ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 23

އަހުމަދު
ކިޔުމަށް ހޭދަވާނީ 12މ 8ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 23

(مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا ﴿٥١)އުޑާއި ބިން އުފެއްދެއްވުމުގައި ތިޔަބައިމީހުން އެފަރާތަކަށް ކިޔަމަންތެރިވެފައިވާ އިބްލީސް އާއި އޭނާގެ ދަރިފަސްކޮޅު ބައިވެރި އެއް ނުކުރައްވަމެވެ. އަދި އެތަކެތި ހެއްދެވުމަށް އެބައިމީހުން ހެކިއެއްވެސް ނުކުރައްވަމުއެވެ. އެ ޝައިޠާނުން އުފެއްދެވުމުގެ މާކުރިން އުޑާއި ބިން ވަނީ އުފައްދަވާފައެވެ. އަދިކިއެއްތަ، އެތަކެތި ހެއްދެވީ ހަމައެކަނި ތިމަން އިލާހެވެ. އެކަމުގައި ތިމަން އިލާހާއި އެކުގައި އެހެން ބައިވެރިޔަކު ނުވެއެވެ. މަގުފުރައްދާ ޝައިޠާނުންނަކީ ތިމަން ﷲ ގެ އެހީތެރިން ކަމުގައި ނުހައްދަވަމުއެވެ. ވީމާ، ތިޔަބައިމީހުން ތިމަން ﷲ އަށް އަދާކުރަންޖެހޭ ޙައްގު އެބައިމީހުންނަށް ދޫކޮށްލާ، އެބައިމީހުންނަކީ ތިމަން ﷲ ފިޔަވާ ތިޔަބައިމީހުންނަށް އެހީތެރިވާ ބަޔަކު ކަމުގައި ހެދީ ކޮން ހަމައަކުން ހެއްޔެވެ؟

( وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا )

( الْمُضِلِّينَ ) މަގުފުރައްދާ މީހުން،

(عَضُدًا  ) ތިމަން ﷲ ގެ ދީނަށް ނަޞްރުދޭނޭ ފަރާތެއްކަމުގައި، ސަބަބަކީ މަގުފުރައްދާ މީހުންނަކީ މީސްތަކުން ތިމަން ﷲ ގެ ދީނުން އެއްކިބާ ކުރުވާ މީހުންނެވެ. އެހެންކަމުން، އެފަދަ މީހުންނަކީ ތިމަން ﷲގެ ދީނަށް ނަޞްރުދޭނޭ ބަޔަކުކަމުގައި ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެބައިމީހުންގެ ފަރާތުން ތިޔަބައިމީޙުންނަށް ލިބޭނޭ ފައިދާ އެއް ނެތެވެ. އޭގެބަދަލުގައި އެބައިމީހުންގެ ފަރާތުން ލިބޭނީ ގެއްލުމާއި ހަލާކެވެ.  އެހެންކަމުން، ސަފީހުންނާއި، ހަވާނަފްސަށް ތަބަޢަވާމީހުންގެ ބަހަށް ނުހެއްލޭށެވެ. އެބައިމީހުންގެ ފަރާތުން ތިޔަބައިމީޙުންނަށް ފައިދާ އެއް ނުކުރާނެ ތަނުގައި ލިބޭނީ ގެއްލުމެވެ.

މި އާޔަތުން ދޭހަވަނީ ނުބައި ނުލަފާ ރަޙްމަތްތެރިން ގެންގުޅެގެން ނުވާނެ ކަމެވެ. އަދި އެފަދަ މީހުންގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަންވާނެ ކަމެވެ.

 

( وَيَوْمَ يَقُولُ نَادُوا شُرَكَائِيَ الَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا ﴿٥٢ )

