ދައުލަތުގެ ބަޖެޓުން މިހާރުވެސް އެންމެ ބޮޑު އިންވެސްޓެއް ކުރެވެނީ ފުލުހުންނަށް - ނަތީޖާ ފެންނަންވާނެ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދައުލަތުގެ ބަޖެޓުން މިހާރުވެސް އެންމެ ބޮޑު އިންވެސްޓެއް ކުރެވެނީ ފުލުހުންނަށް - ނަތީޖާ ފެންނަންވާނެ!: ރައީސް ޞާލިޙް

ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ނެތްކަން ވެސް ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން މިހާރުވެސް އެންމެ ބޮޑު އިންވެސްޓެއް ކުރެވޭ ބައަކީ ފުލުހުން ކަމަށްވުމުން ފުލުހުންގެ ފަރާތުންގެ ފަރާތުން ނަތީޖާ ފެންނަންވާނެ ކަމަށާއި އެ ނަތީޖާއަކީ ހަމަޖެހިގެން ދިރިއުޅެވޭނެ އަމާން މާހައުލެއް ޤާއިމުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ދިވެހި ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ރސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްކައުތެރިކަމާއި އިތުބާރާއި ޔަޤީންކަމާއިއެކު ދެވެމުންދާ ޚިދުމަތެއް ނަމަ ކޮންމެ ރައްޔިތެއްގެ މޫނުމަތިން ފެންނަންވާނީ އުފާވެރި ހިނިތުންވުން ކަމަށެވެ. އަދި ފުލުހަކާއި ބައްދަލުވާހިނދު ރައްޔިތު މީހާއަށް ކުރެވެންވާނީ އަމާންކަމާއި ބިރެއް ނެތްކަމުގެ އިޙްޞާޞް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނަށް އިޙްތިރާމާއި ލޯބި އުފެދެން ފަށާނީ ރައްޔިތުންގެ ހިތްތަކުގައި މިދެންނެވި އިތުބާރު އުފެދިގެން ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިދިއަ އަހަރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ ތަޞައްވުރު އޮތީ ވަރަށް ބިރުވެރި ސިފައެއްގައި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ގެންނަންފެށި ބަދަލުތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފި ކަމަށާއި ރައްޔިތުންނާއި ގުޅީގެން މަސައްކަތްކުރުމުގެ ހެޔޮ އަސަރު މުޖުތަމައުން މިހާރު ވެސް އަންނަނީ ފެންނަމުން ކަމަށެވެ.   

"ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަދުލުއިންޞާފު ނުލިބުން. ޢަދުލްއިންޞާފަށް ވާސިލުވުމުގެ އެންމެ ފުރަތަމަ މަރުޙަލާއަކީ ފުލުހުންގެ ތަޙްޤީޤް. އެހެންވީމާ ފުލުހުންގެ ތަޙްޤީޤްތައް މިހާރަށްވުރެ އެތައް ގުނައެއް އަވަސްކުރަންޖެހޭ. ފުލުހުންގެ ތަޙްޤީޤް ބިނާކުރަންވާނީ ކުށްވެރިޔާއަށް ސަލާމަތް ނުވެވޭނެ ގޮތަށް. އަދި ކުށް ނުކުރާ މީހާއަށް ޖަލަށް ވަންނަން ނުޖެހޭނެ ގޮތަށް." ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.  

މިއަދު އޮންލައިން