ބާޠިލް ގޮތުގައި ޖަދަލުކުރާ ގޮތަކީ އެބައިމީހުންގެ ގާތަށް ރަސޫލު ބޭކަލުން ވަޑައިގެންނެވީމާ ބުނާ ކަމަށް ސޫރަތުއް ތަޣާބުންގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ذَٰلِكَ بِأَنَّهُ كَانَت تَّأْتِيهِمْ رُسُلُهُم بِالْبَيِّنَاتِ فَقَالُوا أَبَشَرٌ يَهْدُونَنَا فَكَفَرُوا وَتَوَلَّوا ۚ وَّاسْتَغْنَى اللَّـهُ ۚ وَاللَّـهُ غَنِيٌّ حَمِيدٌ ﴿٦﴾ ) މާނައަކީ: " އެއީ އެއުރެންގެ ގާތަށް އެއުރެންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، ފަހެ، ތިމަންމެންނަށް ތެދުމަގު ދައްކަނީ، آدمގެދަރިންތަކެއް ހެއްޔޭ، އެއުރެން ބުނެ، އެއުރެން كافرވެ، ފުރަގަސްދިނީތީއެވެ. އަދި اللَّهފުދިވޮޑިގެންވެއެވެ. اللَّه އީ، ފުދިވޮޑިގެންވާ، حمدލިބިވޮޑިގެންވާ ރަސްކަލާނގެއެވެ."
ސޫރަތުލް މުއިމިނޫންގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا هَـٰذَا إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَاءَ اللَّـهُ لَأَنزَلَ مَلَائِكَةً مَّا سَمِعْنَا بِهَـٰذَا فِي آبَائِنَا الْأَوَّلِينَ ﴿٢٤﴾) މާނައަކީ: " ފަހެ، އެކަލޭގެފާނު (ނޫޙު ޢަލައިހިއްސަލާމް) ގެ قومގެމީހުންކުރެ كافرވި ބޮޑުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدمގެދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ قصدކުރަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. اللَّهއިރާދަކުރެއްވިނަމަ (رسولން ކަމުގައި) ملائكةން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ."
މީގެ އިތުރުން މަރުވުމަށްފަހު އަލުން ދިރުއްވުމާއި ގުޅޭ ގޮތުންވެސް އެބައިމީހުން ޖަދަލު ކުރެއެވެ. ސޫޜަތު ޔާސީންގެ 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨﴾ ) މާނައަކީ: " އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثالއެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟"
( لِيُدْحِضُوا بِهِ الْحَقَّ ) (يُدْحِضُوا ) ފޮހެލުން، ބާޠިލް ކުރުން. އެބައިމީހުންގެ ބާޠިލް ވާހަކަތަކުން ޙައްގު ފޮހެލަން މަސައްކަތް ކުރެއެވެ.
(وَاتَّخَذُوا آيَاتِي وَمَا أُنذِرُوا هُزُوًا ) " އަދި ތިމަންރަސްކަލާނގެ آيةތަކާއި، އެއުރެންނަށް إنذارކުރައްވާފައިވާ ކަންތައް ފުރައްސާރައެއްކަމުގައި އެއުރެން ހެދޫއެވެ."
މީގެ މިޘާލަކީ: ޒައްގޫމް ގަހުގެ ވާހަކަ އެބައިމީޙުންނަށް ބަޔާން ކުރެއްވިއެވެ. ސޫރަތުއް ޞާފާއްތުގެ 64 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ ﴿٦٤﴾) " ހަމަކަށަވަރުން، އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ." މި އާޔަތް އެބައިމީހުންނަށް ކިޔައި ދެވުނީމާ ޖެއްސުންކޮށް ހީހެދިއެވެ. އެބައިމީހުން ބުނީ ނަރަކަ އަކީ ހޫނު ތަނަކަށްވާއިރު އެތަނުގެ އަޑިން ގަހެއް ފަޅާނީ ކިހިނަކުން ހެއްޔެވެ؟ ގަސް ހެދޭނީ ފިނިކަން ލިބިގެންނެވެ. އެހެންކަމުން އެއާޔަތް ގަބޫލުނުކޮށް ފުރައްސާރަކުރިއެވެ. ދެން އެބައިމީހުންނަށް ރައްދު ދެއްވާ ސޫރަތުއް ޞާއްފާތުގެ 66 އަދި 67 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ ﴿٦٦﴾ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ ﴿٦٧﴾ ) މާނައަކީ: " ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ. ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّومއާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއްް) އެއުރެންނަށްވާކަން ކަށަވަރެވެ."
އެބައިމީހުން ނަރަކާގައި ބަނޑުގައިވީމާ ކާންލިބޭނީ މިޒައްގޫމްގަހުގެ ފަތެވެ. އެފަތް ކައި ނިމުނީމާ ގަދަޔަށް ކަރުހިއްކައިގަންނާނެއެވެ. އެހިނދުގައި ހޫނުފެން ބޯންދެވޭނެއެވެ. ނަމަވެސް އެފެން ބޯނީ އިންސާނުން ބޯވައްތަރަކަށް ނޫނެވެ. ނަމަވެސް، ޖަމަލު ފެންބޯ ފަދައިންނެވެ. މިވާހަކަތައް ބަޔާން ކުރައްވާ ސޫރަތުލް ވާގިޢާގެ 54 އާއި 55 ގައި ވަޙީ ކުރެއްވިއެވެ. (فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ ﴿٥٤﴾ فَشَارِبُونَ شُرْبَ الْهِيمِ ﴿٥٥﴾) މާނައަކީ: " ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ. ފަހެ، ފެންބޮވައިގެންފައިވާ جملތައް ފެންބޯފަދައިންނެވެ."
އެބައިމީހުން އެގަހަކާ މެދުގައި ފުރައްސާރަކޮށް ހީހެދި ގަހަކީ އެގަހެއްގެ ފަތް އެބައިމީހުންނަށް ކާނާއެއްގެ ގޮތުގައި ނަރަކާގައި ކާންދެވޭ ގަހެވެ. (ﷲ ތަޢާލާ އަޅަމެން އެންމެން އެނަރަކައިން ސަލާމަތްކޮށްދެއްވާށި. އާމީން.)
(وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى الْهُدَىٰ فَلَن يَهْتَدُوا إِذًا أَبَدًا ﴿٥٧﴾ )
(وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِفَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ ) ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކައުނީ އާޔަތްތަކާއި (މިޘާލަކަށް: ކުރީގެ އުއްމަތްތައް ހަލާކު ކުރެއްވި ގޮތުގެ ވާހަކަ) ޝަރްޢީ އާޔަތްތައް (މިޘާލަކަށް ކީރިތި ގުރްއާން) އެމީހަކަށް ކިޔައިދެވި، ހަނދާންކޮށް ދިނުމަށްފަހުގައިވެސް، އެތަކެތި ދޫކޮށްލާ ބާޠިލް އަށް އެނބުރިއްޖެ މީހާ އަށް ވުރެ އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ؟
(فَأَعْرَضَ عَنْهَا ) އެތަކެތި ގަބޫލު ނުކޮށް ފުރަގަސް ދިނީއެވެ. މާނައަކީ: އެފަދަ މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވެއެވެ.
( وَنَسِيَ مَا قَدَّمَتْ يَدَاهُ ) އޭނާ އަށް ކުރެވިފައިވާ ކުށްފާފަތަކުގެ މަތިން ހަނދާނެއް ނުހުރެއެވެ. އެކަންތައްތަކަށް ތައުބާ އެއް ނުވެއެވެ. އިންސާނުންނަކީ އެބައިމީހުންނަށް މާގިނައިން ފާފަކުރެވެން ފަށައިފިނަމަ ޙައްގު ގަބޫލު ކުރުމާއި ދުރަށްދާ ބަޔެކެވެ. ސޫރަތުއް ޞައްފުގެ 5 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَلَمَّا زَاغُوا أَزَاغَ اللَّـهُ قُلُوبَهُمْ ۚ ) މާނައަކީ: "ފަހެ، އެއުރެން (حقން) އެއްކިބާވިހިނދު، اللَّهއެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ."
އެހެންކަމުން، ފާފަތަކަށް ދެވޭ އެންމެ ބޮޑު ޢުގޫބާތަކީ ހިތުގެ ބައްޔެވެ. މިޘާލަކަށް އިންސާނެއްގެ މުދާ ގެއްލިއްޖެނަމަ އެއީ ގެއްލުމެކެވެ. އެހެންނަމަވެސް، ހިތް ހަލާކު ވުމުން ލިބޭ ގެއްލުމަކީ މާބޮޑު ގެއްލުމެކެވެ. އޭގެ ބަދަލު ލިބޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ބުއްދިހުރި ކޮންމެ އިންސާނަކުވެސް ކަންބޮޑުވާންވީ ހިތްހަލާކުވެދާނެ ކަމަށެވެ. އެނޫންކޮންމެ މުޞީބާތަކީ ކުށްފާފަތަކަށް އޮތް ކައްފާރާ އެކެވެ.
މި އާޔަތުގައި ﷲ ތަޢާލާ ބަޔާންކޮށްދެއްވަނީ އެމީހެއްގެ ގާތަށް ﷲ ގެ އާޔަތްތައް އައިސް ހެވާއި ނުބައި ބަޔާންކޮށްދިނުމަށްފަހުގައިވެސް އެތަކެއްޗަށް ފުރަގަސްދިން މީހާގެ އަމިއްލަ ނަފްސަށް ވެވޭ އަނިޔާވެރިކަން، އެމީހަކާއި ހަމަ އަށް ﷲ ގެ އާޔަތްތައް ނުފޯރާ ހުންނަ މީހާގެ އަމިއްލަ ނަފްސަށް ވެވޭ އަނިޔާވެރިކަމަށްވުރެ ބޮޑު ކަމެވެ.
އެމީހަކާއި ހަމައަށް އިސްލާމްދީން ފޯރާފައި ނުވާ މީހާގެ ޙާލަތަކީ ކޮބާ؟
އެއްވެސް މީހަކާއި ހަމައަށް އިސްލާމީ ރިސާލަތު ފޯރާ، އަދި ޙުއްޖަތް ގާއިމު ކުރައްވާފައި މެނުވީ އެއްވެސް މީހަކަށް ޢަޛާބު ނުދެއްވުމަކީ ﷲ ގެ ޢަދްލުވެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސޫރަތުލް އިސްރާގެ 15 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا﴿١٥﴾ ) މާނައަކީ: " އަދި ތިމަންރަސްކަލާނގެ رسولއަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) عذابދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ." މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا﴿١٥﴾ ) މާނައަކީ: " އަދި ތިމަންރަސްކަލާނގެ رسولއަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) عذابދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ." މި އާޔަތުގައި މިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢަދްދުލުވެރިކަން ބަޔާން ކުރައްވާފައެވެ. އެއްވެސް މީހެއްގެ މައްޗަށް ޙުއްޖަތް ގާއިމު ކުރައްވާފައި މެނުވީ ﷲ ތަޢާލާ ޢަޛާބެއް ނުދެއްވާނެއެވެ. ސޫރަތުލް މުލްކިގެ 8 އަދި 9 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ ﴿٨﴾ قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّـهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ ﴿٩﴾) މާނައަކީ: "(كافرންގެ) فوجއެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ سؤالކުރައްވާނެތެވެ. إنذارކުރައްވާ رسولއަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް إنذارކުރައްވާ رسولއަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. اللَّه، އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ."
ސޫރަތުއް ޒުމަރުގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ﴿٧١﴾ ) މާނައަކީ: "އަދި كافرވިމީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެތެވެ. އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ آيةތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ إنذارކުރައްވާނޭ رسولން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، عذابގެ ބަސްފުޅު كافرންގެ މައްޗަށް حقވެއްޖެއެވެ."
- ނުނިމޭ -