މިހާރު ތަޅާލާފައިވާ މަސްޖިދުއްޛިކުރާ (މަޖީދީމަގު މއ. ކާމިނީގޭ ކަންމަތި) ގައި ވަގުތީ ގޮތުން ނަމާދުކުރެވޭނެ ގޮތް ހެދުމުގެ ހުއްދަ ދެއްވުމަށް ސަރަނގު އާދަމް މަނިކު އިސްލާމިކް މިނިސްޓްރީގައި އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގެން އާދަމް މަނިކު މިއަދު ވަނީ އިސްލާމިކް މިނިސްޓްރީ އަށާއި މާލޭ ސިޓީ ކައުންސިލަށްވެސް ސިޓީ ފޮނުއްވައިފައެވެ.

މިކަމުގެ އިތުރު ތަފްޞީލަށް މިއަދުނޫހުން އެދުމުން އާދަމް މަނިކު ވިދާޅުވީ މިކަމަށް އެދިވަޑައިގަތީ މިއަހަރުގެ ރަމަޟާން މަސް ވަރަށް ދާދިގާތްވެފައިވާއިރު މިސްކިތުގައި ނަމާދު ނުކުރެވެމުން ވަރަށް ބޮޑަށް ދަތިވާނެކަން ގިނަ ބައަކު ފާހަގަކޮށް އެކަމަށް އެދޭތީ ކަމަށެވެ. "މުޅި މައްޗަންގޮޅީގައި ވެސް މިހިރީ މިހާރު ނަމާދު ކުރެވޭ ކުޑަވަރެއްގެ 2، 3 މިސްކިތް، ރައްދެބައިމަގުގަ ކުޑަ 2 މިސްކިތަކާ ޗާންދަނީ މަގުގަ މިސްކިތެއް. މާވެޔޮ މިސްކިތް ވެސް އެހެރީ ނަމާދު ނުކުރެވޭ ގޮތަށް. ރަމަޟާން މަހަށް މާވެޔޮ މިސްކިތް ހުޅުވި ނަމަވެސް މައްޗަންގޮޅީގެ ރައްޔިތުންނަށް ނަމާދުކުރެވޭ ވަރަކަށް ޖާގައެއް ނުލިބޭނެ."
މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް އާދަމް މަނިކު ކުރިމަތިލައްވާފައިވާކަން ފާހަގަކުރުމުން އާދަމް މަނިކު ވިދާޅުވީ މިއީ މަޖިލިސް އިންތިޚާބާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ.
އާދަމް މަނިކުގެ ވާހަކަފުޅުން:
"ކަމަކަށް ކުރިމަތިލައިގެން ގޭގެއަށް ވަދެ މީހުންނާއި ބައްދަލުކޮށް އުޅުނީމަ މިފަދަ ކަންކަން މިފެންނަނީ. ރޯދަމަސް އައިސް ބޯމަތިވެއްޖެ. ދާއިރާގަ ހުރި މަސްޖިދުއްޛިކުރާ ދާއިރާ އާ އެންމެ ކައިރީގަ ހުރި މާވެޔޮ މިސްކިތް ހުރީ ތަލާލައިފަ. ވީމާ ދާއިރާގެ މެދުތެރޭގަ ދިރިއުޅޭ މީހުންނަށް ރަމަޟާން މަހު މިސްކިތަށް ގޮސް ނަމާދުކޮށްލައި އުޅުން ވަރަށް އުނދަގޫވާނެ. އެހެންވެ އަޅުގަނޑު ސަރުކާރަށް ހުށަހަޅާފައިވާނެ އެކަން އަޅުގަނޑު ކޮށްލަދީފާނަމޭ ހުއްދަ ދެއްވަނިކޮށް. އަޅުގަނޑު އިންތިޚާބުވުމާ ނުވުމާ އެއީ މިކަމާ ހަޤީޤަތުގަ ގުޅުމެއް ހުރި ކަމެއް ނޫން. އެކަމަކު އަޅުގަނޑު ކަމެއް ކޮށްފިނަމަ އަބަދުވެސް ކޮންމެވެސް ކަމަކާއި ގުޅުވައިގެން ވާހަކަދައްކާނެ. އެއީ އަޅުގަނޑަކަށް މައްސަލައެއް ނޫން. ވޯޓަސްވުރެ ގިނަ ސަވާބު އެކަން ކޮށްލެވިއްޖެނަމަ އަޅުގަނޑަށް ލިބޭނެ.
އަޅުގަނޑަކީ 2009 ވަނަ އަހަރު ހައްޖު ގްރޫޕެއް ބަނގުރޫޓުވެގެން ދިއުމުން 80 އަށްވުރެ ގިނަ މީހުން ހައްޖަށްފޮނުވާ 100 އަށްވުރެ ގިނަ މީހުން ޢުމުރާއަށް ފޮނުވާ އަދި އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެކިއެކި ޤްރްއާން ކްލާސްތަކަށް އެހީދީ، އަޅުގަނޑު ފުރަގަހުގައި ހުރެ ކުރިމަތީގައި އެހެން ބައަކު ބައިތިއްބައިގެން ދީނީ ކަންކަން ކުރާ މީހެއް. އެވާހަކަތައް އެހައި ތަފްޞީލްކޮށް ދައްކާކަށް ބޭނުމެއް ނޫން. އަޅުގަނޑަށް ވެވުނު ވަރަކުން އެކަންކަން އަޅުގަނޑު ކުރާނަން. އެކަމަކާ ސިޔާސީ ވިސްނުމަކާ އެއްވެސް ގުޅުމެއް ނެތް. ގުޅުވާ ކަމަށްވާނަމަ އަޅުގަނޑު ދަންނަވާނީ އެކަމުން ޝިފާ ލިބޭ ބޭފުޅުން އަޅުގަނޑަށް ވޯޓުވެސް ދެއްވާށޭ. އަޅުގަނޑަކީ ވަރަށް ފްރޭންކް ތެދުވެރި މީހެއް،"
އާދަމް މަނިކުގެ ވާހަކަފުޅު: