ދެ ފިކުރު މަބްދައީކޮށް (އަސާސުގައި) މި ދެއެއްޗަކީ މުޅިން ތަފާތު ދެ ފިކުރެކެވެ. އެކަތި ހެދިފައިވަނީ އިސްލާމްދީން ހިމާކޮށް، ޢަލްމާނީ ދައުލަތަކަށް މި ދައުލަތް ބައަކު ހަދައިފާނެތީވެ، އެކަމާ ދެކޮޅަށް ކުރެވެން އޮތް ކަމެއް ކުރުމަށެވެ.
އަނެކައްޗަކީ، ޢަލްމާނީ ސެކިއުލާ ފަލްސަފާއެއްގެ މައްޗަށް އުފައްދާފައިވާ އެއްޗެކެވެ.
އެހެންކަމަށްވާނަމަ މި ދެ ފިކުރަށް މަޖިލީހުގައި އެއް ދިމާއަކަށް، އެއް އެޖެންޑާއެއްގެ ދަށުން ބިލު ވައްދައި ޤާނޫނުތަކަށް ހެދުމަށް އެއްބައަކު އަނެއްބައަކަށް އެއްބާރުލުން ދެވޭނީ ކިހިނެއްތޯއެވެ؟
ބިލު ހެދުމާއި، އެބިލު ޤާނޫނަކަށް ހެދުމުގެ ހުރިހާ ކަމަކާއި ހަވާލުވެގެން ތިބީ ސެކިއުލާ ފިކުރުގެ މީހުންނެވެ. އެހެން އެކަން އޮތް އިރު، އެމީހުންގެ ފަލްސަފާގެ މައްޗަށް މަޖިލީހަށް ވައްދާ ބިލަކަށް، މި ދެންނެވި، ދީނީ ފަލްސަފާގެ އެކަކު ނުވަތަ ދެމީހަކު، ދީނާ ގުޅޭގޮތަށް އެކަން ބަދަލުކުރަން އުޅުމުން އެކަމަށް މިދެންނެވި ސެކިއުލާ ފަލްސަފާގެ މީހުން އިޖާބަ ދޭނެތޯއެވެ؟
ޖަވާބަކީ، މަޖިލީސް ހިނގަމުން މިދަނީ އަލަކަށް ނޫނެވެ. މާޒީގައި އެކަން ވެފައި އޮތީ އެހެނެއް ނޫނެވެ. އެގޮތަށް އެބައިމީހުން ހުށަހަޅާފައިވާ އެފަދަ އެއްވެސް ބިލަކަށް ތަންފުކެއްވެސް ދޫ ދީފައެއް ނުވެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކަށް ޤާނޫނުލް ޢުޤޫބާތުގެ ބިލު ފުދޭނެއެވެ. ފިޤުހު އެކަޑަމީއިންނާއި، ދީނީ ޖަމްޢިއްޔާތަކުންވެސް އެއަށް އިޞްލާޙު ހުށަހެޅިއެވެ. އަދި މިދެންނެވި، ދީނީ ފަލްސަފާގެ މަޖިލިސް މެމްބަރުވެސް އެކަމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެބައަކު، އެކަންކަން ބަލައިގަނެ، އެކަންކަން އިޞްލާޙު ކޮށްދޭކަށް ބޭނުމެއް ނުވިއެވެ. މިއީ މާޒީއެވެ.
ޤައުމާއި ދީނުގެ ޙައްޤުގައި ވިސްނާ ދަރިން، މިކަންކަމާ މެދު ވިސްނެވުމަށް ވަޞިއްޔަތް ކުރަމެވެ.
- ޝައިޚް ޝަފީޢް ޢަބްދުﷲ