ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ޢަރަބިބަހުން ލިޔެފައިވާ މަޖަލާއެއް ފުރަތަމަ ފަހަރަށް ނެރެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ޢަރަބިބަހުން ލިޔެފައިވާ މަޖަލާއެއް ފުރަތަމަ ފަހަރަށް ނެރެފި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ޢަރަބިބަހުން ލިޔެފައިވާ މަޖަލާއެއް ފުރަތަމަ ފަހަރަށް ނެރެފިއެވެ. 

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ތަފާތު ދާއިރާތަކުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ކުރެވެމުންދާ މަސައްކަތްތަކަށް މި މަޖައްލާގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. ޚާއްބަކޮށް ރާއްޖޭގައި އިސްލާމީ ފަތުރުވެރިކަން ކުރިއަރުވަން ކުރެވޭ މަސައްކަތްތަކަށް މި މަޖައްލާގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. 

ޢަލީ ވަޙީދު ވިދާޅުވީ އަރަބި ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަވަށްޓެރި އިންޑިއާ ފަދަ ޤައުމުތަކުގައި ވެސް ރާއްޖެ އިޝްތިހާރުކުރަން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. 

މިބައްދަކުވުމުގައި ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ހަލާލް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި ދުނިޔޭގެ ނިޞްބަތުގައި މިހާރުވެސް ހަލާލު ޓޫރިޒަމް ކުރިއަރައި 300 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި އަރަބި ފަތުރުވެރިންނަކީ އެންމެ ގިނައިން ހޭދަކުރާ އަދި އެންމެ މުއްސަނދި ފަތުރުވެރިން ކަމަށެވެ. 

ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ކޮންމެ އަހަރަކު ވެސް 3 ފެއާއެއްގައި މި މަޖައްލާ ބަހާނެ ކަމަށާއި އަދި އޮންލައިންކޮށް ވީހައި ގިނަ ބައަކަށް ކިޔޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. އަދި މަޖައްލާ ރަސްމީކޮށް ނެރުން އޮންނާނީ އަންނަ މަހު ފަހުކޮޅު ދުބާއީގައި ބާއްވާ ފެއާއެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރިޒޯޓުތަކުގަ އާއި އެއާޕޯޓުގައި މަޖައްލާ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. "ރާއްޖޭގަ އިސްލާމީ ފަތުރުވެރިކަން ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް، އެހެންވެ މަޖައްލާގަ އޮންނާނެ އެކަމަށް ޚާއްޞް ލިޔުމެއް."   

މަޖައްލާ ނެރެފައިވަނީ ކެޔޮދޫ ދާއިރާގެ މެންބަރު ޝައިޚް މޫސާ ނިޒާރު އިސް ދައުރެއް އަދާކުރައްވާ ކޮމްފޮރޓް ޓްރެވަލް އެންޑް ޓްއާރސް އިންނެވެ. މި މަޖައްލާ މިހާރުވެސް ވަނީ ސައުދިއަރަބިޔާގެ ރިޔާޟްގައި ބޭއްވި ފެއާއެއްގައި ބަހައިފައެވެ. އެ ފެއާގައި ވަނީ މަޖައްލާއަށް ވަރަށް ބޮޑު ތަރްޙީބެއް ލިބިފައިކަމަށް ކޮމްފޮރޓް ޓްއާރސް އިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން