ކައުންސިލަރަކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށްފަހު "ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ތިމަންނަމެންނަށް ކޮށް ނުދެވުނީ ސަރުކާރުން ބާރުތައް ގެންދިއައިމައޭ ލާރި ނެތީމައޭ" ބުނުމަކީ ދެއްކޭނެ ބަހަނާއެއް ނޫން ކަމަށާއި އެހާލަތު ކުރިމަތިވަނީ "އަމިއްލައަށް އަނދަވަޅު ކޮނެ އެއަނދަވަޅަށް ވެއްޓިގަތުމުން" ކަމަށް މާލެ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
މަދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބުގައި މައްޗަންގޮޅު އުތުރު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ އާދަމް މަނިކު ވިދާޅުވީ ކައުންސިލް މެންބަރުންނާއި މަޖިލިސް މެންބަރުންނަކީ ވަރަށް ތަފާތު ދެ ބައެއް ކަމަށާއި ކައުންސިލު މެންބަރުންނަކީ ސީދާ ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްދޭން ތިބޭ ބައެއްކަމަށްވާއިރު މަޖިލިސް މެންބަރުންނަކީ ޤާނޫނު ހަދާބައެއް ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލަށް ބަލައިފިނަމަ މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންނަށް ޚިދުމަތްދޭން އުފައްދާފައިވާ މުއައްސަސާއެއް، ޚިދުމަތް ދޭން ހުންނަ އެންމެ އިސްވެރިއަކީ މޭޔަރު. ކައުންސިލަރަކުންނަކީ މޭޔަރުގެދަށުން އެކަންކަން ކުރަން ތިބޭ ބައެއް. ކައުންސިލުގެ ބަޖެޓު މިލިބެނީ ސަރުކާރުން. އެހެންވީމާ ކައުންސިލަށް ސަރުކާރު ނިޞްބަތް ނުވި ނަމަވެސް ކޮންމެވެސް ގޮތަކުން ސަރުކާރާއި ގުޅުން ބާއްވައިގެން ބަޖެޓު ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދިނުން ކައުންސިލްތަކަށް މަޖުބޫރުވާނެ. "މާލޭ ސިޓީކައުންސިލަށް ބަލައިފިނަމަ ކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ކަންތައްތަކާއި ހަމައަށް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ހުންނާނެ. ކާނުތައް ސާފުނުކުރީމް މިހާރު މިއޮތީ މާލޭގަ މަދިރި ގިނަވެފަ."
އާދަމް މަނިކު ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރަކީ ސިޓީ ކައުންސިލުން ހިތްހަމަ ޖެހޭ ސަރުކާރަކަށް ނުވީމާ ރައްޔިތުންގެ މަޖިލީހުން ކަންކަން ކުރާ ގޮތަށް ގޮސް ސަރުކާރާ ޖެހިގަތީމައި ދެން އަންނާނީ ބަޖެޓުވެސް ނުލިބޭތަން ކަމަށާއި އެހެން ކަންތައްތައްވެސް ކުރިމަތިވާތަން ފެންނާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ތިމަންނަމެންގެ ބާރު ގެންދިއައީ ކަމަށް ބުނުމަކީ ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ.
"އެކަމުގެ އެންމެ ބޮޑު މިސާލަކީ ވެރިކަމުގަ ހުންނަ މީހާ ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަކަން. ކއުންސިލަރުންނަކަށް އެބާރެއް ނޯންނާނެ ގައިމުވެސް. އެކަމުން ވެސް އެނގެނީ ކައުންސިލްތައް އުފެދިފައި އޮންނަނީ ރައްޔިތުންނަށް ޚީދުމަތްކުރަން ކަމަށްވާއިރު ސަރުކާރުގެ ދައުރެއް ނެތި އެކަންކަން ކޮށްނުދެވޭނެކަން. އެހެންވީމާ ކައުސިލުން ސަރުކާރާ ޖަދަލުކުރުމަކީ ވަރަށް މޮޔަކަމެއް."
"ތަފާތު ފީ ނަގައިގެން އަމިއްލައަށް ފައިސާހޯދަންވެސް ޤާނޫނުގަ ތަންދޭ. އެކަންވެސް ނުވެނޫންތޯ އެއޮތީ؟ އެހެންވީމާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކައުންސިލަރަކު ތިމަންނަމެންނަށް ކަންތައްތައް ނުކުރެވުނީ ސަރުކާރުން ބާރުތައް ގެންދިއައިމައޭ ލާރި ނެތީމައޭ ބުނުމަކީ ދެއްކޭނެ ބަހަނާއެއް ނޫން. އަމިއްލައަށް ނޫންތޯ އަނދަވަޅު ހަދައިގެން ވެއްޓިގަނެގެން މިއުޅެނީ؟" އާދަމް މަނިކު ވިދާޅުވިއެވެ.
އާދަމް މަނިކުގެ ވާހަކަފުޅު- (އޯޑިއޯ):