މިއަދު ހެނދުނު 8:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއިން ބޭރުގެ ހަތަރު ޤައުމެއްގައި ބޭއްވުނު، ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވޯޓުލާ ނިމި، ނަތީޖާ އިއުލާނު ކުރުމަށް ގިނަ ފޮށިތަކުން ތައްޔާރުވަމުން އެބަދެއެވެ.
ވޯޓުލުން ބަންދުވެފައިވާއިރު މިފަހަރުގެ އިންތިހާބުގައި ވޯޓުލާފައިވަނީ ޖުމްލަ 75 އިންސައްތަ މީހުން ކަމަށް ބެލެވެއެވެ. އެއީ ދެ ލައްކައަށްވުރެ ގިނަ މީހުންނެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ި 264،442 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 501 ވޯޓުފޮށި ބެހެއްޓިފައިވާއިރު ރާއްޖެއިން ބޭރުގެ ހަތަރު ޤައުމެއްގައި ވެސް ވޯޓުފޮށި ބެހެއްޓިފައިވެއެވެ.
މި އިންތިހާބުގައި 10 ޕާޓީއަކާއި އަމިއްލަ ގޮތުން ޖުމްލަ 386 ކެންޑިޑޭޓުން ވާދަ ކުރި އެވެ. އެއީ އެމްޑީޕީގެ 85 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 27 އަދި ޕީއެންސީގެ 20 ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓެކެވެ. އަދި އަދާލަތު ޕާޓީގެ ނުވަ ކެންޑިޑޭޓުންނާއި އެމްޑީއޭގެ އަށް ކެންޑިޑޭޓުން ވާދަކުރި އެވެ. ޑީއާރްޕީގެ ފަސް ކެންޑިޑޭޓުން އަދި އެމްޓީޑީގެ އަށް ކެންޑިޑޭޓުން ވާދާ ކުރާއިރު ލޭބާ ޕާޓީގެ 11 ކެންޑިޑޭޓުން ވާދަކުރި އެވެ. އަމިއްލަ ގޮތުން 174 ކެންޑިޑޭޓުން ވާދަކުރި އެވެ.