ދިވެހިންގެ އިސްލާމީ އަޚްލާޤް ނައްތާލަން މަގުފަހިކޮށްދީގެން ތިބި ވެރިން ޖަވާބުދާރީ ވާންޖެހޭނެ ދުވަސް އަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ދިވެހިންގެ އިސްލާމީ އަޚްލާޤް ނައްތާލަން މަގުފަހިކޮށްދީގެން ތިބި ވެރިން ޖަވާބުދާރީ ވާންޖެހޭނެ ދުވަސް އަންނާނެ!

މިހާރަކަށް އައިސް އެންމެ ގިނައިން ދެކެވެނީ ޖީބުތައް މުއްސަނދިކުރުމުގެ ވާހަކައެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ދިރިއުޅުމަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވެފައި ލިބޭ އާމްދަނީ މަދުވުމުން ގިނަ ބައަކަށް ވަރަށް ދަތިޙާލުގައި އުޅެން ޖެހިފައިވުމުންނެވެ. މާލެ ސިޓީއަށް ބަލައިފިނަމަ އެންމެ ބޮޑު އެއް މައްސަލައަކީ ކުލި ބޮޑުކަމެވެ.

އެހެންކަމާއިއެކު ވެސް ތަރައްޔިތުންގެ ޖީބު ތަނަވަސްކޮށްދޭ ކޮންމެ ކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން ގެސްޓް ހައުސްތަކުގެ ވިޔަފާރިން މިވަނީ އެނގިފައެވެ. ޚާއްޞަކޮށް ކަންކަން ކުރަން ހަދާފައި ހުންނަ ޤާނޫނުތަކަށް އަމަލު ނުކުރުވޭނެ ނަމަ ބައެއް ކަންކަމަކީ އެކަމަކުން ކިތަންމެ ބޮޑު އާމްދަނީ އެއް ލިބުނު ނަމަވެސް ކުރަން ހެޔޮވާނެ ކަންކަން ނޫންކަން މިވަނީ ވަރަށް ރަނގަޅަށް އެނގިފައެވެ. ޚާއްޞަކޮށް މުޖުތަމައުގެ އަޚްލާޤާއި ﷲ ތައާލާގެ އެންގެވުންތަކާއި ޚިލާފްވާ ކަންކަމުގައެވެ.

ރާއްޖޭގެ ރިޒޯޓުތަކުގައި ފަތުރުވެރިކަން ކުރަމުން އަންނަތާ 40 އަހަރު ފުރި 50 އަހަރާއި ކައިރިވަނީއެވެ. ފަތުރުވެރިން އައުދެއެވެ. ނަމަވެސް އެމީހުންގެ ސަބަބުން އަޚްލާޤީ މައްސަލަތައް ރައްޔިތުންނަށް ކުރިމަތިވެފައެއް ނުވެއެވެ. ފަތުރުވެރިން މާލެ ފޮނުވާނަމަ ނުވަތަ މީހުން ދިރިއުޅޭ ރަށަކަށް ފޮނުވާނަމަ ފޮނުވަނީ އެކަށީގެންވާ ފޭރާމެއްގައެވެ. ބިކިނީއަކު ނޫނެވެ. އެހެންކަމުން އެކަމުގެ ނޭދެވޭ އަސަރު ކުރިކަމަށް ބުނެވޭކަށް ނެތެވެ.

މިއަދު މިފެންނަނީ ގެސްޓް ހައުސް ހިންގާ ކޮންމެ ރަށަކީ ރިޒޯޓެއް ފަދައިން ބިކިނީގައި އުޅޭ ރަށަކަށް ބަދަލުވަމުންދާތަނެވެ. އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ކުރަމުންދާތަނެވެ. މިހިސާބަށް ޙާލަތު ދިއައިރުވެސް އެކަމާއި އަޅައިލާނެ އެއްވެސް އިދާރާއެއް ސަރުކާރުގައި ހުރި ކަމަކަށް ނުވެއެވެ. ކަންބޮޑުވާ ވެރިއަކު ހުރި ކަމަކަށް ނުވެއެވެ. ވެރިންނާއި މުއައްސަސާތަކުގެ ހުރިހާ ސަމާލުކަމެއް ހުރިތަން ފެންނަނީ ޖީބުތައް މުއްސަނދިކުރުމާއި ދިމާއަށެވެ.

މިއަދު އިސްލާމް ދީން ޤްރްބާންކޮށްފައި ޖީބުތައް ފުރިދާނެއެވެ. އެފުރުޞަތުދީގެން އަޅައިނުލައި ސަރުކާރަށް އޮވެވިދާނެއެވެ. ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުންތަކުގައި ކޮޅުފައިން ޖަހައިގެން ވެސް ތިބެވިދާނެއެވެ. އެފަދަ ވާހަކައެއް ދައްކައިފި އިލްމުވެރިއެއްނަމަ އެއިލްމުވެރިއެއްގެ އަބުރުވެސް ކަތިލެވިދާނެއެވެ. ޖީބުތައް ފުރޭ ބައެއްގެ ތާއީދުން ސަރުކާރަށް ތާއީދު އިތުރުކުރެވިދާނެއެވެ.

ހަމަ ގައިމުވެސް އެނގޭ ކަމަކީ އިސްލާމް ދީނާއި ޚިލާފްވާ ގޮތަށް މިފަދަ ބޮޑު ޖަރީމާއެއް ޢާންމުކޮށް ހިންގައި ދިވެހިންގެ އިސްލާމީ އަޚްލާޤް ނަގާލަން ފުރުޞަތު ދީގެން ތިބި ވެރިންވެސް އަބަދު ދުނިޔޭގައި ނުތިބޭނެ ކަމެވެ. މަރުވާނެ ކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭ ޖެހޭނެ ދުވަސް އަންނާނެ ކަމެވެ! އެބައެއްގެ ވެރިކަމުގައި މުޖުތަމަޢުއަށް ކުރި ނޭދެވޭ އަސަރުތަކަށް ޒިންމާ އުފުލަން ޖެހޭނެ ކަމެވެ. ކުރިން ކުރަމުން އައި ކަމެއް ނަމަވެސް ހުއްޓުވުމުގެ ބާރު ލިބި ނުހުއްޓުވުމުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމެވެ.

މިއަދު އޮންލައިން