ސްޕެޝަލް އޮލިމްޕިކްސް - ވަރލްޑްގޭމްސް ގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ރައީސް ޞާލިޙް މަރުހަބާ ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ސްޕެޝަލް އޮލިމްޕިކްސް - ވަރލްޑްގޭމްސް ގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ރައީސް ޞާލިޙް މަރުހަބާ ވިދާޅުވެއްޖެ

ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށްޓަކައި ހުރިހާ އެތުލީޓުންނަށާއި އޮފިޝަލުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައި، މަރުހަބާ ވިދާޅުވެއްޖެއެވެ. 

މި މަހުގެ 14 އިން 21 އަށް އަބޫދާބީގައި ކުރިއަށްދިއަ ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ދިވެހިރާއްޖެ ތަމްސީލުކުރި ޓީމާ، ރައިސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.  

މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމުން ހޯދި ބޮޑު ކާމިޔާބީއަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ވަރަށް ބޮޑު އުފަލެއް ލިބިގެންދިއަ ކަމެއް ކަކަމަށެވެ. 

މި ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ދެއްކި ވާހަކައިގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި ދާއިރާތަކުން ފުރުސަތުތައް ހޯދައިދިނުމަށް، ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީއިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ. އަދި، ކުރިއަށް އޮތް ތަނުގައިވެސް ދުނިޔޭގެ ފެންވަރުގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ރާއްވަވާފައިވާ ކަމުގައި ވެސް ދެންނެވިއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުގައި މިވަގުތު އެންމެ ބޮޑަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވައިފައެވެ. 

ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ދިވެހިރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ 2 އަންހެން އެތުލީޓުންނާއި، 2 ފިރިހެން އެތުލީޓުންނެވެ. މިމުބާރާތުގެ ނިއުނޭޝަންގެ 200 މީޓަރ ކެޓަގަރީގެ ފިރިހެން ދުވުންތެރިންގެ ފައިނަލް ހީޓްގައި ވާދަކޮށް، ރާއްޖޭގެ ވަސްމީ ވަޙީދު ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި ނިއުނޭޝަންގެ 100 މީޓަރ ކެޓަގަރީގެ ފައިނަލް ހީޓުން 1 ވަނަ ހޯދައިގެން ސިފްނާ އިބްރާހީމް ވަނީ ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ. 

ސްޕެޝަލް އޮލިމްޕިކްސް - ވޯލްޑްގޭމްސް 2019 އަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވެ، ވާދަވެރި މާޙައުލެއްގައި އެފަދަ ފަރާތްތަކުގެ ޤާބިލިއްޔަތުކަމަށް ރިޢާޔަތް ކުރެވިގެން އިންތިޒާމް ކުރެވޭ ބައިނަލްއަޤްވާމީ މުބާރާތެކެވެ.

މިއަދު އޮންލައިން