ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ފައިސާގައި ޖެހިއްޖެ ނަމަ މަޑުން ނުތިބެ ހާމަ ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.
މިއަދު ބޭއްވި މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަފްލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެފަދަ ކަމެއް ހާމަކޮށްފިނަމަ ފިޔަވަޅު އަޅުއްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
މިއަދު ނޫސްވެރިންގެ ވަރަށް ބޮޑު ޒިންމާއެއް އެބަ އޮތް. ރައްޔިތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ހަވާލުކުރި މަސައްކަތް ކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އަދާކުރަން ޖެހޭނެ ބައަކީ ނޫސްވެރިން. ފާރަވެރިވެ ސަރުކާރުން އެންމެ ކަމެއް ގޯސްކޮށް ކުރިނަމަވެސް ހާމަކުރައްވާ! ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ފައިސާގަ ޖެހިއްޖެ ކަމަށްވާނަމަ ހާމަކުރައްވާ. މަޑުން ނުތިއްބަވާތި. އަޅުގަނޑު މިހުރީ ފިޔަވަޅުއަޅަން ތައްޔާރަށް. މިސަރުކާރުގަ ވައްކަމަށް ޖާގައެއް ނޯންނާނެ! އެކަން (ވައްކަން) ކުރަން ހިތުލައިގެން ހުރި މީހަކު ނަމަ މިވަގުތު ޖެހޭނީ ސަރުކާރާއި ދުރަށް ޖެހެން.