ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 27

މިއަދު
ކިޔުމަށް ހޭދަވާނީ 13މ 2ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 27

އެއްދުވަހެއްގައި މޫސާ ޢަލައިހިއްސަލާމް ބަނީ އިސްރާއީލް މީހުންނަށް ޚުޠުބާ އެއް ދެއްވަން ހުންނެވިއެވެ. އެހިނދު އެތަނުން މީހަކު ތެދުވެފައި ބުންޏެވެ. "މި ބިންމަތީގައި ކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭފުޅަކު ހުންނަވާނެ ހެއްޔެވެ؟" ޖަވާބުގައި މޫސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ. "ނުހުންނާނެއެވެ." އެހިނދު ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމް އަށް އެންގެވިއެވެ. "ތިޔަ ސުވާލުގެ ޖަވާބުގައި ތިޔަކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އޭ ނުބުނީ ކީއްވެ ހެއްޔެވެ؟ ކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭފުޅަކު މިބިމުގައި ތިމަން ﷲ ލައްވާފައިވެއެވެ. އޭނާ ހުންނާނީ "މަޖްމަޢަލް ބަޙްރައިން" (ދެކަނޑު ބައްދަލުވާ) ހިސާބުގައެވެ. އަދި އެހިސާބު ވަކިކުރަން އެނގޭނެ ގޮތަކީ ކަލޭގެފާނުގެ މަސް އެހިސާބުން ގެއްލުން ކަމުގައިވެސް މާތް ﷲ އެންގެވިއެވެ. ދެން މޫސާ ޢަލައިހިއްސަލާމް ވަށިގަނޑަކަށް މަހެއް ލައްވައިގެން ދަތުރު ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ޚާދިމް ޔޫޝަޢު އާއި އެކު ދަތުރު ފެއްޓެވިއެވެ. އެއީ އެ ޢިލްމުވެރި މީހާ އާއި ބައްދަލުކޮށް އޭނާގެ ކިބައިން އުނގެނުމުގެ ބޭނުމުގައެވެ. ދަތުރުމަތީގައި އެދެބޭކަލުންނަށް ނިދުނު ތަނުން ﷲ ގެ އަމުރުފުޅަށް އެއްކަލަ މަސް ވަށިގަނޑުން ކަނޑަށް ފުންމާލައިފިއެވެ.

(لَا أَبْرَحُ  ) ތިމަންކަލޭގެފާނު ދަތުރުމަތީގައި ދެމި ހުންނަވާނަމެވެ.

(حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ  ) ދެކަނޑު ބައްދަލުވާ ހިސާބަށް ދެވެންދެންނެވެ.

( أَوْ أَمْضِيَ حُقُبًا ) " ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ."

( فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١)

(فَلَمَّا بَلَغَا  ) އެދެކަލުން (މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޚާދިމް) ފޯރި ހިނދުގައި،

( مَجْمَعَ بَيْنِهِمَا ) ދެކަނޑު ބައްދަލުވާ ހިސާބަށް،

( نَسِيَا حُوتَهُمَا ) މަހުގެ މަތިން އެދެކަލުން ހަނދުމަ ނެތިއްޖެ އެވެ.

ހަނދާން ނެތުނީ މޫސާ ޢަލައިހިއްސަލާމްގެ ޚާދިމް ކަމުގައިވީނަމަވެސް، ހަނދާންނެތުން އެދެކަލުންނަށް ނިސްބަތްކުރައްވާފައިވުމުގެ ޙިކްމަތަކީ: ބަޔަކު މީހުން ކަމެއްގައި އެކުގައި މަސައްކަތްކޮށް އުޅޭނަމަ، އެކަމެއް ނިސްބަތްކުރެވޭނީ އެންމެންނަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބަނޫ އިސްރާއީލުންނާއި މުޚާޠަބު ކުރައްވާ ސޫރަތުލް ބަގަރާގެ 55 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَإِذْ قُلْتُمْ يَا مُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّـهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنتُمْ تَنظُرُونَ ﴿٥٥) މާނައަކީ: " އަދި އޭ موسىގެފާނެވެ! ފާޅުގައި އަހަރެމެން اللَّهދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް إيمانއެއް ނުވާނޫއޭ ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ." މި ބަސް ބުނެފައިވަނީ ބަނޫ އިސްރާއީލުންގެ ކާބަފައިން ކަމުގައިވީނަމަވެސް، އެބައިމީހުންނަށް ބަސް ނިސްބަތް ކުރައްވާފައިވެއެވެ. 

