އިޤްތިޞާދީ، ދިފާއީ އަދި އިޖުތިމާޢީ ދާއިރާތަކުން ސަޢޫދީއާއި ރާއްޖޭގެ ގުޅުން އައު އުސްމިންތަކަކަށް ދަތުރުކުރަން ވަނީ ފަށާފަ: ސަފީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
އިޤްތިޞާދީ، ދިފާއީ އަދި އިޖުތިމާޢީ ދާއިރާތަކުން ސަޢޫދީއާއި ރާއްޖޭގެ ގުޅުން އައު އުސްމިންތަކަކަށް ދަތުރުކުރަން ވަނީ ފަށާފަ: ސަފީރު

އިޤްތިޞާދީ، ދިފާއީ އަދި އިޖުތިމާޢީ ދާއިރާތަކުން ސަޢޫދީއާއި ރާއްޖޭގެ ގުޅުން އައު އުސްމިންތަކަކަށް ދަތުރުކުރަން ވަނީ ފަށާފަ ކަމަށް ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ ވިދާޅުވެއްޖެއެވެ.

ސައޫދި އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ދެ ޤައުމުގެ އެންމެ މަތީ ފަންތީގެ ލީޑަރޝިޕުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުގެ ސަބަބުން، އިޤްތިޞާދީ، ދިފާއީ އަދި އިޖުތިމާޢީ ދާއިރާތަކުން މިއަދު މި ގުޅުން އައު އުސްމިންތަކަކަށް ދަތުރުކުރަން ފަށާފައިވާ ކަމަށެވެ.

ސަޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން އަލް ސަޢޫދުގެ ހިކުމަތްތެރި ލީޑަރޝިޕްގެ ދަށުން ކުރިއަށްދާ "ސައުދީ ވިޝަން 2030" ގެ ދަށުން އިޤްތިޞާދު ސިންދަފާތުކުރަމުންދާއިރު، ރާއްޖެއާއެކު އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ފުޅާވަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ދާދިފަހުން ބޭއްވުނު "މޯލްޑިވްސް-ސައުދީ އިންވެސްޓްމަންޓް ފޯރަމް" އާއި ސަޢޫދީ އިންވެސްޓަރުންގެ ވަފުދުން ރާއްޖެއަށް ކުރި ދަތުރުގެ ސަބަބުން، އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަގުފަހިވެފައެވެ.

މީގެއިތުރުން ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ޓެކްނޮލޮޖީ، އުމްރާނީ ތަރައްޤީ އަދި ވިޔަފާރީގެ ދާއިރާއިން ސަޢޫދީގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް އަންނާނެކަމުގެ އުއްމީދު ބޮޑުކަން ހާމަކުރައްވަމުން ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ ވިދާޅުވީ، "2024 ޖޫން މަހު ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި ރައީސް ޑރ. މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމަކީ، ދެދޭ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވުނު މުހިންމު މޭލުގަލެއް" ކަމަށެވެ.

އިޤްތިޞާދީ ގުޅުމުގެ އިތުރުން، ދިފާއީ އަދި ސަލާމަތީ ދާއިރާއިންވެސް ދެ ޤައުމުގެ އެއްބާރުލުން ވަނީ ވަރުގަދަވެފައެވެ. ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" އާއި، ޓެރަރިޒަމާ ދެކޮޅަށް އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" ގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރަށް ސަޢޫދީ ސަފީރު ވަނީ ފުރިހަމައަށް ސާބަސް ދެއްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ބުރޫނޭރުވޭނެ ފަދަ ބަދަހި، އަޚުވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ސަފީރު ވިދާޅުވީ، މި ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މުސްތަޤުބަލުގައިވެސް އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެ ގުޅުމެއް ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

މިއަދު އޮންލައިން