބޯޅައިގާ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އުފަންރަށް ކަމަށްވެފައި، ކުރިން ފުޓްބޯޅަ ކުޅެ އަދި މިހާރު ހުއްޓާލާފާތިބި ކުޅުންތެރިންގެ އަގު ވަޒަން ކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ.

މީގެއިތުރުން އެރަށަކީ ފުޓްބޯޅަ ގިނަ މުބާރާތްތަކެއްވެސް ބާއްވަމުން އަންނަ ރަށަކަށްވާ އިރު، އެފަދަ މުބާރާތްތަކުގައި ކުޅެނީ ޒުވާން ކުޅުންތެރިން ކަމަށްވެފައި، ކުޅުންހުއްޓާލާފައިތިބި ފަރާތްތަކުގެ ހުނަރު މިހާރުހުރީ ކިހާވަރެއްގައިތޯ ބަލާލުމަކީވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދެއް ކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

މިއަހަރު އަލަށް ފެށި މި މުބާރާތުގައި 4 ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ، ލަޔަންސް، ބަރުހެލި އެފްސީ، ވާނުވާ އަދި ދަ ޖޯލި އެވެ.

މުބާރާތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ އިތުބާރު ގޯލްކީޕަރު އަދި މުޅި ޤައުމު އެމީހަކަށް ފަޚުރުވެރިވާ މަހިބަދޫއަށް އުފަން އިމްރާން މުހައްމަދު (އިންމަ) އެވެ.

މި މުބާރާތް މިމަހުގެ 15 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިމްރާނާއި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ކުޅުންތެރިން ވަނީ އެރަށު ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައި ގަސް އިންދާފައެވެ.

މިއީ އެރަށުގައި މިހާރު ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިއަދު އޮންލައިން