ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމުގެ މަސައްކަތަށް ބައްލަވާއިރު ފާހަގަކުރެއްވޭ މުހިއްމު ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެއިގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ފުރިހަމަވާންޖެހޭ އެތައްކަމެއް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ފުރިހަމަނުވާކަން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ މުހައްމަދު ޙަމީދު ވިދާޅުވީ މި ސްޓްރެޓީޖިކް ޕްލޭން އާއިއެކު ޤަވްމީ ފެންވަރުގައި މައިގަނޑު 3 ސްޓްރެޓެޖީ އެއް ކަނޑައެޅެން އެބަޖެހޭ ކަމަށާއި އަދި ނެޝަނަލް ލެވަލްގެ އެ ކަނޑައެޅޭ ސްޓްރެޓެޖީ ތަކާއި އެއްގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވާންޖެހޭ ކަމަށެވެ.

ސީޕީ ޙަމީދު ވިދާޅުވީ އެގޮތުން މަސްތުވާތަކެތި އެތެރެކޮށް، އެއިގެ ވިޔަފާރިކުރުމާއި ބޭނުންކުރުން ފުޅާވެފައިވާތާ އެތަކެއް އަހަރުތަކެއްވެފައިވީނަމަވެސް، މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގައި ބުނާ، ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ފަރާތުން ކަނޑައަޅާފައިޥާ ގައުމީ ފެންވަރުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތައް އަޅާނޭ ސްޓްރެޓިޖީއެއް ނުވަތަ ޕްލޭނެއް ނެތް ކަމަށެވެ. ހަމަ އެހެންމެ، ކުށް މަދު ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާނެޝަނަލް ކްރައިމްޕްރިވެންޝަން ސްޓްރެޓެޖީއެއް ވުޖޫދަށް ގެންނަން އެބަޖެހޭ ކަމަށާއި އަދި ސްޓްރީޓް ވައިލެންސް ނުވަތަ މަގުމަތީގައި ހިންގާ މާރީމާރީތަކާއި އެހެނިހެން ބޮޑެތި ކުށްތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އެންމެ ފުރިހަމަ ގޮތުގައި އޮންނާނެ ސިޔާސަތެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި ހަމަ އެއާއެކު ރައްޔިތުންގެ ރައްކާތެރިކަމަށް މުއައްސަސާތައް ގުޅިގެން ހަރުދަނާ އަދި ނަތީޖާނެރެވޭ ފަދަ މަސައްކަތްތަކެއް ކުރާނެ ސަގާފަތެއް އަދި ރަނގަޅު އިންތިޒާމްތަކެއް މިއަދު ވެސް ނެތް ކަމަށެވެ.
މިކަންކަން މިހެން ހުރިއިރު މިއަދުގެ ޙާލަތަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައިވުން ކަމަށާއި ރޭވިގެން ގުރޫޕު ހަދައިގެން ނުރައްކާތެރި ކުށްތަކަށް އަރައިގަތުމާއި، ތޫނުހަތިޔާރު ބޭނުންކޮށް މާރާމާރީ ހިންގުމާއި، މީހުން މެރުންފަދަ ކުށްތަކާއި އެކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ދެމެހެއްޓެނިވި ފިޔަވަޅުތައް އެޅުމުގައި އަޅުގަނޑުމެން ވެސް ހިމެނިގެން މުޅި ނިޒާމު މިވަނީ އިހުމާލުވެފައި ކަމަށްވެސް ސީޕީ މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

ސީޕީ މުޙައްމަދު ޙަމީދުގެ ވާހަކަފުޅުން:
ފުލުހުންގެ ޚިދުމަތުގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރެވޭ މިދުވަހަކީ ފުލުހުންގެ މުއައްސަސާގެ ހަޔާތުގައި ވަރަށް މުހިއްމު ހަތަރު އަނގޮޅިއަކަށް އާދެވިފައިވާ ވަގުތަކާ ބައްދަލުވާ ދުވަހެއް. އަޅުގަނޑުމެން އެންމެނަށް މިހާރު ދަސްވެފައިވާ އެއް ކަމަކީ ޑިމޮކްރެޓިކް މުޖްތަމައުއެއްގައި، ޑިމޮކްރެޓިކް އުސޫލުތަކާއި، އިންސާނީ ހައްގުތައް ނެގެހެއްޓުމާއި، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ފުލުހުންގެ ދައުރު ވަރަށްވެސް މުހިންމުކަން. މަދަނީ ފުލުހުންގެ ޚިދުމަތް 2004 ސެޕްޓެމްބަރ 1 ވަނަ ދުވަހު ފެށިގެން އައިފަހުން ދިވެހިރާއްޖެއަށް މި ފަހަކުން އައިސްފައިވާ ސިޔާސީ އަދި އިޖުތިމާއީ ބަދަލުތަކުގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން އައި އައުމުގައި ޑިމޮކްރެޓިކް މުޖުތަމައުއަށް ފެތޭ އަދި އެވައްޓަފާޅި ދައްކުވައިދޭ ފުލުހުންގެ މުއައްސަސާއެއް އެންމެ ފުރިހަމައަށް އުފެދުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ. މިއީ ދައުލަތުގެ އެތައް މުއައްސަސާއަކަށް ކުރިމަތި ވެފައިވާ ހާލަތެއް ކަމުގައިވީނަމަވެސް ,ފުލުހުންގެ މުއައްސަސާ ރައްޔިތުންގެ މަސްލަހަތަށްޓަކައި ފުރިހަމައަށް ބައްޓަންކުރުމުގެ މަސައްކަތް ނުކޮށް އަޅުގަނޑުމެނަށް ތިބެވޭކަށް މިއަދަކު ނެތް. ފުލުހުންގެ މުއައްސަސާ އަދި ފުލުހުންގެ ޚިދުމަތްތައް ވަރަށް ބޮޑަށް ހަރުދަނާ ވާންޖެހޭކަމަށް ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރައްވާ. 2019 ޖަނަވަރީ 2 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތާ މެދު ރައްޔިތުން ދެކެވަޑައިގަންނަވާގޮތާއި، ހުށަހަޅުއްވަން ބޭނުންފުޅުވާ ޚިޔާލުތައް ހުށަހެޅުއްވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރީމު. އެ އިލްތިމާސަށް ރައްޔިތުން ވަރަށް ބޮޑު އިޖާބައެއް ދެއްވި. އެ ގޮތުން ފުލުހުންގެ ޚިދުމަތާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ހުރި ޚިޔާލުތައް ހުށަހެޅުއްވުމުން އެއަޑު އަޅުގަނޑުމެން އަހައިފީމު. އާންމު ރައްޔިތުންގެ އިތުރުން ފުލުހުންގެ މަސައްކަތާ ގުޅުންހުރި އެތަކެއް ފަރާތެއް އަދި މުއައްސަސާތަކެއްގެ ކިބައިން މައުލޫމާތު ހޯދައިފީމު. އަޅުގަނޑުމެން މިހާރުމިވަނީ އެމައުލޫމާތުތަކާއި ޚިޔާލުތަކުގެ މައްޗައް ފުލުހުންގެ މުއައްސަސާ އަދި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ފަށައިފަ. މިރޭގެ މި ރަސްމިއްޔާތުގައި ހާމަކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓިޖިކް ޕްލޭނަކީ އޭގެ އެއް ޙަޤީޤަތް. އެ ޕްލޭނަކީ 2019 ން 2024 އަށް މި ކަންކަމަށް މަގުދައްކައިދޭނެ އިތުބާރުހުރި އާރުކާޓީއެއް.
ސީޕީ މުޙައްމަދު ހަމީދުގެ ވާހަކަފުޅު އަޑު އެއްސެވުމަށް: