ޖަރުމަނުގައި އޮންނަ ތިމާވެށްޓާބެހޭ ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދު މިއަދު ހެނދުނު ޖަރުމަނަށް ފުރާވަޑައިގަންނަވާފައިވަނީ ފަސްވަނަ ބާރލިން އެނާޖީ ޓްރާންސިޝަން ޑައިލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ބާރލިންގައި ބާއްވާ މިޑައިލޮގަކީ ތިމާވެށްޓާ އެކުވެރި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާއި ހެޔޮ އަގުގައި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.
ތިމާވެށްޓާ އެކުވެރި ހަކަތަ އުފެއްދުމާއި ސިސްޓަމްތައް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ މި ޑައިލޮގް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެދުވަހުގެ މުއްދަތަށެވެ.
ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް ބައިލެޓަރަލް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެއެވެ.