ހެޔޮލަފާ އަނބިންގެ ދުޢާއަކީ މައްސަލަތައް ހައްލުވެ ރިޒްޤް ތަނަވަސްވުމަށް ދޮރުތައް ހުޅުވައިދޭ ތަޅުދަނޑިއެއް! ނިކަމެތިކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހެޔޮލަފާ އަނބިންގެ ދުޢާއަކީ މައްސަލަތައް ހައްލުވެ ރިޒްޤް ތަނަވަސްވުމަށް ދޮރުތައް ހުޅުވައިދޭ ތަޅުދަނޑިއެއް! ނިކަމެތިކުރަން ހެޔޮނުވާނެ!

އަނބިން ބޭނުންކުރަންވީ ގޭގެ މަސައްކަތް ކުރާކަށް ނޫނެވެ. އަނބިންނަކީ އެއަށްވުރެ މާމަތިވެރި ބައެކެވެ. އެކަން ގިނަ ބައަކަށް ޤަބޫލު ނުކުރެވެނީއެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި އަނބިންނަކީ އަޅުން ފަދަ ބައެއްގެ ގޮތުގައި ގެންގުޅެފައިވާތީކަމަށް ވެދާނެއެވެ. ނަމަވެސް އެއީ އިސްލާމް ދީން ބާވައިލެއްވެވުމުގެ ކުރިއެވެ. ރަސޫލް (ޞޢވ) ރަސޫލްކަމާއިގެން ވަޑައިގެން ވަނީ ޙާލަތު ބަދަލުކުރައްވަވައިފައެވެ. އަންހެނުންނަށްވެސް ވަނީ ޙައްޤު މަޤާމް ހޯދައިދީފައެވެ. 

ގިނަ ބައެއްގެ ތަޖުރިބާގެ މައްޗަށް ބަހެއް ބުނެފާނަމެވެ. ތިމާއަށް މުޞީބާތެއް ކުރިމަތިވެގެން އުޅޭނަމަ، ޚާއްޞަކޮށް އަތްމަތި ދަތިވެގެން އުޅޭނަމަ އަނބިންނަށް އޯގާތެރިވުން އިތުރުކުރާށެވެ. އަނބިންގެ ކިބައިން ހިތްހަލާލު ހޯދާށެވެ. ހެޔޮލަފާ އަނބިންގެ ދުޢާއަކީ މައްސަލަތައް ޙައްލުވެ ރިޒްޤް ލިބުމަށް އިތުރު އެތައް ދޮރުތަކެއް ހުޅުވިގެންދާ ކަމެކެވެ. 

ޢާއިލާއަށް ދަތިތައް ހުރިނަމަވެސް ކުރިއެރުން ހޯދަން ބޭނުންނަމަވެސް ދެމަފިރިން އެކުގައި ތިބެ ދުޢާކުރުން ގިނަކުރާށެވެ. އެކުގައި ސުންނަތް ނަމާދުކުރުން ގިނަކުރާށެވެ. އަދި ވެވުނު ވަރަކުން ދުޢާކުރުމުގައި ދަރިންވެސް ބައިވެރިކުރާށެވެ. އެންމެން އެކުގައި ދެއަތް އުފުލައި "އަޅަމެންނަށް މިވެނިކަމެއް ދެއްވަވާނދޭވެ!" ކިޔައި ﷲ ތަޢާލާއަށް ދެންނެވުމުން ﷲ ތަޢާލާ އެ ދުޢާ އިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ! ތަޖުރިބާ ކޮށްލަންވެސް ނިކަން މިބުނި ފަދައިން ދުޢާކުރަން ފަށައިބަލާށެވެ! 

ވީމާ އަނބިންނަށް އަބަދުވެސް ޙައްޤު މަޤާމް ދޭށެވެ! ޤަދަރާއި އިޙްތިރާމް ކުރާށެވެ. ދިރިއުޅުމުގައި އަނބިންނަކީވެސް ހަމަ އެއްބައިކަމަށް ޤަބޫލުކުރާށެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަނީ ފިރިމީހާ ކަމަށްވުމުން ﷲ ތަޢަލާ ރިޒްޤް ދެއްވަވަނީ ފިރިމީހާގެ އަތްމައްޗަށް ކަމަށްވީނަމަވެސް އެއީ ފިރިމީހާގެ އެކަނި ޙައްޤެއް ނޫނެވެ. ﷲ ތަޢާލާ ދެއްވަވާ ރިޒްޤްގައި އަނބިމީހާ ކުރާ ދުޢާގެ ސަބަބުން އިތުރުކޮށްދެއްވެވި މިންވަރު ވަކިކުރަން އެނގޭނީ ކާކަށް ހެއްޔެވެ؟ ވީމާ ފިރިމީހާއަތަށް އަރާ ތަނަވަސްކަމަކީ ހަމައެކަނި ފިރިމީހާގެ މިލްކެއް ކަމަށް ނުދެކޭށެވެ. 

އެކުވެރިންގެ ތެރެއިން އަނބިންނަށް އޯގާތެރި ފިރިންގެ ދިރިއުޅުމަށް ނިކަން ބަލައިލަބަލާށެވެ. މިބުނި ބަހުގެ ހަޤީޤަތް ހަމަ ވަރަށް ގިނަ ޢާއިލާތަކުން ފެންނާނެއެވެ. ދަތިޙާލަތެއްގައި އުޅެމުން ދިއަ ނަމަވެސް އެފަދަ ޢާއިލާތައް ދިރިއުޅެމުންދާނީ ވަރަށް އުފަލުގައި ހިތް ހަމަޖެހިގެންނެވެ. 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

މިއަދު އޮންލައިން