މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ 5 މިލިއަން ރުފިޔާގެ ރިސަރޗް ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް އަދި ފޮތް ލިޔުމުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ގްރާންޓް ދިނުމުގެ މައިގަނޑު މަޤްސަދަކީ އިޤްތިޞާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށްޓަކައި، ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލުމަށް އެހީތެރިވެދޭނެ ފަދަ މުހިންމު ދިރާސާތަކަށް ހިތްވަރުދީ އެއްބާރުލުން ފޯރުކޮށްދިނުމެވެ.
އަމިއްލަ ފަރުދުންނަށާއި ތަޢުލީމީ އިދާރާތަކަށް ހުޅުވާލެވިފައިވާ މި ފަންޑަށް ޕްރޮޕޯސަލް ހުށަހަޅާ ޓީމުތަކުގެ ލީޑަރަކީ މަދުވެގެން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. މި ގްރާންޓުގެ ދަށުން ޤައުމަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އިސްކަންދެވޭނެ ދާއިރާތަކުގެ ތެރޭގައި އިޤްތިޞާދު، މާލީ ދާއިރާ، ފިންޓެކް، ފަތުރުވެރިކަން، އަދި އިޖްތިމާއީ ރައްކާތެރިކަން ހިމެނެއެވެ.
މި ފަންޑަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 13 އޮކްޓޫބަރު 2026 އެވެ. ހުރިހާ ޕްރޮޕޯސަލްތަކެއްވެސް ހުށަހަޅަންޖެހެނީ އެމްއެމްއޭގެ ރިސަރޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.