އެންމެ 7 ލާރިއަށް ފެން ލިޓަރެއް ލިބެން ހުއްޓައި 5 ރުފިޔާއަށް ލިޓަރެއް ގަނެގެން ބޭނުން ނުކުރުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
އެންމެ 7 ލާރިއަށް ފެން ލިޓަރެއް ލިބެން ހުއްޓައި 5 ރުފިޔާއަށް ލިޓަރެއް ގަނެގެން ބޭނުން ނުކުރުމަށް ރައީސް ޞާލިޙް އިލްތިމާސް ކުރައްވައިފި

ބޯފެނަށް މަހެއްގެ ތެރޭގައި ކުރާ ހޭދައަށް ބަލާއިރު އެމް.ޑަބްލިޔޫ.އެސް.ސީ އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނުގެ އަގަށް ބަލައިފިނަމަ ބޯފެން ލީޓަރެއް ޖެހެނީ ގާތްގަނޑަކަށް އެންމެ ހަތް ލާރިއަށް ކަމަށާއި އެހައި ހެޔޮ އަގުގައި، ފެންވަރު ރަނގަޅު ސާފު ބޯފެން ލިބެން ހުއްޓައި، އަޅުގަނޑުމެން ފަސް ރުފިޔާއަށް ފެން ލީޓަރެއް ގަނެގެން ބޯންވީ ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސުވާލު ކުރައްވައިފިއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޤައުމީ ފެން ކުންފުނި، އެމް.ޑަބްލިޔޫ.އެސް.ސީ އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނަކީ، މުޅި މި ސަރަޙައްދުންވެސް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު، އެންމެ ސާފު ބޯފެން ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކީ، ބޯފެނަށް ކުރަންޖެހޭ ހޭދައާއި، އުފުލަންޖެހޭ ތަކުލީފް ކުޑަކުރުން ކަމަށާއި ދެވަނަ އަމާޒަކީ، ޕްލާސްޓިކް ފުޅި ބޭނުންކުރުން ވީހައި މަދުކުރުން ކަމަށެވެ. އަދި އެކަން ކުރެވޭނީ، ފެން ކުންފުނިތަކުން އުފައްދާ ފެނަކީ، ބުއިމަށް އެންމެ އެކަށީގެންވާ ސާފު އަދި ރައްކާތެރި ފެން ކަމުގައި ހަދައިގެން ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިންސާނުން ބޯން ކަމުދާ ފެނުގެ ފެންވަރު ކަނޑައެޅުމަށް ޑަބްލިޔޫ.އެޗް.އޯ އިން ގެންގުޅޭ މިންގަނޑުން ބަލާއިރު، ބުއިމަށް ކަމުދާ އެންމެ އެވްރެޖް ފެނަކީ، ކޮންޑަކްޓިވިޓީ ލެވެލް އެއްހާސް ފަސްސަތޭކައިގައި ގައި ހުންނަ ފެން ކަމަށާއި އަޅުގަނޑުމެންގެ ފެން ކުންފުނިން މިހާރު ގޭބިސީތަކަށް ދޫކޮށްފައި ހުންނަނީ، ޑަބްލިޔޫ.އެޗް.އޯގެ މި މިންގަނޑަށްވުރެ ތިންގުނަ ފެންވަރު ރަނގަޅު ބޯފެނެއް ކަމަށެވެ. "އެއީ ކޮންޑަކްޓިވިޓީ ލެވެލް ހަތަރުސަތޭކަ އާއި ފަސްސަތޭކައާ ދެމެދުގައި ހުންނަ ފެނެއް. އެއީ އަޅުގަނޑުމެން ބުއިމަށާއި، ކާބޯތަކެތި ތައްޔާރުކުރުމަށް، ޞިއްޙީ މިންގަނޑުން ބަލާއިރުވެސް، އެންމެ އެކަށީގެންވާ ފެން ކަމަށް ހެލްތު މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އިންވެސް ވަނީ ކަށަވަރު ކޮށްދީފައި."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

އަޅުގަނޑު ހިތުން މިއީ، އަޅުގަނޑުމެންނަށް މިހާރުވެސް ސަލާމަތް ކުރެވިދާނެ ޚަރަދުތަކެއް. މިއަދުން ފެށިގެންވެސް، އަޅުގަނޑުމެންނަށް އެ ބަދަލު ގެނެވިދާނެ. އެ ބަދަލު ގެނެސްފިނަމަ، އެއީ އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށްވެސް ވާނެ.

އަޅުގަނޑުމެންގެ މި މާލެއިން ކޮންމެ ދުވަހަކު އުކައިލެވޭ ކުނީގެ ތެރޭގައިވެސް، އެންމެ ގިނަ ޢަދަދަކަށް ހުންނަ އެކައްޗަކީ، ތަފާތު ބާވަތުގެ ޕްލާސްޓިކް ފުޅި. ހަމައެކަނި މާލޭގައިވެސް، ދުވާލަކަށް ދެލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ޕްލާސްޓިކް ފެންފުޅި ބޭނުންކުރެވޭ. މި ބާވަތުގެ ޕްލާސްޓިކަކީ ފަސޭހައިން ފަނާވެގެންދާ ޒާތުގެ ޕްލާސްޓިކެއް ނޫން.

އަޅުގަނޑުމެންގެ ކަނޑުތަކަށް އެންމެ ގިނައިން އުކައިލެވެނީވެސް މި ބާވަތުގެ ޕްލާސްޓިކް ފުޅި. އަދި ރަށްރަށުގެ ގޮނޑުދޮށްތަކަށް އެންމެ ގިނައިން ލައްގާފައި ހުންނަ ކުންޏަކީވެސް ޕްލާސްޓިކް ފުޅި. މިއީ ހަމަ އަޅުގަނޑުމެންގެ އަތްތަކުން އަޅުގަނޑުމެންގެ ތިމާވެށްޓަށް ދެވޭ ގެއްލުމެއް.

ކުރިން އަޅުގަނޑު ދެންނެވި ފަދައިން، ފުޅީގައި ބަންދުކުރި ފެން، ބޮޑު އަގުގައި ގަނެގެން ބުއިމުގެ ބަދަލުގައި، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ، ރައްކާތެރި ސާފު ފެން ބޯން ފަށައިފިނަމަ، އަޅުގަނޑުމެންނަށް މައިގަނޑު ދެ ފައިދާއެއް ލިބޭނެ. އެއީ ވަރަށް ބޮޑަށް ޚަރަދު ކުޑަވުމާއި، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުން.

އަޅުގަނޑު އުއްމީދު ކުރަނީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތަށާއި ދުޅަހެޔޮ ކަމަށް އިސްކަންދޭ ފަދައިން، މި ރާއްޖޭގެ ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމަށްވެސް އިސްކަންދޭ ބައަކު ކަމުގައިވުން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެނާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބު މިންވަރު ކުރެއްވުން! އާމީން.

މިއަދު އޮންލައިން