ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ސަރަނގު އާދަމް މަނިކު މާލޭގެ މޭޔަރަކަށް ހުންނަވައި، އެމްޑީޕީގެ ވެރިކަމުގައިވެސް ރައްޔިތުންނާ ގުޅުންހުރި ކަންކަމުގަ އަމަލު ކުރެއްވީ ސަރުކާރު ބޭނުންވާހާ ގޮތަކަށް ނޫނެވެ. މިކަމުގެ އެއް ސަބަބު ފެނިގެންދަނީ ޢަރަބިއްޔާ ސްކޫލް ހުރިތަނުގައި ފްލެޓް އެޅުމުގައެވެ.
އިމަރާތުގެ ކުރެހުން ހުށަހެޅުމުން ފުރަތަމަ ވެސް ވިދާޅުވީ އެހައި ގިނަ ބައަކު ދިރިއުޅޭ ތަނެއްގައި ކޮމިޔުނިޓީ ހޯލެއް އަޅަން ފެނިވަޑައިގަންނަވާ ކަމަށާއި އަދި ސައިކަލާއި ވެހިކަލް ޕާކުކުރާނެ ޖާގަ ކުރެހުމަށް ނުލަނީސް ކުރެހުން ފާސް ނުކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ ޕްރެޝަރުތައް ކުރިމަތިކުރުވިއެވެ. އަދި ޓާޓާ ކުންފުނިންވެސް ތަފާތު "ޕްރަޕޯސަލްތައް" ހުށަހެޅިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި ވިދާޅުވަމުން ގެންދެވީ ކުރެހުމުގައި ޕާކިންގ ސްޕޭސް ހިމެނުމަށާއި އެކަން ނުކޮށްފިނަމަ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
ކުރެހުން ފާސްކޮށް ނުދެއްވައި އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތުމުން އިސްތިޢްފާ ދެއްވީ އެވެ. މާލޭގެ މޭޔަރަކަށް ދެން އިސްކުރެވުނު މައިޒާން އަލިމަނިކު މަޤާމާއި ހަވާލުވެވަޑައިގެންނެވިތާ 4 ދުވަސް ތެރޭގައި ޕާކިންސްޕޭސް ޢާއި ނުލައި ކުރެހުން ފާސްކޮށްދިނުމުން އެކަމުގެ ދަތިކަން މިއަދު މިވަނީ އިޙްޞާޞް ކުރަން ރައްޔިތުންނަށް ޖެހިފައެވެ.
ހަމައެޢާއިއެކު ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަމުގައި ވަކިޕާޓީއަކަށް ބެއްލެވުމެއް ނެތި ޚިދުމަތް ކުރެއްވުމުގައިވެސް އާދަމް މަނިކު ވަނީ ޤައުމަށް ނަމޫނާ ދައްކަވައިފައެވެ. އެމްޑީޕީގެ ވެރިކަމުގެ ކުރީކޮޅު މުޅި ރާއްޖެއަށް ފެތުރިގެން ދިއަ ޑެންގީ ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ އާދަމް މަނިކެވެ.
އެއިރުވެސް ޕާޓީތަކުގެ ވާދަވެރިކަން އިންތިހާއަށް އޮތުމުން އެހެން ޕާޓީތަކުގެ މަޖިލިސް މެންބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮތީ އެ މެންބަރުންގެ ދާއިރާތަކަށް އިހްމާލްވެދާނެ ކަމެވެ. ކޮށްދޭން ޖެހޭ ކަންކަމުގައި ލަސްކޮށްފާނެ ކަމަށް ވިސްނިއެވެ. ނަމަވެސް އާދަމް މަނިކު އެ މަސައްކަތުގައި ވެސް ދެއްކެވީ ރައްޔިތުންނަށް ހުރި އިޚްލާޞްތެރިކަމެވެ. ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނީ ޕާޓީއަށް ބެލުމެއްނެތި މައްސަލަ ހައްލުކުރުމަށް އިސްކަންދީގެންނެވެ.
އާދަމް މަނިކު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރަކީ މިހާރަށްވުރެވެސް މާލެ ސިޓީ ކައުންސިލުގައި ވަސީލަތްތައް މާ މަދު އިރެކެވެ. އެހެންކަމާއިއެކު މާލެ ސިޓީއަށް ބޭނުންވި ކަންކަން ފުރިހަމަ ކުރައްވަމުން ގެންދެވީ އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަން ހޯއްދަވައިގެންނެވެ. އަމިއްލަ ކުންފުނިތަކާއި މާލެ ސިޓީ ކައުންސިލާއި އެއިރު އޮތް ގުޅުން ބޮޑުކަމުން ކުންފުނިތަކުން އަބަދުވެސް ތިބީ މާލެ ސިޓީ ކައުންސިލުން އެދޭ ކަންކަން ވީހައި އަވަހަކަށް ކޮށްދޭން ތައްޔާރަށެވެ. މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުން ފަދަ ކަންކަމުގައި ކުންފުނިތަކުން ވަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައެވެ.
އާދަމް މަނިކަކީ ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން ޖަހޭނީ ހަމައެކަނި ސަރުކާރުން ކަމަށް ޤަބޫލު ކުރައްވާ ބޭފުޅެއް ނޫނެވެ. އާދަމް މަނިކު އެއިރުވެސް ވިދާޅުވަމުން ގެންދެވީ މާލެ ސިޓީއަކީ ހަމައެކަނި ސަރުކާރުގެ މިލްކެއް ނޫން ކަމަށާއި މާލެ ސިޓީއަކީ ހުރިހާ ރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އެހެންކަމުން މައްސަލަތައް ހައްލުކުރެވޭނީ އެންމެންގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ.
އާދަމް މަނިކު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ނުދިނުމުންވެސް ސިޓީ ކައުންސިލުގެ ކަންކަން އެހައިބޮޑަށް ފޭލްވެގެން ދިއައީ ހުރިހާ ކަމެއް ކޮށްދޭން ޖެހޭނީ ސަރުކާރުން ކަމަށް ބަލައިގެން ތިބުމުގެ ސިޔާސަތަށް އަމަލުކުރީތީއެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރެވުނު ނަމަ ހުރަސްތައް ގިރާކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވުނީހެވެ.