ވީމާ، އެމީހަކާއި ހަމައަށް އިސްލާމްދީނުގެ ދަޢްވަތު ފޯރާފައިނުވާ މީހާ، އެމީހަކު ކާފިރުކަން މަތީގައި މަރުވި ކަމަށްޓަކައި ﷲ ތަޢާލާ އޭނާ އަށް ޢަޛާބެއް ނުދެއްވާނެއެވެ. އެފަދަ މީހުން ގިޔާމަތް ދުވަހުގައި އިމްތިޙާނު ކުރައްވާނެއެވެ. އެއިމްތިޙާނުގައި އެބައިމީހުން ﷲ އަށް ކިޔަމަންގަންފިނަމަ ސުވަރުގެ ވަންނާނެއެވެ. ނުކިޔަމަންތެރި ވެއްޖެނަމަ ނަރަކަ އަށް ވަންނާނެއެވެ. މިކަމުގެ ދަލީލަކީ:
حديث الْأَسْوَدِ بْنِ سَرِيعٍ أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَرْبَعَةٌ [يحتجون] يَوْمَ الْقِيَامَةِ رَجُلٌ أَصَمُّ لا يَسْمَعُ شَيْئًا وَرَجُلٌ أَحْمَقُ وَرَجُلٌ هَرَمٌ وَرَجُلٌ مَاتَ فِي فَتْرَةٍ فَأَمَّا الأَصَمُّ فَيَقُولُ رَبِّ لَقَدْ جَاءَ الإِسْلَامُ وَمَا أَسْمَعُ شَيْئًا وَأَمَّا الأَحْمَقُ فَيَقُولُ رَبِّ لَقَدْ جَاءَ الإِسْلَامُ وَالصِّبْيَانُ يَحْذِفُونِي بِالْبَعْرِ وَأَمَّا الْهَرَمُ فَيَقُولُ رَبِّي لَقَدْ جَاءَ الإِسْلامُ وَمَا أَعْقِلُ شَيْئًا وَأَمَّا الَّذِي مَاتَ فِي الْفَتْرَةِ فَيَقُولُ رَبِّ مَا أَتَانِي لَكَ رَسُولٌ فَيَأْخُذُ مَوَاثِيقَهُمْ لَيُطِيعُنَّهُ فَيُرْسِلُ إِلَيْهِمْ أَنْ ادْخُلُوا النَّارَ قَالَ فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَوْ دَخَلُوهَا لَكَانَتْ عَلَيْهِمْ بَرْدًا وَسَلامًا)މާނައަކީ: އަލްއަސްވަދު ބިން ސަރީޢުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަތަރު މީހަކު ގިޔާމަތް ދުވަހުގައި އިޙްތިޖާޖު ކުރާނެއެވެ. ކަންފަތަށް އަޑު ނީވޭ ބީރު މީހާ އާއި ހެޔޮނުބައި ވަކި ކުރަން ނޭނގޭ މީހާ އާއި މުސްކުޅިވުމުގެ ސަބަބުން ހަނދާންނެތޭ ބަލި ޖެހިފައިވާ މުސްކުޅިމީހާ އާއި، ފަތްރަތުގެ ދުވަސްވަރުގައި (އިސްލާމްދީން އައުމުގެ ކުރިން) މަރުވެފައިވާ މީހުންނެވެ. ބީރު މީހާ ދަންނަވާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިސްލާމްދީން އައި ނަމަވެސް ތިމަންނާ އަކީ ކަންފަތަށް އަޑު ނީވޭ މީހެކެވެ. ހެޔޮނުބައިވަކި ނުވާ މީހާ ބުނާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިސްލާމްދީން އަޔެވެ. ނަމަވެސް ކުޑަކުދިން އަޅުގަޑާއި ދިމާލަށް އެއްޗެހި އުކަނީއެވެ. ހަނދާންނެތޭ ބަލި ޖެހިފައިވާ މުސްކުޅި މީހާ ބުނާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިސްލާމްދީން އަޔެވެ. ނަމަވެސް، އަޅުގަޑަކަށް އެއްވެސް އެއްޗެއް ވިސްނޭވަރެއް ނުވެއެވެ. ފަތްރަތުގެ ދުވަސްވަރު މަރުވެފައިވާ މީހާ ބުނާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާޙެވެ. ތިމަންނާގެ ގާތަށް ރަސޫލު ބޭކަލަކު ވަޑައިގެންފައި ނުވެއެވެ. ދެން އެފަދަ މީހުން މާތް ﷲ އަށް ފުރިހަމަ އަށް ކިޔަމަންތެރިވުމަށް ޢަހްދުކަށަވަރު ހިއްޕަވާނެއެވެ. އެއަށްފަހު އެމީހުން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އަންގަވާނެއެވެ. "ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ." (ނަރަކައަށް ވަދެއްޖެނަމަ ﷲގެ އަމުރުފުޅަށް ކިޔަމަންތެރިވީ އެވެ. ނުވަދެއްޖެނަމަ ނުކިޔަމަންތެރިވީއެވެ.) ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގައިވާ ފަރާތް ގަންދެއްވާ ޙަދީޘް ކުރައްވަމެވެ. އެބައިމީހުން ނަރަކަ އަށް ވަންނަމަވެސް، އަލިފާންގަނޑު ވާނީ އެބައިމީހުންނަށް ފިނި ސަލާމަތްކަން ހުރި އެއްޗަކަށެވެ."
(إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةًأَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا )
( عَلَىٰ قُلُوبِهِمْ ) އެބައިމީހުންގެ ހިތްތަކަށް (އެބައިމީހުންގެ ރައްބުގެ އާޔަތްތައް ކިޔަވައިދެވި، ހަނދާންކޮށްދިނުމުން އެޔަށް ފުރަގަސް ދިން މީހުން)
(أَكِنَّةً) ހެޔޮތަކެތި ނުވިސްނޭނެ ގޮތަށް އެބައިމީހުންގެ ހިތްތައްވަނީ ބަންދު ކުރައްވާފައެވެ.
މި އާޔަތުން ދޭހަވަނީ ގުރްއާން ކިޔަވާ އޭގެ މާނައާއި މެދު ވިސްނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ކަމެވެ. އަދި އެކަމުގެ މުހިއްމު ކަމެވެ. ޞަޙާބީން ގުރްއާނުން ދިހަ އާޔަތް ކިޔަވާ ވިދާޅުވެއްޖެނަމަ އޭގައި އެކުލެވިގެންވާ މާނަ އާއި ޢިލްމު ދަސްކުރައްވާފައި މެނުވީ ކުރިޔަށް ވަޑައި ނުގަންނަވާ ކަމުގައި ވާރިދުވެގެން ވެއެވެ.
( وَفِي آذَانِهِمْ وَقْرًا ) "އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ."
އެބައިމީހުންގެ ހިތްތަކުގައި ވަނީ ހުރަސްތަކެއް ލައްވާފައެވެ. އެހެންކަމުން ހެޔޮ އެއްޗެއް ނުވިސްނެއެވެ.
ކަންފަތުގައި ވަނީ ބީރުކަމެއް ލައްވާފައެވެ. އެހެންކަމުން، ހެޔޮބަހެއް އަޑެއް ނީވެއެވެ. އެހެންކަމުން ޙައްގުބަހެއް އަޑެއް ނީވެއެވެ. އަދި ނުވެސް ވިސްނޭނެއެވެ.
(وَإِن تَدْعُهُمْ إِلَى الْهُدَىٰ فَلَن يَهْتَدُوا إِذًا أَبَدًا) ކަލޭގެފާނު ކިތަންމެ ވަރަކަށް ހިދާޔަތުގެ މަގަށް ދަޢްވަތު ދެއްވިނަމަވެސް، އެމީހުންނަކަށް ހިދާޔަތެއް ނުލިބޭނެއެވެ. ސަބަބަކީ އެބައިމީހުންގެ ހިތްތަކުގައިވަނީ ހުރަހެއް ލައްވާފައެވެ. އަދި ކަންފަތުގައިވަނީ ބީރުކަމެއް ލައްވާފައެވެ.
