ފެނާއި ނަރުދަމާގެ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް "ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްލަމްބިންގ" ޕްރޮގްރާމް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފެނާއި ނަރުދަމާގެ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް "ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްލަމްބިންގ" ޕްރޮގްރާމް ފަށައިފި

ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ "ނޭޝަނަލް ސެޓްފިކެޓް III އިން ޕްލަމްބިންގ" ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބެޗް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މާލޭގައި ހުންނަ އެމްޑަބްލިއުއެސްސީ (MWSC) އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ، އޮނަރަބަލް ޢަލީ ޝަރީފެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވަނީ ފެނާއި ނަރުދަމާގެ ދާއިރާގައި މިހާރުވެސް ޢަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ފަރާތްތަކެވެ.

މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ މާލީ އެހީތެރިކަމާއެކު، ޖީސީއެފް ރެޑިނެސް ޕްރޮޖެކްޓްގެ ދަށުން އަދި ޖީއައިޒެޑް (GIZ) ގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ފެނުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ތަރައްޤީކޮށް، މުޅި ރާއްޖޭގައި ފޯރުކޮށްދެވޭ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހިންގުމާއި ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

މިފަދަ ފަންނީ ތަމްރީނުތަކުގެ ސަބަބުން، ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމުތައް މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ އަދި ދެމެހެއްޓެނިވި ޚިދުމަތްތަކަކަށް ހެދުމަށްޓަކައި ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން