އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން އިން ދިވެހިރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއާ, ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އޮތް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުންނެވެ.
އޭގެ އިތުރުން، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގު މިހާރަށްވުރެ ހަރުދަނާކުރުމަށާއި، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.