ފަހަރުގައި މީހަކު ކޮށްފާނެ ސުވާލެކެވެ. މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާޔޫސްކޮށްލުންތޯ އެވެ؟ އެކަލޭގެފާނު ބުރަ މަސައްކަތް ކުރައްވާ އެމީހުންނަށް ހިދާޔަތް ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވިނަމަވެސް، އެމީހުން އެކަން ގަބޫލު ނުކުރާނެވާހަކަ އޮތީމައެވެ؟
ޖަވާބަކީ: މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަސްލިޔާ (ހިތްހަމަ ޖެހުން ދެއްވުމުގެ ގޮތުން) ވަޙީ ކުރައްވާފައިވާ ބަސްފުޅެކެވެ. އެމީހުންނަށް ހިދާޔަތް ނުލިބިގެން އުޅެނީ އެކަލޭގެފާނުގެ މައްސަލައަކުން ނޫން ކަމެވެ.
( وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا ﴿٥٨﴾) "ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحمةގެ ވެރިރަސްކަލާނގެއެވެ. އެއުރެން ހޯދި (ނުބައި) ކަންތަކަށް އެކަލާނގެ އެއުރެންނަށް (ވަގުތުން) عقابދެއްވާނަމަ، އެއުރެންނަށް عذابއަވަސްކުރެއްވީސްކަން ކަށަވަރެވެ. އަދި ކީއްހެއްޔެވެ! އެއުރެންނަށް موعدއެއް ވެއެވެ. އެއިން ރެކިގެންގޮސް ވަންނާނެ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ."
މި އާޔަތުގައި މިވަނީވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަސްލިޔާ (ހިތްހަމަޖެހުމެއް ) ދެއްވާފައެވެ. ސަބަބަކީ ފަހަރުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅަށް އަރާވަޑައިގެންފާނެއެވެ. "ތިމަންކަލޭގެފާނަކީ ﷲ ގެ ރަސޫލާ ކަމަށްވެފައި، އެބައިމީހުން ތިމަންކަލޭގެފާނުގެ ރިސާލަތުދޮގުކޮށް ހަދާއިރުވެސް، ﷲ ގެ ކޯފާ އާއި ޢަޛާބު އެމީހުންގެ މައްޗަށް ނައިސް ލަސްވަނީ ކީއްވެގެން ހެއްޔެވެ؟" އެބައިމީހުންގެ މައްޗަށް ކޯފާ އެއް ޢަޛާބެއް ނުފޮނުއްވާ ލަސްވާ ސަބަބު ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ.
(وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ) "ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحمةގެ ވެރިރަސްކަލާނގެއެވެ."
( لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ) " އެއުރެން ހޯދި (ނުބައި) ކަންތަކަށް އެކަލާނގެ އެއުރެންނަށް (ވަގުތުން) عقابދެއްވާނަމަ، އެއުރެންނަށް عذابއަވަސްކުރެއްވީސްކަން ކަށަވަރެވެ." ސޫރަތު ފާޠިރުގެ 45 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَوْ يُؤَاخِذُ اللَّـهُ النَّاسَ بِمَا كَسَبُوا مَا تَرَكَ عَلَىٰ ظَهْرِهَا مِن دَابَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ فَإِنَّ اللَّـهَ كَانَ بِعِبَادِهِ بَصِيرًا ﴿٤٥﴾ ) މާނައަކީ: " މީސްތަކުން ހޯދައިގަތް ފާފަތަކުގެ ސަބަބުން، اللَّه، އެއުރެންނަށް (ވަގުތުން) عقوباتދެއްވާނަމަ، ހިނގާބިނގާއުޅޭ އެއްވެސް ދިރޭ އެއްޗެއް އެ ބިންމަތީގައި ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައަޅުއްވާފައިވާ މުއްދަތަކަށް އެކަލާނގެ އެއުރެން ފަސްކުރައްވަތެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، (އެއުރެންނަށް ޖަޒާ ދެއްވާނެތެވެ.) ފަހެ، ހަމަކަށަވަރުން، اللَّهއީ، އެކަލާނގެ އަޅުތަކުންނަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ."
( بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا ) އެމީހުންނަކަށް ﷲ ގެ ކޯފާ އާއި ޢަޛާބުން ސަލާމަތެއް ނުވެވޭނެއެވެ. އެހެންނަމަވެސް، އެކަމަށް ކަނޑައެޅިފައިވާ ވަގުތަކާއި ހަމައަށް އެކަން ލަސްވަނީ އެވެ. އެއި ގިޔާމަތްދުވަހުއެވެ. ފަހަރުގައި އެކަމަކީ މިދުނިޔެމަތީގައި މުސްލިމުންގެ އަތްމަތިން އެބައިމީހުން ގަތުލުވެގެން ދިޔުން ކަމަށްވެސް ވެދާނެއެވެ. ސޫރަތުއް ތައުބާގެ 14 އަދި 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ اللَّـهُ عَلَىٰ مَن يَشَاءُ ۗ وَاللَّـهُ عَلِيمٌ حَكِيمٌ ﴿١٥﴾ ) މާނައަކީ: " ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން اللَّهއެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން عذابދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް، އެއުރެންގެ މައްޗަށް نصرދެއްވާނެތެވެ. އަދި مؤمنބަޔެއްގެ ހިތްތަކަށް شفاءދެއްވާނެތެވެ. އަދި އެއުރެންގެ (އެބަހީ: مؤمنންގެ) ހިތްތަކުގައިވާ ރުޅިވެރިކަން ފިއްލަވާނެތެވެ. اللَّهއިރާދަކުރައްވާ ބަޔެއްގެ މައްޗަށް توبةލައްވާނެތެވެ. اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ حكيمވަންތަ ރަސްކަލާނގެއެވެ."
އެހެންކަމުން، އެބައިމީހުންގެ މައްޗަށް ކޯފާ އާއި ޢަޛާބު އައުން އޮތީ އެއްގޮތަކުންނަމަ، ދުނިޔޭގައެވެ. އަނެއް ގޮތަކުންނަމަ ގިޔާމަތް ދުވަހުންނެވެ. ކޮންމެ ގޮތަކުންނަމަވެސް އެކަން އަންނާނެކަން ކަށަވަރެވެ.
(وَتِلْكَ الْقُرَىٰ أَهْلَكْنَاهُمْ لَمَّا ظَلَمُوا وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ﴿٥٩﴾ )
(وَتِلْكَ الْقُرَىٰ أَهْلَكْنَاهُمْ لَمَّا ظَلَمُوا ) "އަދި އެއީ އެއުރެން އަނިޔާވެރިވީހިނދު، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި ރަށްތަކުގެ މީހުންނެވެ."
(لَمَّا ظَلَمُوا ) މިތަނުގައި ( ظَلَمُوا ) ގެ މުރާދަކީ "ކާފިރުވުމެވެ."
( وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ) އެމީހުން ހަލާކު ކުރެއްވުމަށް ﷲ ތަޢާލާ ވަގުތެއް ކަނޑައަޅުއްވާފައިވެއެވެ. ﷲ އިރާދަ ކުރައްވައިފިނަމަ ޢުގޫބާތް އަވަސްކުރައްވައެވެ. އިރާދަ ކުރައްވައިފިނަމަ ލަސްކުރައްވައެވެ. ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިކަމަށް ސޫރަތުއް ނޫޙުގެ 4 ވަނަ އާޔަތުގައި ﷲ ވަޙީ ކުރެއްވިއެވެ. (يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُّسَمًّى) މާނައަކީ: " (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ."
(وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾ )
( إِذْ ) މިއީ މަޙްޛޫފް ވެފައިވާ ފިޢްލެއްގެ މަފްޢޫލު ބިހީ އެވެ. ތަގްދީރަކީ (واذكر إذ ) "މޫސާ ޢަލައިހިއްސަލާމް އެފަދައިން ވިދާޅުވި ހިނދު ކަންތައް ހިނގާދިޔަ ގޮތް ހަނދުމަ ކުރައްވާށެވެ."
( لِفَتَاهُ ) މިއީ މޫސާ ޢަލައިހިއްސަލާމްގެ ޚާދިމެއްގެ ގޮތުގައި އުޅުއްވި ޔޫޝަޢު ބިން ނޫން އެވެ.
- ނުނިމޭ -