( نَسِيَا حُوتَهُمَا ) މަހުގެ މަތިން ހަނދުމަ ނެތުނީ ޙިކްމަތަކަށް ޓަކައެވެ. އެހެނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމް އަށް އަންގަވާފައިވަނީ މަސް ގެއްލޭ ހިސާބަކީ ޚިޟްރު ޢަލައިހިއްސަލާމް އާއި ބައްދަލުވާނެ ހިސާބު ކަމަށެވެ. މި މަސްވަނީ ވަށިގަނޑެއްގެ ތެރޭގައެވެ. ދަތުރުމަތީގައި މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޚާދިމް ކޭންބައްލަވާ ހެއްދެވީ މިމަހުންނެވެ. ވަކި ހިސާބަކަށް ފޯރިތަނުން ހިލައެއްގެ މަތީގައި އެދެބޭކަލުން އަވަހާރަފުޅު ލެއްޕެވިއެވެ. ހޭފުޅު ލެއްވުނު އިރުގައި އެއްކަލަ މަހެއް ނެތެވެ. ނަމަވެސް، އެވާހަކަ މޫސާ ޢަލައިހިއްސަލާމްގެ އަރިހުގައި ދެންނެވުމަށް ޚާދިމް ހަނދާނެއް ނެތެވެ. އެ މަސް ﷲ ގެ އަމުރުފުޅަށް ވަށިގަނޑުން ނިކުމެ ކަނޑަށް ފުންމާލާ ދިރޭ އެއްޗަކަށް ވެގެން ކަނޑުގެ ތެރެއަށް ދިޔައީ އެވެ.

(فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا  )"ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެތެރެއަށް ހިނގައްޖެއެވެ."

( فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا ﴿٦٢ )

(جَاوَزَا) އެތަން ހުރަސްކޮށް ދަތުރުކުރެއްވި ހިނދުގައި،

(قَالَ لِفَتَاهُ  ) މޫސާ ޢަލައިހިއްސަލާމް ޚާދިމް އަށް ދެންނެވިއެވެ.

( آتِنَا غَدَاءَنَا ) "ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ!"

(لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا  )

(نَصَبًا ) ވަރުބަލިކަން.

(مِن سَفَرِنَا  ) "ތިމަންމެންގެ މި ދަތުރުން". މިތަނުގައި "މިދަތުރުން" އޭ ވިދާޅުވީ މުޅި ދަތުރުގެ ވާހަކަ އެއް ނޫނެވެ. އެހިލަގަނޑާއި ހިސާބުން ދަތުރު ފެއްޓެވި ވާހަކަ އެވެ. މިއީ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ހެއްކެކެވެ. އެހެނީ އެހުރިހާ ދަތުރެއް ކުރެއްވި އިރުގައި މޫސާ އާއި ޚާދިމް ވަރުބަލިފުޅެއް ނުވެއެވެ. ނަމަވެސް، ޚިޟްރު ޢަލައިހިއްސަލާމް ހުންނެވި ހިސާބު ހުރަސްކުރައްވާ ދަތުރުކުރެއްވި ހިނދުގައި ވަރުބަލިކަން އިޙްސާސްކުރެއްވުނެވެ. އޭގެ ބޭނުމަކީ އެބޭފުޅުންނަށް ދަތުރުގައި ދެމިތިއްބެވުމަށް ހިތްވަރު ދެއްވުމެވެ. މަންޒިލް އާއި ހަމައަށްވުރެ އިތުރަށް ދަތުރުކުރެވިއްޖެ ކަމާއި، ވީމާ، މަންޒިލާއި ހަމައަށް ދާން ކައިރިވެއްޖެ ކަމުގެ އިޙްސާސް ކުރެވުމެވެ.

( قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا ﴿٦٣ ) "އެ خادمދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، شيطانއާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް عجائبއެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ."

(قَالَ ذَٰلِكَ مَا كُنَّا نَبْغِ) މޫސާ ޢަލައިހިއްސަލާމް ޚާދިމް އަށް ދެންނެވިއެވެ. "އަހަރުމެން ދާންބޭނުންވާ ހިސާބަކީ އެއީ އެވެ." ސަބަބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންކަލޭގެފާނަށް އަންގަވާފައިވަނީ އެހިސާބަކުން މަސް ގެއްލޭ ހިސާބަކީ ޚިޟްރު ޢަލައިހިއްސަލާމް އާއި ބައްދަލުވާނެ ހިސާބު ކަމަށެވެ.

(فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا) "ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ."

(فَوَجَدَا عَبْدًا مِّنْ عِبَادِنَا) "ދެން (އެތަނުން) އެ ދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން (خاص) އަޅަކު ފެނިވަޑައިގަތެވެ." އެއީ ޚިޟްރު ޢަލައިހިއްސަލާމް އެވެ.

ޚިޟްރަކީ ނަބިއްޔެކެވެ. މާތް ﷲ އެކަލޭގެފާނަށް ކަރާމާތްތަކެއް ދެއްވާފައިވެއެވެ. އޭގެ ބޭނުމަކީ ހުރިހާ ކަމެއްގެ ޢިލްމު މޫސާ ޢަލައިހިއްސަލާމް އަށް އެނގިވަޑައިގެން ނުވާ ކަމާއި، އެކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާ ބައިވަރު ޢިލްމު ހުންނާނެކަން އެންގެވުމެވެ.

(آتَيْنَاهُ رَحْمَةً مِّنْ عِندِنَا) "އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرةން رحمةއެއް ދެއްވީމެވެ."

(وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا) "އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرةން خاصعلمއެއް އުނގަންނައިދެއްވީމެވެ." އެއީ މާތް ﷲ ޚިޟްރު ޢަލައިހިއްސަލާމް އަށް އުނގަންނައި ދެއްވާފައިވާ ޚާއްޞަ ޢިލްމެކެވެ.

(قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴿٦٦ )"އެބޭކަލަކަށް موسىގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علمން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبعވަންތޯއެވެ؟"

"ތިމަންކަލޭގެފާނު ތަބަޢަ ވަންތޯއެވެ؟" މިފަދައިން ވިދާޅުވުމުން ދޭހަވަނީ މޫސާ ޢަލައިހިއްސަލާމް ގެންގުޅުއްވި ރިވެތި އަދަބު އަޚްލާގެވެ. އެހެނީ، މުސާ ޢަލައިހިއްސަލާމް އަކީ ޚިޟްރު ޢަލައިހިއްސަލާމް އަށް ވުރެ މާތް، އަދި ﷲ ގެ ޙަޟްރަތުގައި އެކަލޭގެފާނުގެ ދަރަޖަ އުފުއްލެވިގެންވީ ބޭފުޅަކަށްވީ އިރުގައިވެސް، މަޑުމައިތިރި ކަމާއި، އަދަބުވެރިކަމާއި އެކުގައި އެކަލޭގެފާނުގެ ބޭނުން ހުށަހެޅުއްވިއެވެ. ސަބަބަކީ ޚިޟްރު ޢަލައިހިއްސަލާމްގެ ފަރާތްޕުޅުން މޫސާ ޢަލައިހިއްސަލާމް އަށް ކުރިން އެނގިވަޑައިގެންފައިނުވާ ޢިލްމުތަކެއް އުނގެނި ދަސްކުރައްވާނެތީވެއެވެ. މިއިން ދޭހަވަނީ ދަރިވަރުން އެކުދިންގެ އުސްތާޛުންނަށް އިޙްތިރާމްކޮށް މާތްކޮށް ހިތަން ޖެހޭނެކަމެވެ.

މޫސާ ޢަލައިހިއްސަލާމް ޚިޟްރު ޢަލައިހިއްސަލާމް އަށް ތަބަޢަވެ ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެކަލޭގެފާނުގެ ފަރާތްޕުޅުން ކާނެ އެއްޗެއް ނުވަތަ ބޯނެ އެއްޗެއް ހޯއްދެވުމަކަށް ނޫނެވެ. ނަމަވެސް، ޢިލްމު އުނގެނި ދަސްކުރެއްވުމަށެވެ. އެހެންވެ އެކަލޭގެފާނު ވިދާޅުވި ކަމަށް ﷲ ވަޙީ ކުރައްވާފައިވެއެވެ. (عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا  ) " ކަލޭގެފާނަށް ދެއްވާފައިވާ علمން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށްޓަކައެވެ." ޝައްކެއްވެސް ނެތް ގޮތުގައި އެކަލޭގެފާނުގެ ފަރާތްޕުޅުން ބޭފުޅަކު މިޢިލްމު އުނގެނިވަޑައިގަންނަވާ ކަމަށްޓަކައި ޚިޟްރު ޢަލައިހިއްސަލާމްވެސް ވަރަށް ބޮޑަށް އުފާކުރައްވާނެއެވެ. ކޮންމެ އިންސާނަކުވެސް އެމީހަކަށް ދެއްވާފައިވާ ޢިލްމެއް އެހެން މީހަކަށް ފޯރުކޮށްދެވިއްޖެނަމަ އެކަމާ އުފާކުރާނެއެވެ. ސަބަބަކީ އޭގެ ފައިދާ އޭނާ މަރުވުމަށްފަހުގައިވެސް ކުރާނެތީވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : مِنْ صَدَقَةٍ جَارِيَةِ ، أَوْ عِلْمٍ يُنْتَفَعُ بِهِ ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ) މާނައަކީ: "އާދަމްގެ ދަރިޔާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް މެދުކެނޑިގެންދެއެވެ. ދެމި ހުންނަނިވި ޞަދަގާތެކެވެ. ނުވަތަ މަންފާ ކުރަނިވި ޢިލްމެކެވެ. ނުވަތަ އޭނާ އަށް ހެޔޮ ދުޢާކޮށްދޭނެ ޞާލިޙް ދަރިޔެކެވެ."

- ނުނިމޭ -

މިއަދު އޮންލައިން