ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދައިދެނީ ހިޓާޗީ ކުންފުނިން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދައިދެނީ ހިޓާޗީ ކުންފުނިން: ރައީސް ޞާލިޙް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޑަބްލިޔޫއެސްސީ އިން ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުން އިތުރު ތަކުލީފެއް އުފުލަން ނުޖެހޭގޮތަށް ކަމަށާއި މި މަޝްރޫޢަށް ބޭނުންވާ ތަކެތި ގަތުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ، ޖަޕާނުގެ ހިޓާޗީ ކެޕިޓަލްގެ ފަރާތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސުވާލު ކުރައްވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ

މި މަޝްރޫޢުގެ މަސައްކަތަށް ހިނގާ ޚަރަދުތައް ހަމަޖައްސާނީ އެމްޑަބްލިޔޫ.އެސް.ސީ. އިން އަމިއްލައަށް ކަމަށްވުމުން ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހޭދަކުރަން ނުޖެހޭނެ ކަމަށެވެ. މިހައި ބޮޑު މަޝްރޫޢެއް އަމިއްލައަށް ހިންގަން އެމްޑަބްލިޔޫއެސްސީގެ ހަޔާތުން 25 ވަނަ އަހަރަށް ފެށުނު ތަނާ ފެށިކަން އެއީ ވަރަށް ބޮޑު އުފާވެރިކަމެއް ކަމުގައި ވެސް ރައީސް ޞާލިޙް ވަނީ ފާހަގަ ކުރައްވައިފައެވެ.

"އެހެންކަމުން، އެ ކުންފުނީގެ ޚިދުމަތުގެ ރިހި ޔޫބީލް ގުނަން ފަށާފައިވާ މި މުނާސަބަތުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށާއި، ހީވާގި މުވައްޒަފުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި އެ ކުންފުންޏަށް ވަރަށް ކާމިޔާބު ދުވަސްތަކަކަށްވެސް އަޅުގަނޑު އެދެން".

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: އަސާސީ ޚިދުމަތެއް ފުރިހަމަކޮށްދިނުމުގެ އިތުރުން، މިފަދަ މަޝްރޫޢުތައް ހިންގުމުގައި، ސަރުކާރުން ހާސިލުކުރަން ބޭނުންވާ އެހެން މަޤްޞަދުތަކެއްވެސް އެބަހުރި.

މި ރާއްޖޭގެ ޖިއޮގްރަފީ ސަރަޙައްދުގެ ތެރެއިން ހިކިފަސް ބިމުގެ ނިސްބަތަކީ، ގާތްގަނޑަކަށް އެންމެ ޕަސެންޓެއް. އަނެއް 99 ޕަސެންޓަކީ ފެން ނުވަތަ ކަނޑުގެ ލޮނު. އެހެންނަމަވެސް، މި ރާއްޖޭގައި އެންމެ ތަދު އެކައްޗަކީ ސާފު ބޯފެން. ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްވެސް ކުރަންޖެހޭ. އިންސާނުންގެ ދިރިތިބުމާ ސީދާގޮތުން ގުޅިފައިވާ ކަންކަމުގެ ތެރެއިން، ރާއްޖެއަށް އޮތް އެންމެ ނާޒުކު މައްސަލައަކީވެސް ސާފު ބޯފެނުގެ މައްސަލަ. ބިމު އަޑިން ފެން ނަގާ މިންވަރު އިތުރުވުމުން، ގިނަ ރަށްރަށުގެ ފެން ފަށަލަ ވަނީ ވަރަށް ބޮޑަށް ތުނިވެފައި.

މިހާރު ރަށްރަށުގައި ހުރި މަދު ފެންފޮދުވެސް ހުރީ، ރަށުތެރެއަށް ނަޖިސް ފެން ހިންދުމުގެ ސަބަބުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ތަޣައްޔަރުވެފައި. އަދި ކުރިމަގުގައި މި މައްސަލަ ދާނީވެސް އިތުރަށް ގޯސްވަމުން. އަޅުގަނޑުމެން ތިމާވެށީގެ ޙިމާޔަތަށް އިސްކަންދޭއިރު، ބޯފެން އުފެއްދުމުގައި މިހާރުވެސް މި ބޭނުންކުރަނީ، ޑީސަލުން ހިންގާ އިންޖީނުތައް.

އޭގެ ބަދަލުގައި ބޯފެން އުފެއްދުމުގައިވެސް، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމާމެދު ވިސްނަންވެއްޖެ. އަދި ވާރޭފެން ރައްކާކުރުންފަދަ، ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތައްވެސް ބޭނުންކުރަން ފަށަންވެއްޖެ.

މިހާރުވެސް، ގިނަ ރަށްރަށުގެ މީހުން ދިރިއުޅެމުން އެ ދަނީ، އެންމެ އަސާސީ ޚިދުމަތްތައް ކަމަށްވާ، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތްވެސް ނުލިބި. މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުޞޫލަކުން، ހުރިހާ ރަށެއްގައި، އެ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު މި ފަށާ މަޝްރޫޢަކީވެސް، އެ މަސައްކަތުގެ އެއްބައި. އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ފަހުކޮޅު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު، މި ބިމުގައި ހުންނަ ކޮންމެ ގޭބިސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ، އެއްލައްކަ ފަސްދޮޅަސްހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރާ އަވަށެއް. އެމީހުން ދިރިއުޅުމަށް މި އަވަށުގައި ގާތްގަނޑަކަށް ސައްބީސްހާސް ފަސްސަތޭކަ ގޭބިސީ ހުންނާނެ. އެހެންވީމާ، މި ތަނުގައި ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢަކީ، އެމް.ޑަބްލިޔޫ.އެސް.ސީ އިން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢަށްވެސް ވާނެ.

މިއަދު އޮންލައިން