ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 22

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 29ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍ 22

މަލާއިކަތުންނަށް އީމާންވާނީ ކިހިނެއް؟

1 – މަލާއިކަތުންނަށް އީމާންވުމުގައި، އެ މަލާއިކަތުންނަކީ ޣައިބުގެ ޢާލަމުތަކުގެ ތެރެއިންޢާލަމެއްކަމާއި، މީސްތަކުންގެ ލޯމައްޗަށް ﷲ ތައާލާގެ އިޒްނައާއެކު އެއިލާހުއިރާދަކުރެއްވި އަޅަކަށް އެމަލާއިކަތުން ފެނުންވެސް އެކަށީގެންވާ ކަމަށް އީމާންވާންޖެހެއެވެ. ނަމަވެސް އަޞްލަކީ އެ މަލާއިކަތުންނަކީ މީސްތަކުންގެ ލޯމައްޗަށް ނުފެންނަ މަޚްލޫޤެއްކަމާއި އެއީ ނޫރުން ޚަލްޤުކުރެވިފައިވާ މަޤްލޫޤެއްކަމަށް އީމާންވާންޖެހެއެވެ. އަދި އެމަލާއިކަތުން ދުވަހަކުވެސް ﷲ ތަޢާލާއަށް ނުއުރެދޭނެކަމާއި ﷲ ތަޢާލާ އަމުރުކުރައްވާ ކޮންމެކަމެއް ކުރައްވާކަމަށް އީމާންވާންޖެހެއެވެ. ﷲ ތަޢާލާ التحريمސޫރަތުގެ 6 ވަނަވަޙީކުރައްވާފައި ވެއެވެ.لايَعْصُونَاللَّهَمَاأَمَرَهُمْوَيَفْعَلُونَمَايُؤْمَرُونَމާނަ : ”އެމަލާއިކަތުންނަކީ ﷲ ތަޢާލާގެ އަމުރުރުފުޅުތަކަށް އުރެދޭ ބަޔެއްނޫނެވެ.އަދި އަމުރު ވެވޭ ކަންތައްތައް ކުރައްވައެވެ.”

2 – އަދި އަޅުގަނޑުމެނަށް ކީރިތިޤުރުއާނާއި ނަބިއްޔާޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ޞައްޙަ ޙަދީޘްތަކުން،ޘާބިތުވާންހުރި، މަލާއިކަތުންގެ ނަންފުޅުތަކާއި އަދި އެމަލާއިކަތުންގެوَظِيْفَةތައް ޤަބޫލުކޮށް އެއަށް އީމާންވާންޖެހެއެވެ.

މާލާއިކަތުންނަށް އީމާންވުމުގެތެރެއިން ލިބޭ ބައެއް ފައިދާތައް :

  • ތަބާރަކަ ވަތަޢާލާގެ މަތިވެރިކަމާއި އެއިލާހުގެ ވެރިކަމުގެ ހައިބަވަންތަކަމާއި ބޮޑުކަން ހާމަވެގެންދެއެވެ.
  • އާދަމުގެ ދަރިންގެ ރައްކާތެރިކުރެއްވުމަށް ﷲ ތަޢާލަ މަލާއިކަތުން ލައްވާފައިވުމުން ، އެކަމަށްޓަކައި އެއިލާހަށް ޝުކުރުވެރިވުން.
  • ތަޢާލާގެ އަށް އަޅުވެތިވުމުގައި ތިބޭ އަޅުންނަށް މަލާއިކަތުންލޯބިކުރުން. އަދި މަލާއިކަތުންގެ އެމީހުންނަށްޓަކައި އިސްތިޣްފާރުކުރުން.[1]

(اسْجُدُوا لِآدَمَ  ) ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މިތަނުގައި ސަޖިދަކުރަން އަމުރުކުރައްވާފައިވަނީ ތަޙިއްޔަތުގެ ސަޖިދަ އެކެވެ. މާނައަކީ އިޙްތިރާމް ކުރުމުގެ ގޮތުން ގުދުވެލުމެވެ. އެއީ ބިންމައްޗަށް ތިރިވެ ނިތްކުރި ޖައްސައިގެން ކުރާ ސަޖިދަ އެއް ނޫނެވެ. ސަބަބަކީ ނިތްކުރި ޖައްސައިގެން ކުރާ ސަޖިދަ އަކީ ހަމައެކަނި ﷲ އަށް ކުރެވޭ ސަޖިދަ އަކަށް ވާތީވެއެވެ.

