މިމަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ އެމްޑީޕީން މަޖިލީސް އިންތިޚާބަށް ކުރި ކެމްޕޭން ނިންމަން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކެމްޕެއިން ދަތުރުތަކާއި ބައްދަލުވުންތަކުން ޔަގީންވެ ސާފުވެގެން ދިޔައީ ވަރަށް ގިނަ ރައްޔިތުން ތިބީ ސަރުކާރަށް މި އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ކެތްމަދުވެފައިކަމަށާއި މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުވާނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ޔަގީންކުރައްވާ ކަމަށެވެ.
މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަން ސަރުކާރަށް އަޣުލަބިއްޔަތު އޮތްކަން ނަމަވެސް ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ފޮނުވި 23 ބިލްގެ ތެރެއިން ފާސްކޮށްދީފައި ވަނީ އެންމެ އަށް ބިލް ކަމަށާއި މިއީ އެއްގޮތަކަށްވެސް އުންމީދުކުރެއްވި ގޮތް ނޫންކަމަށެވެ. އަދި ފާސް ނުކޮށްދިން ބިލްތަކުގެ ތެރޭގައި ރިޔާސީ މުހިންމު ވައުދުތަކެއް ފުއްދުމަށް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ހިމެނޭކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
މި ސަރުކާރަށް ރައްޔިތުން ވޯޓު ދެއްވި ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނުނެތޭނެ ކަމަށާއި އެ ކަންކަން ހަގީގަތަކަށް ހެދުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައިސް ތަކުރާރުކޮށް ވިދާޅުވިއެވެ.