ޕާކިސްތާނުން 444 ފޮތް، ރާއްޖޭގެ އިސްލާމީ މަރުކަޒުތަކަށް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މި ފޮތްތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭގެ އިސްލާމީ މަރުކަޒުގެ ލައިބްރަރީގެ އިތުރުން ގދ ތިނަދޫ އާއި އުނގޫފާރުގެ އިސްލާމީ މަރުކަޒުގެ ލައިބްރަރީގައި ކަމަށެވެ. އަދި މިފޮތްތަކުގެ ސަބަބުން ޢިލްމީ ރިސާޗް ހަދާ މީހުންނަށާއި ދަރިވަރުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮންނާތީ އާއި ރާއްޖޭގެ އިސްލާމީ ވަންތަކަން ހިފަހައްޓައި ދަމަހައްޓާތީ ޕާކިސްތާނުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވެގެން އެހީތެރިކަމަށް އެދިއްޖެ ނަމަ ކޮންމެ ކަމެއްގައިވެސް "ސަރަހައްދުގެ ސްޕަރ ޕަވަރ" ޕާކިސްތާނުން އެހީތެރިވެދެމުން ގެންދާނެ ކަމަށެވެ.
މިއަދު ހަދިޔާކުރި ފޮތްތަކުގެ ތެރޭގައި ތަފާތު 88 މައުޟޫއަށް ލިޔެފައިވާ ފޮތްތައް ހިމެނެއެވެ.