މުސްލިމުންނަކީ އެކަކު އަނެކަކާއި ބައްދަލުވުމުން، ދަންނަ މީހުން ނަމަވެސް އަދި ނުދަންނަ މީހުން ނަމަވެސް އެކަކު އަނެކަކަށް ސަލާންކުރަން ޖެހޭ ބައެއް ކަމަށާއި ނަމަވެސް ކޮންމެވެސް ބޭނުމަކު ނޫނީ ސަލާން ނުކުރާ ދުވަހެއް އަންނާނެ ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމަށާއި އެދުވަސް މިވަނީ އައިސްފައި ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް ވިދާޅުވީ އުންމަތެއްގެ ގުޅުން ބަދަހިކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ސަލާންކުރުން ގިނަކުރުން ކަމަށެވެ. މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވުމުން އެއީ ދަންނަ މީހެއްތޯ ބަލަން ނުޖެހޭނެ ކަމަށާއި އަވަސްވެގަންނަންވާނީ ސަލާން ކުރުމަށް ކަމަށެވެ.
ނަމަވެސް މިއަދު ސަލާންކުރަނީ އަނެކާއަކީ ތިމާ ދަންނަ މީހެއްތޯ ބެލުމަށްފަހު ނުވަތަ އަނެކާގެ ކިބައިން ކޮންމެވެސް ބޭނުމެއް ފުއްދަން ބޭނުންވެގެން ކަމަށެވެ.
މުފްތީ މެންކް ވިދާޅުވީ ކާފަރުންނާއި ބައްދަލުވުމުންވެސް އެމީހުންގެ އާދަކާދަ އާއި އެއްގޮތަށް ސަލާންކުރަންވާނެ ކަމަށެވެ. އެއިރުން އެމީހުންގެ ހިތްތަކުންވެސް މުސްލިމުންނަށް ޖާގަ ހޯދޭނެ ކަމަށެވެ.