ސުނާމީ އާއި ގުޅިގެން ދޫކުރި ލޯނުތައް މަޢާފްކޮށްދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސުނާމީ އާއި ގުޅިގެން ދޫކުރި ލޯނުތައް މަޢާފްކޮށްދީފި

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރާއި، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަމިއްލަ ފަރުދުންނަށް ދޫކުރި ސުނާމީ ލޯނުތައް ސަރުކާރުން މަޢާފްކޮށްދީފިއެވެ.

 ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކާ ހުރި 30.4 މިލިއަން ރުފިޔާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތީން، ސަރުކާރުން މިއަދު ވަނީ 15.2 މިލިއަން ރުފިޔާ ދައްކައިފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ މި ލޯނުތައް ދޫކޮށްފައިވާ ފަރުދުން ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމާއި، ލޯނު ނުދައްކާ ގިނަ ދުވަސްތަކެއް ވަމުންދާތީ މިކަމުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށްފަހުގައިކަމަށެވެ.

މިގޮތުން، މި ލޯނުތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާގެ %50 (ފަންސާސް އިންސައްތަ) ސަރުކާރުން ދެއްކުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ނުދައްކާ ބާކީ ހުރި 15.2 މިލިއަން ރުފިޔާ މަޢާފްކޮށްދީފައެވެ. މިއާއެކު މި ލޯނުތައް މިވަނީ ޚަލާސްކުރެވިފައެވެ.

 

އަދި، ސުނާމީ ކާރިސާ އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނުހުންނާނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން