ރައްޔިތުންނަށް ޚިދުމަތްކުރުމާ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގަ އަޅުގަނޑުމެން މިތިބީ އެކީގަ މަސައްކަތްކުރަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ރައްޔިތުންނަށް ޚިދުމަތްކުރުމާ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގަ އަޅުގަނޑުމެން މިތިބީ އެކީގަ މަސައްކަތްކުރަން: ރައީސް ޞާލިޙް

މިއީ ޤައުމުގެ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތްކުރަންވީ ވަގުތު ކަމަށާއި އެއްވެސް މީހަކު ބާކީ ނުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގައި އަޅުގަނޑުމެން މިތިބީ އެކީގައި މަސައްކަތްކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަފްލާގައި މިރޭ ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވުނު ގޮތް މިއަދުވެސް ހަނދުމަފުޅު އެބަހުރި ކަމަށެވެ. "ރައްޔިތުން އަޅުގަނޑު ހޮއްވެވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. ރައްޔިތުން އެދޭއެދުންތައް ތަންފިޒުކުރުމަށް. އަޅުގަނޑު މިއަދުވެސް މިހިރީ މިޓީމާއިއެކު އެ މަސައްކަތް ކުރުމުގައި ކުރިއަށްދާން ތައްޔާރަށް."  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

ރައްޔިތުން މިއަދު ނިންމި ނިންމުމަކީ 23 ސެޕްޓެމްބަރުގައި ނިންމި ނިންމުމާއި އެއްގޮތަށް މިއަދުވެސް ތިބިކަން އަންގައިދިނުމަށް ނިންމި ނިންމިމުމެއް. ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާން ބޭނުންނުވާކަން މިއަދު އަނެއްކާވެސް ހާމަކޮށްދީފި. މަގުތަކުގައި ގޮތް ނުއެނގޭ ގޮތަށް މަރަމުން ގެނދިއަ ގެންދިއުން ތިއަބޭފުޅުން ބަލައެއް ނުގަތް. އަދި އެކަންތައްތައް ބަލައި އެކަން ކުރި ބައަކު އިންޞާފުގެ މަގަށް ގެނައުމަށްޓަކައި މިސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް މިއަދު އަނެއްކާވެސް ތިއަބޭފުޅުން ތިއަވިދާޅުވީ އާނއެކޭ. ކުރިއަށް ގެންދާށޭ. 

ރައްޔިތުން ރައްޔިތުންގެ ވާޖިބު އަދާކުރައްވައިފި. އެއީ ޝައްކެއް ނެތް ކަމެއް. 23 ސެޕްޓެމްބަރުގައިވެސް މިއަދުވެސް ތިއަ ދެއްކެވީ އެކަން. މިއަދު މިއޮތީ އެ ވާޖިބު އަދާކުރުމަށް ސަރުކާރަށާ މަޖިލީހަށް ބާރު ދެއްވައިފަ. އަޅުގަނޑު މިހުރީ ތިއަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ތިއަބޭފުޅުންނާއިއެކު ކުރިއަށްދާން ތައްޔާރަށް. 

މިއަދު ތިއަބޭފުޅުން ތިއަ ހޮއްވެވި މެންބަރުން، އެމަސައްކަތުގައި ދެމިތިއްބަވާނެ ކަމަށް ހިތުގެ އަޑިން ޤަބޫލުކުރަން. ތިއަބޭފުޅުން ކޮރަޕްޓް ވެރިކަމަކަށް ނޫނެކޭ ބުނެފި. ކިލަނބުވެފަ އޮތް މަޖިލީހެއް ޒިންމާދާރު މަޖިލީހަކަށް ހަދައިފި. ދެން އޮތީ އަޅުގަނޑުމެންގެ ވާޖިބު. މިއަދު ތިއަބޭފުޅުން ނިންމެވި ނިންމެވުމަކީ ހެޔޮ ވެރިކަމަކަށް ތިއަބޭފުޅުން ކުރައްވާ އުންމީދުތަކުގެ ދަލީލެއް. ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ތިއަ ހުރިހާ ބޭފުޅުންނަށް. 

ކޮރަޕްޝަނާ ވައްކަން މިދިއަ ސަރުކާރުން ހިންގާފައި އޮތްވަރު ބަލައި އެކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ކޮމިޝަން އިރާދަކުރެއްވިއްޔާ މި މަޖލީހާއިއެކު ފަންކްޝަން ކުރާތަން އިރާދަ ކުރެއްވިއްޔާ ތިއަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މަރާލާފައިވާ އަދި ގޮތް ނޭނގޭ މީހުންގެ މައްސަލަތައް ބެލުމަށް އަޅުގަނޑު އެކުލަވައިލި ކޮމިޝަނުގެ މަސައްކަތް މިމަޖިލީހުގެ ތާއީދާއިއެކުގައި އިރާދަކުރެއްވިއްޔާ ކުރިއަށް ދާނެ. 

ރައްޔިތުންގެ އިޙްޞާޞްތަކާއި ރައްޔިތުންގެ އެދުމާއި އެއްގޮތަށް މަސައްކަތްކުރަން ބޭނުންނުވާ މީހަކަށް މިސަރުކާރަކު ޖާގައެއް ނޯންނާނެ. މިސަރުކާރުގައި ތިބެންވާނީ ރައްޔިތުންނަސް ޚިދުމަތް ކުރުމަށް! އަމިއްލަ އެދުމަށް މަސައްކަތްކުރުމުގެ ޖާގައެއް ހަމަހިލާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުދޭނަން! 

މިއަދުވެ ވޯޓުގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ވަކިން ބޮޑަށް ޝުކުރިއްޔާ. 

މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ބަލައިގަންނަން. މިއަދު ފެނިގެން މިދިއައީ ނުފޫޒާ ބާރުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނަށް ދިނުމުން އެއްވެސް މައްސަލައެއް ނުޖެހި މިރާއްޖޭގައި އިންތިޚާބެއް ބޭއްވިގެން ދިއަތަން. މިއަދަކު ނާދޭ އަނގޮޓީގެ ޝަކުވާއެއް. ދެލިފޮހޭ ގަލަމުގެ ޝަކުވާއެއް. 

މިއަދު ރައްޔިތުން ނުކުމެ ވޯޓުދިނީ ހިތްހަމަޖެހިގެން ތިބެ. ކެންޕޭނުގައިވެރިވި އެންމެންނަށް، އިސްޓީމަށް ޚާއްޞަކޮށް ޝުކުރު އަދާކުރަން.

 

 

 

މިއަދު އޮންލައިން