އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ފުރަތަމަ މެޗު ރާއްޖޭގެ މާޒިޔާ އާ ވާދަކޮށް ޔަންގ ޗޭމްސްއިން ކާމިޔާބުކޮށްފިއެވެ.
އިންޑިއާގައި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބާއްވަމުން އަންނަ ތިން ވަނަ އެޑިޝަން ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗު ރިލަޔަންސް ޔަންގް ޗޭމްސްއިން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.
އިންޑިއާގެ ކެލަމްބަކަމްގެ ޗެޓިނާދް ސްކޫލުގައި މުބާރާތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ.
މެޗު ފެށިގެން މާގިނަ އިރެއްނުވެ، މާޒިޔާގެ މުހައްމަދު ޝިބްތް އެ ޓީމަށް ލީޑު ނަގައިދިންނަމަވެސް އިދިކޮޅު ޓީމުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ލީޑު ނަގާފައެވެ.
ދެވަނަ ހާފުގައި މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރުމަށް އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.
މާޒިޔާގެ ދެވަނަ މެޗުގައި މާދަމާ ހެނދުނު ބައްދަލު ކުރާނީ ފަސްޓް ކިކް އެސްއެސްއޭއާއެވެ.
މި މުބާރާތަކީ ރާއްޖޭގެ ޒުވާން އެކެޑެމީ ޓީމެއް މިފަދަ ބޮޑު ބައިނަލް އަގުވާމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތަކީ އިންޑިއާގެ އެންމެ ބޮޑު ފުޓުބޯޅަ ލީގު ކަމަށްވާ އިންޑިއަން ސުޕަރ ލީގު އަދި އެ ޤައުމުގެ ބޮޑެތި ފުޓުބޯޅަ އެކަޑަމީތައްވެސް ބައިވެރިވާ މުބާރާތެކެވެ.