އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ ރަނގަޅަށް: ސިވިލް ކޯޓު

ކިޔުމަށް ހޭދަވާނީ 56ސ
އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ ރަނގަޅަށް: ސިވިލް ކޯޓު

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ. 

އެކޮމިޝަނުން 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ރާއްޖެޓީވީ ޖޫރިމަނާ ކުރީ، އެއިރުގެ ރައީސް އަބްދުﷲ ޔާމީން ގެ އަބުރަށް ގެއްލުންވާ ގޮތަށް ކޮންޓެންޓް ގެނެސްދިން ކަމަށް ބުނެއެވެ. 

ރާއްޖެޓީވީގެ ފަރާތުން އެފައިސާ ދެއްކުމަށްފަހު، އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ވެސް އެއަހަރުއެވެ. އެމައްސަލަ ބެއްލެވި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ، އެއީ އަބުރުގެ ޤާނޫނާއި ޚިލާފަށް ކުރި ޖޫރިމަނާއެއްކަން ސާބިތު ނުވާ ކަމަށެވެ. އެހެންކަމުން ބްރޯޑްކޮމް ގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑަނޭޅޭނެ ކަމަށް ވެސް އެހުކުމުގައިވެއެވެ. 

ރައީސް ޔާމީން ސަރުކާރުގައި އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ރާއްޖެޓީވީ ވަނީ ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާއި ހަވާލުވެ ވަޑައިގަތް ފަހުން އަބުރުގެ ޤާނޫނު ވަނީ އުވާލާފައެވެ.

 

 

މިއަދު އޮންލައިން