މަސްޖިދުއްޛިކުރާގައި ނަމާދުކުރެވޭ ގޮތް ހެދުމުގެ ހުއްދަ ނުދީފިނަމަ ކާމިނީގޭގައި ތަނެއް ހަދައިގެންވެސް ރަމަޟާންމަހު މިސްކިތުގައި ނަމާދުކޮށް ތިބެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަސް ދާދި ގާތްވެވެފައިވާއިރު މައްޗަންގޮޅީގެ 2 މިސްކިތް ބަންދުވެފައި ހުރުމުން ނަމާދުކުރަން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން މިމަހުގެ 2 ވަނަ ދުވަހު އާދަމް މަނިކު ވަނީ އޭނާގެ އަމިއްލަ ޚަރަދުގައި މަސްޖިދުއްޛިކުރާ ހިޔާކޮށް، އެތަނުގައި ނަމާދުކުރެވޭނެ ގޮތް ހަދައިދިނުމުގެ ހުއްދައަކަށް އިސްލާމިކް މިނިސްޓްރީގަ އާއި މާލޭ ސިޓީ ކައުންސިލުގައި އެދިވަޑައިގެންފައެވެ.
އާދަމް މަނިކު ވިދާޅުވީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެއިރު މުއްދަތު މިހައި ކައިރިވެފައި އޮތުމުން އެންމެ ދުވަހަކީވެސް ވަރަށް މުހިންމު ދުވަހެއް ކަމަށާއި މިފަދަ މުހިންމު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސިޓީ ފޮނުވިތާ 3 ދުވަސްވީއިރުވެސް އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާތީ ހިތާމަކުރައްވާ ކަމަށެވެ. "3 ދުވަސްވީފަހުން މިއަދު ހަފްތާ ބަންދަށް ބަންދުމިވަނީ. ކުރިއަށް އޮތީވެސް ބަންދު ދުވަސްތަކެއް. އަޅުގަނޑު ޙައްލުކޮށްދޭން މަސައްކަތް މިކުރަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލައެއް. އެހެންވީމާ ސަރުކާރުކާރުގެ މިނިސްޓްރީތައް މިހިނގަނީ ކިހިނެއްތޯ ސުވާލު އުފެދޭ. އެހައި ބޮޑު ޚަރަދެއް ކޮށްގެން ކޮށްދޭން މިއުޅެނީ އަމިއްލައަށް ކަމަށް ސިޓީގައި ލިޔެފައި އޮންނާނެ. އެކަމަކުވެސް އެއްވެސް އަޅައިލުމެއް ނެތް. މިއަދާއި ހަމައަށް އެންމެ ކުޑަމިނުން ފޯނުކޯލެއްވެސް ނާދޭ."
"އަޅުގަނޑު ދަންނަވާނީ މިދާއިރާގެ މީހުންނަށް ރަމަޟާން މަހު ވަގުތީ ތަނެއްގައި ނަމާދުކުރެވޭނެ ގޮތް ހަދައިދޭނަމޭ. އެއީ މއ. ކާމިނީގޭގަ ތަނެއް ހަދައިގެން ނަމަވެސް ރައްޔިތުންނަށް އެކަން ކޮށްދޭނަން."
މީގެ އިތުރުން އާދަމް މަނިކު ވިދާޅުވީ ރައްޔިތުންނަށްޓަކައި މިކަން ކޮށްދެއްވަން ފާރިޝް މައުމޫން ވެސް އުޅުއްވި ކަމުގެ ވާހަކަ ބައެއް ގޭގެއިން އަޑު އިވިވަޑައިގެންފައިވާ ކަމަށާއި އެކަމުގެ ހުއްދަ ފާރިޝްއަށް ލިބިވަޑައިގެންފައިވާނަމަ އެކަމުގެ މައުލޫމާތު ހިއްޞާ ކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ހުއްދައެއް ފާރިޝްއަށް ލިބިވަޑައިގެންފައިވާނަމަ ފާރިޝް އާއިއެކުގައިވެސް މި ކަމުގައި ކުރިއަށް ވަޑައިގަންނަވަން ހުންނެވީ ތައްޔާރަށް ކަމަށެވެ.
ސަރަނގު ޢާދަމް މަނިކުގެ ވާހަކަފުޅު-1
ސަރަނގު ޢާދަމް މަނިކުގެ ވާހަކަފުޅު-2