ގިޔާމަތް ދުވަހުގައި މާތް ﷲ މުޝްރިކުންނަށް ބަސްވަޙީ ކުރައްވާ ވަގުތާއި މެދުގައި ހަނދުމަ ކުރައްވާށެވެ. އެބައިމީޙުންނަށް އަންގަވާނެއެވެ. "ތިމަން ﷲ އާއި އެކު އަޅުކަން ކުރުމުގައި ބައިވެރިކޮށް އުޅުނު ތަކެއްޗަށް ގޮވާ ގެންނާށެވެ. މިއަދު ތިމަން ﷲ ގެ ފަރާތުން ތިޔަބައިމީހުންނަށް ލިބެމުންދާ ޢަޛާބުން ސަލާމަތްކޮށްދިނުމަށް އެދި އެތަކެތީގެ ފަރާތުން މަދަދަށް އެދޭށެވެ. އެހިނދު އެބައިމީޙުން އެތަކެތީގެ ފަރާތުން މަދަދަށް އެދޭނެއެވެ. އެހެންނަމަވެސް އެތަކެއްޗަށް އެއްވެސް އެހީތެރިކަމެއް ފޯރުކޯށް ނުދެވޭނެއެވެ. ދެން އެއުރެންގެ މެދުގައި ހުރަހެއް (ނަރަކައިގެ ވާދީ އެއް) މާތް ﷲ ލައްވާނެއެވެ. އެބައިމީހުން ﷲ ފިޔަވާ އަޅުކަން ކުރަން ގެންގުޅޭ ތަކެއްޗަކީ އެބައިމީހުންނަށް އެއްވެސް ކަހަލަ ނަޞްރެއް ދެވޭނެ ފަދަ ބާރެއް ލިބިގެންވާ އެއްޗެއް ނޫންކަން އަންގަވާ ސޫރަތުލް އަންބިޔާގެ 98 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّـهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ ﴿٩٨لَوْ كَانَ هَـٰؤُلَاءِ آلِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ ﴿٩٩﴾ لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ ﴿١٠٠) މާނައަކީ: "ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّهފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުށްޓެވެ.މި ތަކެއްޗަކީ، إلهންތަކެއް ކަމުގައިވީނަމަ، އެ ތަކެތި އެ ތަނަކަށް ނުވަނީހެވެ. އަދި އެހުރިހާތަކެތި އެތާނގައި ދެމިތިބޭނެތެވެ.އެތާނގައި އެއުރެން ނޭވާލާ އަޑުފަށްގަނޑު ހުންނާނެތެވެ. އަދި އެއުރެންނަކަށް އެތާނގައި އަޑެއް ނީވޭނެތެވެ."

(وَجَعَلْنَا بَيْنَهُم مَّوْبِقًا  )

(مَّوْبِقًا  ) އަކީ ހަލާކު ކުރުވާ ތަނެވެ. އެހެނީ އެބައިމީހުންނަށް ހުރަހެއް ލެއްވީމެވެ. އެހުރަހުގެ ސަބަބުން އެބައިމީހުންނަށް ﷲ ފިޔަވާ އަޅުކަންކުރަން ގެންގުޅުނު ތަކެއްޗާއި ހަމައަކަށް ނުދެވޭނެއެވެ. އަދި އެބުދުތަކަށްވެސް އެބައިމީހުންނާއި ހަމައަކަށް ނާދެވޭނެއެވެ. އެބައިމީހުންނާއި އެބުދުތަކާއި ދެމެދުގައި ވަނީ ނަރަކައިގެ ފުންވަޅުގަނޑެކެވެ. އެހެންކަމުން އެފުންވަޅުގަނޑު ހުރަސްކޮށް ނުދެވޭނެއެވެ.  

(وَرَأَى الْمُجْرِمُونَ النَّارَ فَظَنُّوا أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا عَنْهَا مَصْرِفًا ﴿٥٣)

(الْمُجْرِمُونَ ) މުރާދަކީ ކާފިރުން، ސޫރަތުއް ސަޖްދާގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ ﴿٢٢) މާނައަކީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ."

(فَظَنُّوا  ) އެބައިމީހުން ޔަގީން ކުރިއެވެ. މި ލަފްޡުގެ އަޞްލު މާނައަކީ "ހީކުރުން" ކަމުގައިވީނަމަވެސް، "ޔަގީން" ކުރުމުގެ މާނާގައިވެސް އާދެއެވެ. ސޫރަތުލް ބަގަރާގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ﴿٤٦ ) މާނައަކީ: " އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަމާއި، އެކަލާނގެ حضرةއަށް އެނބުރި رجوعވަނިވި ބަޔަކުކަން ކަށަވަރުކޮށް يقينކުރާ މީހުންނެވެ."

(وَلَمْ يَجِدُوا عَنْهَا مَصْرِفًا  ) އެބައިމީހުންނަށް ފިލަންދާނެ ތަނެއް ނުފެންނާނެއެވެ.

(وَلَقَدْ صَرَّفْنَا فِي هَـٰذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا ﴿٥٤ )

( وَلَقَدْ صَرَّفْنَا فِي هَـٰذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ  ) "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآنގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثالބަޔާންކުރެއްވީމެވެ. ﷲ ގެ އެއްކައުވަންތަކަން ބަޔާން ކުރައްވާފައިވެއެވެ. މަރުވުމަށްފަހު އަލުން ދިރުއްވާނެކަން ބަޔާން ކުރައްވާފައިވެއެވެ. ދުނިޔެ އަކީ ކޮންތަނެއްކަން ބަޔާން ކުރައްވާފައިވެއެވެ. އާޚިރަތުގެ ޚަބަރުތައް ދެއްވާފައިވެއެވެ. ބައެއް ފަހަރަށް ތަފްޞީލުކޮށް އަނެއްބައި ފަހަރަށް ކުރުކޮށް ބަޔާން ކުރައްވާފައިވެއެވެ. މިހުރިހާ ކަމަކުން ދޭހަވަނީ ގުރްއާނުގެ ބަލާޣާތްތެރިކަމާއި ފަޞާޙާތްތެރި ކަމެވެ.

ކީރިތި ގުރްއާނުގައި ހުރިހާ ބާވަތަކުން މީސްތަކުންނަށް މިޘާލު ޖައްސަވާފައި ވުމުގެ ޙިކްމަތަކީ: މީސްތަކުން ހަނދާންކޮށް އިބްރަތް ޙާޞިލް ކުރުމެވެ. ނަމަވެސް، ހިތާމައަކީ މީސްތަކުންގެ ތެރޭގައި މިކަންތައްތަކުންވެސް ފައިދާ ނުކުރާ ބަޔަކު އުޅޭ ކަމެވެ.

ކީރިތި ގުރްއާނަކީ މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެއަލިކަމަށް ނެރުއްވުމަށްޓަކައި މުޙައްމަދު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލެއްވުނު ފޮތެވެ. ސޫރަތުލް ޙަދީދްގެ 9 ވަނަ އާޔަތުގައިމާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (هُوَ الَّذِي يُنَزِّلُ عَلَىٰ عَبْدِهِ آيَاتٍ بَيِّنَاتٍ لِّيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ) މާނައަކީ: ” އެކަލާނގެއީ، ބަޔާންވެގެންވާآيةތަކެއް، އެކަލާނގެ އަޅާގެ މައްޗަށް ބާވައިލައްވާ ރަސްކަލާނގެއެވެ. (އެއީ) އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ތިޔަބައިމީހުންނެރުއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّهއީ،ތިޔަބައިމީހުންނާމެދު ނުހަނު އޯގާވަންތަ، رحيمވަންތަ ރަސްކަލާނގެކަންކަށަވަރެވެ”.

ކީރިތި ގުރްއާނުގައި އިސްވެދިޔަ އުއްމަތްތަކުގެމީހުންގެ ވާހަކަ ތަކާއި މުސްތަގްބަލުގައި ވާނޭ ބައެއް ކަންތައް ތަކުގެޚަބަރުތައް އައިސްފައިވެއެވެ. އަދި ޙަލާލު ޙަރާމާއި، ރިވެތި އަޚްލާގާއި،އަޅުކަމުގެ ޙުކުމްތަކާއި މުޢާމަލާތާއި، ނަބީބޭކަލުންނާއި ޞާލިޙުންގެޚަބަރުތަކާއި، މުއިމިނުންނަށް ދެއްވާނޭ ހެޔޮ ޖަޒާ އަދި ކާފިރުވީ މީހުންނަށްދެއްވާނޭ ޢުގޫބާތުގެ ވާހަކަތައް، އަދި ސުވަރުގެ އާއި ނަރަކަ ބަޔާންކުރައްވާ، މިނޫންވެސް ހުރިހާ އެއްޗެއް ބަޔާންކޮށްދެނިވި އެއްޗެއްކަމުގައިވެއެވެ. ސޫރަތުއް ނަޙްލުގެ 89 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށްފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلمންނަށް އޮތް هدايةއެއް ކަމުގައްޔާއި، رحمةއެއް ކަމުގައްޔާއި،އުފާވެރި خبرއެއް ކަމުގައެވެ”.

- ނުނިމޭ -

މިއަދު އޮންލައިން