ނަމަވެސް ރަގަޅު ގޮތަކީ މިއީ ނިތްކުރިމައްޗަށް ތިރިވެ ކުރެވޭ ސަޖިދަ އެއް ކަމަށެވެ. މިފަދައިން ސަޖިދަ ކުރެވެނީ ﷲގެ އަމުރުފުޅު ތަންފީޛު ކުރުމުގެ ގޮތުންނަމަ، އެކަންވާނީ ކިޔަމަންތެރި ވުމަށެވެ. އިބްރާހީމް ޢަލައހިއްސަލާމް އަށް އެކަލޭގެފާނުގެ ދަރިކަލުން ޛަބަޙަ ކުރުމަށް ކުރެވުނު އަމުރު ތަންފީޛު ކުރައްވާ އެކަން ކުރުމަށް މަސައްކަތް ކުރެއްވިއެވެ. އަމިއްލަ ދަރި މަރާލުމަކީ އޭގެ ސަބަބުން ރަޙިމްގެ ގުޅުން ކެނޑިގެންދާ ބޮޑު ފާފައެކެވެ. ނަމަވެސް، ﷲ ގެ އަމުރުފުޅަށް އެކަން ކުރެއްވުމުގެ ސަބަބުން އެކަމަކީ ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރެވުނު ކަމެއްކަމުގައިވިއެވެ.  އެހެންކަމުން، އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ޖަހަން ކުރެވުނު އަމުރަކީ ﷲ ގެ ޙަޟްރަތުން އައި އަމުރެއް ކަމުން، އެކަން ވެގެންދާނީ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރެވުނު ކަމަކަށެވެ. ނަމަވެސް، އެނޫންގޮތަކަށް ކުރެވުނު ކަމެއްނަމަ، އެކަންވާނީ ޝިރްކަކަށެވެ.

އާދަމް ޢަލައިހިއްސަލާމް އަކީ އެންމެހައި އިންސާނުންގެ ބަފައެވެ. މާތް ﷲ އެކަލޭގެފާނު އުފައްދަވާފައިވަނީ މަށިން، އެކަލާންގެ ދެއަތްޕުޅުންނެވެ. އެކަލާންގެ ދެއަތްޕުޅުން އުފެއްދެވީ އާދަމް ޢަލައިހިއްސަލާމް އާއި ޖަންނަތު ޢަދްނެވެ. އަދި ތައުރާތު ލިޔުއްވީ އެކަލާންގެ އަތްޕުޅުންނެވެ. އެކަލޭގެފާނަކީ ނަބިއްޔެކެވެ.

( فَسَجَدُوا) ﷲގެ އަމުރުފުޅު ތަންފީޛު ކުރައްވާ ހުރިހާ މަލާއިކަތް ބޭކަލުން ސަޖިދަ ކުރެއްވިއެވެ.

( إِلَّا إِبْلِيسَ ) އިބްލީސްފިޔަވައެވެ. އިބްލީސް އަކީ ޝައިޠާނާ އެވެ. އޭނާ ސަޖިދަ އެއް ނުކުރެއެވެ. އޭނާ ﷲ އަށް ކިޔަމަންތެރި ވުމުން ބޭރުވީއެވެ. ބޮޑާކަމާއި ޙަސަދަވެރި ކަމާއި އެކު ސަޖިދަ ކުރުމުން މަނާވެގަތީއެވެ.

(فَفَسَقَ عَنْ أَمْرِ رَبِّهِ   ) އޭނާގެ ރައްބަށް ކިޔަމަންތެރިވުމުން ބޭރުވެގަތެވެ.

ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. މިއާޔަތުގެ ބޭރުފުށުން ފެންނަ މާނަ އަކީ އިބްލީސް އަކީ މަލާއިކަތެއް ބޭކަލެއް ކަމަށެވެ. ނަމަވެސް، ޙަގީގަތަކީ އެއީ އެއް ނޫނެވެ. ސަބަބަކީ އޭގެ ފަހަތުގައި އަންގަވަނީ ( إِلَّا إِبْلِيسَ ) "އިބްލީސް ފިޔަވައެވެ." އަދި އެއަށްފަހު އަންގަވަނީ (كَانَ مِنَ الْجِنِّ  ) އޭނާވީ ޖިންނީންގެ ތެރެއިންނެވެ. އެހެންކަމުން، މަލާއިކަތް ބޭކަލުންނަށް އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވުނު ފަދައިން، ޖިންނީންނަށްވެސް އެކަމުގެ އަމުރު ކުރެއްވުނެވެ.

އިބްލީސް ނުކިޔަމަންތެރިވުމުގެ ގޮތުން ބުނިކަމަށް ސޫރަތު ޞާދުގެ 76 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( قَالَ أَنَا خَيْرٌ مِّنْهُ ۖ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ ﴿٧٦ )އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ.

(أَفَتَتَّخِذُونَهُ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ އިބްލީސް އާއި އޭނާގެ ދަރިފަސްކޮޅު ﷲ ފިޔަވާ އެހީތެރިންކަމުގައި ހެދިމީހުންނަށެވެ. އެގޮތުން އެބައިމީހުން ޝައިޠާނާ އަށް އަޅުކަންކޮށް، އަދި ﷲ އަށް އަޅުކަން ކުރުމުން ދުރުހެލިވެގަތީއެވެ. ސޫރަތު ޔާސީންގެ 60 އަދި 61 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٦٠ وَأَنِ اعْبُدُونِي ۚ هَـٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١  ) މާނައަކީ: " އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން شيطانއާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ عداوةތެރިޔެކެވެ. އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ."

(وَذُرِّيَّتَهُ  ) އޭނާގެ ދަރިފަސްކޮޅު.  ބައެއް މީހުން ސުވާލުކުރެއެވެ. އިބްލީސްގެ އަންބަކު ހުރޭ ހެއްޔެވެ؟ ބައެއް ސަލަފުންނާއި މިސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ. "އޭނާގެ ކައިވެނީގެ ޢަގްދަށް ތިމަންނާ ޙާޟިރު ނުވަމެވެ." ޙަގީގަތުގައި މިއީ ބޭނުމެއް ނެތް ސުވާލެކެވެ. އަޅުގަޑުމެންގެ މައްޗަށް ވާޖިބު ވެގެންވަނީ ގުރްއާނުގައި އަންގަވާފައިވާ މިންވަރަށެވެ. ގުރްއާނުގައި އަންގަވާފައިވަނީ އޭނާގެ ދަރިފަސްކޮޅެއްވާ ކަމަށެވެ. އެއީ އަންބެއްގެ ފަރާތުން ވިޔަސް ނުވަތަ ނޫން ވިޔަސް އެވެ. މަންމަ އަކާއި ނުލާ ޙައްވާ ޢަލައިހިއްސަލާމް އުފެއްދެވި ފަދައިން އިބްލީސް އަށް އަންބަކާ ނުލާ ދަރިފަސްކޮޅެއް ދެއްވުމަށް ކުޅަދުންވަންތަ ވޮޑިގެންވެއެވެ.

(أَوْلِيَاءَ مِن دُونِي ) ތިމަން ﷲ ފިޔަވާ، އެބައިމީހުންނަކީ ތިޔަބައިމީހުން ލޯބިވާ ބަޔަކު ކަމުގައި ހަދާ، އަދި އެބައިމީހުންގެ އަމުރުތަކަށް ތަބަޢަވެ،

(وَهُمْ لَكُمْ عَدُوٌّ) އެބައިމީހުންނަކީ ތިޔަބައިމީހުންގެ ޢަދާވާތްތެރިން ކަމުގައިވީ ހިނދުގައިވެސް، އެބައިމީހުން އަރިސްބަޔަކު ކަމުގައި ހަދަނީއެވެ. ސޫރަތުލް ބަގަރާގެ 208 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ﴿٢٠٨) މާނައަކީ: " އަދި شيطانއާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبعނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ شيطانއާ އަކީ ތިޔަ ބައިމީހުންނަށް ހުރި بيانވެގެންވާ عدوّއެކެވެ."

ސޫރަތު ފާޠިރުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ ﴿٦ ) މާނައަކީ: " ހަމަކަށަވަރުން، شيطانއާއަކީ، ތިޔަބައިމީހުންނަށްވާ عداوةތެރިޔެކެވެ. ފަހެ، އެ شيطانއާއީ، عداوةތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعةއަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهلވެރިންގެތެރެއިން ވުމަށެވެ."

(بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠ ) "އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!"

 

- ނުނިމޭ -  

މިއަދު އޮންލައިން